ގޯލްކީޕަރު މާކް-އަންދްރޭ ޓާ ސްޓެގަންއަށް ބާސެލޯނާގައި ނުހުރެވޭނެ ކަމަށާއި، އެކަމާ ޝަކުވާކުރުމުގެ ބޭނުމެއް ނެތް ކަމަށް ޖަރުމަނުގެ ލެޖެންޑް ލޮތާ މަތެއަސް ބުނެފިއެވެ.
ބާސެލޯނާއިން ފޮނުވާލަން ބޭނުންވެގެން އުޅޭ ޓާސްޓެގަން އަށް އަންނަ ސީޒަނުގައި ފުރުސަތު ލިބޭނީ ތިން ވަނަ ކީޕަރުގެ ގޮތުގައި ކަމަށް އެ ކުލަބުން ވަނީ ޓީމުގެ ކެޕްޓަނަށް އަންގައިފަ އެވެ. ނަމަވެސް އޭނާ ހުރީ ކުލަބުގައި މަޑު ކުރާ ގޮތަށެވެ.
ޓާސްޓެގަން އަކީ އަންނަ އަހަރު އެމެރިކާގައި ބާއްވާ ވޯލްޑް ކަޕުގައި ޖަރުމަނުގެ ގޯލް ބަލަހައްޓަން ތައްޔާރުވާ ކީޕަރެވެ. ނަމަވެސް އޭނާ އަށް ބަރާބަރަށް ކުޅުމުގެ ފުރުސަތު ނުލިބޭނަމަ ގައުމީ ޓީމުން ފުރުސަތު ގެއްލުމުގެ ފުރުސަތު ބޮޑެވެ. ޓާސްޓެގަން އަށް އެއްވަނަ ކީޕަރުކަން ލިބުނީ ވެސް ގައުމީ ޓީމުގައި ހުންނަތާ އެތައް އަހަރެއް ފަހުންނެވެ. އެއީ ބަޔާންގެ މިއުނިކްގެ ކީޕަރު މެނުއަލް ނޯޔާ ރިޓަޔާ ކުރުމުންނެވެ.
މަތެއަސް ބުނީ ބާސެލޯނާ އަށް ވުރެ އެކަކު ވެސް ބޮޑެއް ނުވާނެ ކަމަށާއި އެކަން ޓާސްޓެގަން ގަބޫލު ކުރަންޖެހޭ ކަމަށެވެ.
"އޭނާ ވީ ބާސެލޯނާ ދޫކޮށްލަން. އޭނާ އަށް ބާސެލޯނާގައި ދެން ކުޅެން ފުރުސަތެއް ނުލިބޭނެ. އަހަރެންނަށް އެނގެ ޓާސްޓެގަން ބާސެލޯނާ ދޫކޮށްލަން ބޭނުން ނުވާކަން. އޭނާ ވަނީ ބާސެލޯނާގައި މޮޅަށް ކުޅެފައި. އަދި އޭނާ އަކީ ކެޕްޓަން ވެސްމެ. އަދި އޭނާގެ ދިރިއުޅުން އޮތީ ވެސް ބާސެލޯނާގައި. އެކަމަކު އޭނާ ހަގީގަތް ވެސް ގަބޫލު ކުރަން ޖެހެ. ބާސެލޯނާގެ ހިޔާލުގައި އަދި ޕްލޭނުގައި މިހާރު އޭނާ ނެތް،" މަތެއަސް ބުންޏެވެ.
ޖަރުމަނުގެ ގައުމީ ޓީމަށް 150 މެޗު ކުޅެދީފައިވާ ކުރީގެ މިޑްފީލްޑަރު ބުނީ ޝަކުވާ ނުކޮށް ޓާސްޓެގަން އެހެން ކުލަބަކާ އަވަހަށް ގުޅެން ޖެހޭ ކަމަށެވެ.
"މިއީ ފުޓްބޯޅައިގައި ދިމާވާނެ ހާލަތެއްކަން ގަބޫލު ކުރަން ޖެހޭ. މިކަމާ އޭނާ ޝަކުވާ ކުރުމުގެ ބޭނުމެއް ނެތް. މިއީ ފުޓްބޯޅައިގެ ބައެއް. މިއީ ވަކިވެގަތުމުގެ ހަރަކާތެއް ނޫން. އަދި މިއީ (ބާސެލޯނާގެ ކޯޗު ޖަރުމަނުގެ) ހަންސީ ފްލިކްގެ ނިންމުމެއް ވެސް ނޫން. މިއީ ބާސެލޯނާގެ ނިންމުމެއް. ކުލަބަށް ވުރެ އެކަކު ވެސް ބޮޑެއް ނުވާނެ. ބާސެލޯނާގައި ވެސް އެކަންވާނީ އެހެން،" ބަޔާން މިއުނިކާއި އިންޓަމިލާނަށް ކުޅުނު މަތެއަސް ބުންޏެވެ.
ޓާސްޓެގަން ބާސެލޯނާއިން ފޮނުވާލަން އެ ކުލަބުން ބޭނުންވަނީ ތިން ސަބަބަކާ ހުރެ އެވެ. އެއީ އޭނާގެ އުމުރު 34 ފަހަނައަޅައި ދާން ތައްޔާރުވެފައި ވުމާއި ގާތްގާތުގައި އަނިޔާވެ ކުރީގެ މޮޅު ކުޅުން ދެއްކޭނެ ކަމުގެ ޔަގީންކަން ނެތުމުންނެވެ. ގާސިއާ ގެނައީ ވެސް މިހެންވެ އެވެ. ތިން ވަނަ ސަބަބަކީ އޭނާގެ މުސާރަ މާބޮޑަށް މަތިވުމެވެ. އޭނާ އަށް ހަފުތާއަކު 268 ހާސް ޔޫރޯ އަދި އަހަރަކު 13 މިލިއަނަށްވުރެ ޔޫރޯ މުސާރައިގެ ގޮތުގައި ދޭން ޖެހެ އެވެ.