ހުޅުމާލޭގައި 4 ސްކްރީނުގެ ބޮޑު ސިނަމާއެއް އެޅުމަށް ހަމަޖެހިފައިވާކަމަށް ޒުވާނުން ބާރުވެރިކުރުވުމާއި، މައުލޫމާތާއި ފަންނާ ބެހޭ ވަޒީރު އިބްރާހީމް ވަޙީދު ވިދާޅުވެއްޖެއެވެ. ވަޒީރު ވިދާޅުވީ، މި ސިނަމާ ތަރައްޤީކުރުމަށް ބޭރުގެ އިންވެސްޓަރުން ޝައުގުވެރިކަން ފާޅުކޮށްފައިވާކަމަށެވެ.
ރާއްޖޭގެ ރަނގަޅު ފެންވަރެއްގައި ސިނަމާއެއް ތަރައްޤީކުރުމާއި ގުޅޭގޮތުން އަހާ ފޯރަމުގައި ޒުވާނުން ބާރުވެރިކުރުވުމާއި، މައުލޫމާތާއި ފަންނާ ބެހޭ ވަޒީރު އިބްރާހީމް ވަޙީދާ ވަނީ ސުވާލުކޮށްފައެވެ.
މި ސުވާލަށް ޖަވާބު ދެއްވަމުން ވަޒީރު ވަނީ މިހާރު ރާއްޖޭގައި ރަނގަޅު ސިނަމާއެއް ނެތްކަން ފާހަގަކުރައްވާ މިއީ ވަރަށް ގިނަ ފަރާތްތަކުގެ ކަންބޮޑުވުން އޮތް ކަމެއްކަމަށް ވިދާޅުވެފައެވެ. އެގޮތުން މިހާރު ހުރި އޮލިމްޕަހަކީ ތީއޭޓަރއެއްގެ ގޮތުގައި ތަރައްޤީކޮށްފައިވާ ތަނަކަށް ވެފައި، އެތަނުގައި ފިލްމްތައް އެޅުވުމަށް މިހާރުވެސް ދަތިތަކެއް ހުރިކަމަށް ވަޒީރު އިބްރާހިމް ވިދާޅުވިއެވެ.
މިކަމަށް ހާއްލު ހޯދުމަށް، އޮލިމްޕަސް ހުއްޓުމަކަށް ގެނެސް އައު ތަނެއް އެޅުމަކީ އެންމެ ރަނގަޅު ގޮތް ނޫންކަން ފާހަގަކުރައްވާ ވަޒީރު ވަނީ ޒަމާނީ ފެންވަރުގެ ސިނަމާއެއް ހަދާއިރު ގިނަ ޚިދުމަތްތަކެއް ހުންނަންޖެހޭ ކަން ފާހަގަކުރައްވާފައެވެ.
"ސިނަމާއަކީ ވަރަށް ބޮޑަށް މުނިފޫހި ފިލުވާތަނެއް. އެތަނުން އެކި ފިލްމްތައް ބަލަން ވަދެވޭނެ. 4 ވަރަކަށް 6 ވަރަކަށް ސްކްރީން ހުންނާނެ. އެތަނުގައި ގޭމްތައް ހުންނާނެ. ޝޮޕިންގް ކޮމްޕްލެކްސް ހުންނާނެ. މިއީ ތަޞައްވުރަކަށް ވާންޖެހޭނީ. އަޅުގަނޑުމެން، ހިޔާލު ހުއްޓިގެން ނުވާނެ އޮލިމްޕަސް އަޅަން. އަޅުގަނޑުމެން އަޅަން ޖެހެނީ، ރަނގަޅު ފެންވަރުގެ ސިނަމާއެއް" ވަޒީރު އިބްރާހިމް ވަހީދު ވިދާޅުވިއެވެ.
ފަންނުވެރިކަމާއި ބެހޭ ވަޒީރު ވަނީ މިމައްސަލައަށް ހައްލު ހޯދުމަށް، ބޭރުގެ އިންވެސްޓަރުންނާއި ވާހަކަ ދެއްކިފައިވާ ކަމަށެވެ. އަދި މިކަމަށް އިންވެސްޓް ކުރާނެ ރަނގަޅު ފަރާތެއް މިހާރު ލިބިފައިވާ ކަމަށާއި އެ ސިނަމާ އަޅާނީ ހުޅުމާލޭގައި ކަމަށް ވަޒީރު އިބްރާހިމް ވަހީދު ވިދާޅުވިއެވެ. ވަޒީރު ވަނީ ހުޅުމާލޭގައި ސިނަމާ އެޅުމަށް އެޗްޑީސީއާއި ގުޅިގެން މަސައްކަތް ކުރައްވާނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ.
ވަޒީރު ވަނީ އަލަށް ގެނެވޭ ސިނަމާއާއިއެކު ރާއްޖޭގައި ތިބި ޕްރޮޑިއުސަރުން ފިލްމް ނޭޅުވިގެން އުޅޭ އުޅުމަށް، ހައްލެއް ލިބިގެންދާނެ ކަމަށެވެ.
"ސްކްރީން ނެތިގެން ފިލްމް ނޭޅުވިގެން އުޅޭ އުޅުމަށް ހައްލު ގެންނާނަން. އެންމެ މަދުވެގެން 4 ސްކްރީނުގެ ސިނަމާއެއް އަޅުގަނޑުމެން ޤާއިމް ކުރާނަން. ހުޅުމާލޭގައި. އޭރުން އެއް ރޭ 4 ފިލްމް އަޅުވައިގެން ބެލޭނެ. ވަރަށް ގިނަ ޕްރޮޑިއުސަރުންގެ ކަންބޮޑުވުމެއްކަން އަޅުގަނޑަށް އެނގޭ. ފިލްމް ބަލަން ދާ މީހުންވެސް ވަރަށް ބޮޑު ތަކުލީފެއް އުފުލަން ޖެހޭ. އޮލިމްޕަހަކަށް ނޫން ހައްލު ހޯދަން ޖެހެނީ. އެހެން ވިސްނުމެއްގައި ހައްލު ހޯދަން ޖެހޭނީ." ވަޒީރު ވިދާޅުވިއެވެ.
ރާއްޖޭގައި ރަނގަޅު ފެންވަރު ސިނަމާއެއް ތަރައްޤީކުރަން ސަރުކާރުން ނިންމާފައިވާއިރު، މިހާރު ސިނަމާއެއްގެ ގޮތުގައި ބޭނުން ކުރަމުންދާ އޮލިމްޕަހުގައި އެއް ވަގުތެއްގައި ދެއްކެނީ އެންމެ ފިލްމެކެވެ. ކޯވިޑަށް ބަންދުކުރުމަށް ފަހު، މިތަނަށް ޒަމާނީ ބަދަލުތަކެއް ގެނެވި 2023 ވަނަ އަހަރު އަލުން ހުޅުވިއެވެ.
އޮލިމްޕަހަކީ ރާއްޖޭގައި އެއްފަހަރާ އެންމެ ގިނަ މީހުނަށް ވަދެވޭ ސިނަމާއެވެ. އޮލިމްޕަސް ތަރައްޤީކޮށް އެތަނުގައި މުނިފޫހިފިލުވުމުގެ ހަރަކާތްތަކާއި، އަދި ފިލްމް އަޅުވަން ފެށީ 1957 އިން ފަށައިގެންނެވެ.