ކުޅިވަރު

ކުލަބު ވޯލްޑް ކަޕަކީ ޗެމްޕިއަންސް ލީގަށް ވުރެ ބޮޑު މުބާރާތެއް: މަރެސްކާ


ފީފާ ކުލަބު ވޯލްޑް ކަޕަކީ ޔޫރަޕިއަން ޗެމްޕިއަންސް ލީގަށް ވުރެ ބޮޑު މުބާރާތެއް ކަމަށް ޗެލްސީގެ ކޯޗު އެންޒޯ މަރެސްކާ ބުނެފި އެވެ.

އޭނާ މިހެން ބުނީ ފުރަތަމަ ފަހަރަށް 32 ޓީމު ބައިވެރިކޮށްގެން ފީފާއިން ބޭއްވި މުބާރާތް އާދީއްތަ ދުވަހުގެ ރޭ ކާމިޔާބު ކުރުމަށް ފަހު އެވެ.

ފީފާ ކުލަބު ވޯލްޑް ކަޕަކީ ދުނިޔޭގެ އެންމެ މޮޅު 32 ޓީމު ބައިވެރިކޮށްގެން ކޮންމެ ހަތަރު އަހަރުން އެއް އަހަރު ބާއްވަން ފީފާއިން ހުސްވި އަހަރު ނިންމ މުބާރާތެކެވެ. ކުރިން މި މުބާރާތް ކުޅެނީ ކޮންމެ ބައްރެއްގެ ވެސް ޗެމްޕިއަނުންގެ މެދުގައި ކުރު މުބާރާތެއްގެ ގޮތަށެވެ. ޗެމްޕިއަންސް ލީގަކީ ޔޫރަޕުގެ އެންމެ ގަދަ ޓީމުތަކުގެ މެދުގައި ކުޅޭ ކުލަބު ލެވެލްގެ އެންމެ ވަރުގަދަ މުބާރާތެވެ.

"އެއްވެސް ޝައްކެއްނެތް. މިއީ ޗެމްޕިއަންސް ލީގަށް ވުރެ ބޮޑު މުބާރާތެއް. މި މުބާރާތުގެ ޗެމްޕިއަނަކަށް މި ވެވެނީ ކޮންމެ ހަތަރު އަހަރަކުން. އަދި މުޅި ދުނިޔޭގެ އެންމެ ވަރުގަދަ ޓީމުތައް މި މުބާރާތުގައި އެބަ ކުޅޭ. ޗެމްޕިއަންސް ލީގަކީ ވެސް މުހިންމު އަދި ބޮޑު މުބާރާތެއް. އެކަމަކު ކުލަބު ވޯލްޑް ކަޕް ހާއްސަ،" މަރެސްކާ ބުންޏެވެ.

މި މުބާރާތަކީ ހުރިހާ ގޮތަކުން ވެސް ކާމިޔާބު މުބާރާތެއް ކަމަށް ފީފާއިން ވެސް ވަނީ ބުނެފަ އެވެ. ދުނިޔޭގެ ފުޓްބޯޅަ ޖަމިއްޔާ ފީފާއިން ބުނެފައިވަނީ މުބާރާތް އޮންލައިންކޮށް ބެލި އަދަދާއި ދަނޑަށް ވަދެގެން ބެލި އަދަދު ވެސް އެހެން ހުރިހާ މުބާރާތްތަކަށް ވުރެ ފުރިހަމަ ކަމަށެވެ.

މަރެސްކާ ބުނީ ޗެލްސީ އަށް ކުލަބު ވޯލްޑް ކަޕް ދެ ވަނަ ފަހަރަށް ކާމިޔާބު ކޮށްދެވުމުން އޭނާ ހުރީ ވަރަށް އުފަލުން ކަމަށެވެ.

"މިއީ އަހަރެންގެ ކެރިއަރުގައި ވެސް ކާމިޔާބު މުބާރާތެއް. އަމުދުން މިހާ ޒުވާން ސްކޮޑަކާއެކު މި މުބާރާތް ކާމިޔާބު ކުރެވުމުން ލިބުނު އުފާ ބޮޑު. މުޅި ކުލަބުގެ އެންމެން ވެސް ތިބީ ވަރަށް އުފަލުން،" މަރެސްކާ ބުންޏެވެ.

ފީފާ ކުލަބު ވޯލްޑް ކަޕަކީ ބައެއް ޖަމާއަތްތަކާއި ހާއްސަކޮށް ޔޫރަޕުގެ ކުލަބުތަކުން އެހާ ތާއީދު ކުރާ މުބާރާތެއް ނޫނެވެ. އެއް ސަބަބަކީ އޮފް ސީޒަނުގައި މުބާރާތް ކުޅެން ޖެހުމުގެ ސަބަބުން ކުޅުންތެރިންނަށް އަރާމު ކުރަން ލިބޭ ވަގުތު މަދުވާތީ އެވެ.