ކުޅިވަރު

ޕޫމާ އާއި ސިޓީގެ އެއްބަސްވުމުގެ އަގަކީ 1 ބިލިޔަން ޕައުންޑް


މެންޗެސްޓާ ސިޓީން އެ ކުލަބުގެ ޖާޒީ ތައްޔާރުކޮށްދޭ ކުންފުނި ޕޫމާއާއެކު އެއް ބިލިޔަން ޕައުންޑުގެ އަގަކަށް އެއްބަސްވެއްޖެއެވެ. މިއާއެކު ކުރިއަށް އޮތް 10 އަހަރު އެ ކުލަބުގެ ޖާޒީ ތައްޔާރުކޮށްދޭނީ ޕޫމާއިންނެވެ.

ސިޓީއިން އެންމެ ފަހުން ޖަރުމަނުގެ މި ކުންފުންޏާއެކު ސޮއި ކުރީ 2019 ވަނަ އަހަރު 65 މިލިއަން ޕައުންޑްގެ އެއްބަސްވުމެއްގައެވެ. ނަމަވެސް 2035 ވަނަ އަހަރާ ހަމަ އަށް މިއެއްބަސްވުން އައު ކުރަން އެއްބަސްވީ އަހަރަކަށް 100 މިލިއަން ދޭ ގޮތަށެވެ.

މިއީ ވާދަވެރި އިނގިރޭސި އެހެން ކުލަބުތަކަށް ވުރެ ބޮޑު އަގެކެވެ. މެންޗެސްޓާ ޔުނައިޓެޑްގެ ޖާޒީ އެޑިޑާސްއިން ތައްޔާރު ކުރަނީ އަހަރަކަށް 60 މިލިއަން ޕައުންޑަށެވެ.

ސިޓީ އަކީ ފާއިތުވެދިޔަ 10 އަހަރަށް ބަލާއިރު އިނގިރޭސިވިލާތުގެ އެންމެ ކާމިޔާބު ޓީމެވެ. އަނެއް ކޮޅުން ކާމިޔާބީތަކާއެކު އެންމެ އާމްދަނީ ބޮޑު ކުލަބަކީ ވެސް އެއީއެވެ. 30 ޖޫން 2024ގައި ސިޓީއިން އާއްމު ކުރި ތަފާސް ހިސާބުތައް ބުނާ ގޮތުން 715 މިލިއަންގެ އާމްދަނީ އެއް އެ ކުލަބަށް ވަނީ ލިބިފައެވެ.

ސިޓީ ފުޓްބޯލް ގްރޫޕުގެ ސީއީއޯ ފެރަން ސޮރިއާނޯ ވިދާޅުވީ ޕޫމާއާއެކު ކުރިއަށް ދާން ނިންމީ ހީކުރި ވަރަށް ވުރެ ކާމިޔާބު އަދި ރަނގަޅު ޕްރޮޕޯސަލަކަށް ކަމަށެވެ.

"ޕޫމާ އިން ވަނީ އަހަރުމެންނަށް ވަރަށް ރަނގަޅަށް މިދިޔަ ދުވަސްތަކުގައި ކަންތައްތައް ކޮށްދީފައި. އެ މީހުންނާއެކު މި ކުލަބުގެ ތާރީހު އިތުރަށް ފުރިހަމަކޮށް ކާމިޔާބު ހޯދަން މި ކުލަބުން މި ވަނީ ނިންމާފައި. ކާމިޔާބީގެ ގޮތުގައި ލިބޭ ތަށިތަކާ އެއްވަރަށް އަހަރުމެން ބޭނުންވަނީ މާލީ ގޮތުން ވެސް މި ކުލަބު ކުރިއަރައިދާން. އެކަމަށް މިވަގުތު އެންމެ ރަނގަޅު ބަޔަކީ ޕޫމާ،" ސޮރިއާނޯ ވިދާޅުވި އެވެ.

ސިޓީން އަންނަ ސީޒަނާ ކުރިމަތިލާނީ ހުސްވި ސީޒަނުގެ ކުރިން ވިދިވިދިގެން ހަތަރު ފަހަރު ހޯދި ޕްރެމިއާ ލީގު ތަށި އަލުން ހޯދުމަށެވެ.