ޚަބަރު

ފިކުރީ މުދާ ހިމާޔަތްކޮށް ކުރިއަރުވާނެ އޮފީސް އުފެއްދުމަށް ބިލެއް މަޖިލީހަށް


  • ފިކުރީ މުދާ ބަލަހައްޓާނެ ގޮތް ތަފްސީލްކޮށްދީފައިވޭ

  • ރަޖިސްޓްރަރގެ މަސްޢުލިއްޔަތުތައް ބަޔާންކުރޭ

ފިކުރީ މުދަލުގެ ހައްގުތައް ހިމާޔަތްކޮށް ކުރިއަރުވައި ތަންފީޒްކުރުމަށް "މޯލްޑިވްސް އިންޓަލެކްޗުއަލް ޕްރޮޕަރޓީ އޮފީސް"ނަމުގައި ޚާއްޞަ އޮފީހެއް ޤާއިމްކުރަން ބިލެއް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށައަޅައިފިއެވެ. މި ބިލު ރައްޔިތުންގެ މަޖިލީހަށް ހުށައެޅުއްވީ ސަރުކާރުގެ ފަރާތުން ކުޑަހުވަދޫ ދާއިރާގެ މެންބަރު ޙުސައިން ޙަމީދެވެ.

މި ބިލު ހުށައެޅުމުގެ ބޭނުމަކީ ދިވެހިރާއްޖޭގައި ފިކުރީ މުދާ ހިމާޔަތްކޮށް ކުރިއެރުވޭނެ ހަރުދަނާ ނިޒާމެއް ޤާއިމްކޮށް، ވިޔަފާރީގެ ދާއިރާގައި ފަންނުވެރިކަމާއި އުފެއްދުންތެރިކަމަށް ހިތްވަރުދީ، އެ ދާއިރާ ކުރިއަރުވައި، ޤައުމުގެ އިޤްތިޞާދީ ތަރައްޤީއަށް މަގުފަހިކުރުމެވެ. އަދި މޯލްޑިވްސް އިންޓަލްކްޗުއަލް ޕްރޮޕަރޓީ އޮފީހުގެ ނަމުގައި ސަރުކާރުގެ އޮފީހެއް ޤާއިމްކޮށް އެ އޮފީހުގެ މަސްއޫލިއްޔަތުތަކާއި ބާރުތައް ބަޔާންކުރުމަކީވެސް މި ބިލުގެ މަޤްޞަދެކެވެ.

މޯލްޑިވްސް އިންޓަލެކްޗުއަލް ޕްރޮޕަޓީ އޮފީހުގެ ބިލުގައި ބުނެފައިވަނީ އެ ޤާނޫނުން ހިމާޔަތްކޮށްދޭ ފިކުރީ މުދަލުގެ ބާވަތްތަކުގެ ތެރޭގައި ޓްރޭޑްމާކާއި، ކޮޕީރައިޓާއި، ޕޭޓަންޓާއި، އިންޑަސްޓްރިއަލް ޑިޒައިންއާއި، ޖިއޮގްރަފިކަލް އިންޑިކޭޝަންތައްކަމަށެވެ.

މި ބިލުގައި ބަޔާންކުރާގޮތުގައި ފިކުރީ މުދަލުގެ ހައްގުތައް ހިމާޔަތްކޮށް ކުރިއަރުވައި ތަންފީޒްކުރުމަށް "މޯލްޑިވްސް އިންޓަލެކްޗުއަލް ޕްރޮޕަރޓީ އޮފީސް"ނަމުގައި ޚާއްޞަ އޮފީހެއް ޤާއިމްކުރަންޖެހެއެވެ. އެ އޮފީހުގެ މަސްއޫލިއްޔަތުތަކުގެތެރޭގައި ފިކުރީ މުދަލާ ގުޅޭ ދަފްތަރެއް އެކުލަވާލުމާއި، ބައިނަލްއަޤްވާމީ ޖަމާއަތްތަކާއި ގުޅުން ބަދަހިކުރުމާއި، ފިކުރީ މުދަލާ ގުޅޭ ބައިނަލްއަޤްވާމީ މުއާހަދާތަކުގައި ބައިވުމަށް ކުރަންޖެހޭ ކަންކަން ކުރުން ހިމެނެއެވެ.

މި ބިލު ބަޔާންކުރާގޮތުގައި މޯލްޑިވްސް އިންޓަލެކްޗުއަލް ޕްރޮޕަރޓީ އޮފީސް ހިންގުމުގެ އެންމެ އިސް ފަރާތަކީ ރަޖިސްޓްރަރ އޮފް އިންޓަލެކްޗުއަލް ޕްރޮޕަރޓީއެވެ. އެ މަޤާމަށް މީހަކު އައްޔަންކުރުމުގެ ބާރު ލިބިދީފައިވަނީ އިޤްތިޞާދީ ވަޒީރަށެވެ. މި ޤާނޫނަށް އަމަލުކުރަން ފަށާތާ 30 ދުވަހުގެތެރޭގައި އެ މަޤާމަށް ބޭފުޅަކު އައްޔަންކުރަންވާނެކަމަށް ބަޔާންކުރެއެވެ. ރަޖިސްޓްރަރ އޮފް އިންޓަލެކްޗުއަލް ޕްރޮޕަރޓީގެ ދައުރަކީ ފަސް އަހަރު ދުވަހެވެ. އޭނާގެ ދައުރު ހަމަވުމުން އެ މަޤަމަށް އައްޔަންކުރަންވާނީ އެހެން ބޭފުޅެއްކަމަށް ބަޔާންކޮށްފައިވެއެވެ.

ރަޖިސްޓްރަރގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ފިކުރީ މުދާ ރަޖިސްޓްރީކުރުމަށް ހުށައެޅޭ ހުށައެޅުންތައް ބަލައިގަނެވޭނެ ފަހިގޮތްތައް ހަމަޖެއްސުމާއި، އެފަދަ ހުށައެޅުންތައް ރައްކާތެރި ނިޒާމެއްގެ ތެރެއިން އާންމުކުރުމާއި، ދިރާސާކުރުމާއި، ފިކުރީ މުދަލުގެ ދަފްތަރު ޤާއިމްކޮށް، އަދާހަމަކޮށް އިސްލާހުކުރުން ހިމެނެއެވެ.

މި ބިލުގައި ވަނީ ފިކުރީ މުދަލުގެ ދަފްތަރު ބަލަހައްޓާނެގޮތާއި އިޞްލާހުކުރާނެގޮތާއި މައުލޫމާތަށް އުނި އިތުރު ގެނައުމާއި، ރަޖިސްޓްރގެ މަސްއޫލިއްޔަތާއި އޮފީހުގެ މަސައްކަތްތަކާއި ސުލޫކީ ހަމަތައް ބަޔާންކޮށްފައެވެ.

މި ޤާނޫނަށް އަމަލުކުރަން ފަށާނީ ރައީސުލްޖުމްހޫރިއްޔާ ބިލު ތަސްދީގުކުރައްވައި ދިވެހި ސަރުކާރުގެ ގެޒެޓުގައި ސާޢިކުރާ ތާރީޚުން ފެށިގެން ތިން މަސްދުވަސް ހަމަވާ ތާރީޚުން ފެށިގެންނެވެ.