ޚަބަރު

މަތީ ތަޢުލީމީ ނިޒާމަށް ދިމާވެފައިވާ މައްސަލަތަކަށް ހައްލު ހޯދުމާ ގުޅޭ މަޝްވަރާ ބައްދަލުވުމެއް


  • މިއީ މަތީ ތަޢުލީމާއި ބެހޭ ވުޒާރާއާއި، އެމްކިއުއޭއިން ގުޅިގެން ބޭއްވި ބައްދަލުވުމެއް

  • މި މަޝްވަރާ ބައްދަލުވުމުގައި ޖުމްލަ 80އަށްވުރެ ގިނަ މީހުން ބައިވެރިވި

ރާއްޖޭގެ މަތީ ތަޢުލީމީ ނިޒާމަށް ދިމާވެފައިވާ މައްސަލަތަކަށް ހައްލު ހޯދުމަށް ކުރެވިދާނެ ކަންތައްތަކާ ބެހޭގޮތުން މަޝްވަރާކުރުމަށް ބައްދަލުވުމެއް ބާއްވައިފިއެވެ. މިއީ މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާއާއި، މޯލްޑިވްސް ކޮލިޕިކޭޝަން އޮތޯރިޓީ، އެމްކިއުއޭއިން ގުޅިގެން ބޭއްވި ބައްދަލުވުމެކެވެ.

މަތީ ތަޢުލީމާއި ބެހޭ ވުޒާރާގެ ދަށުން ހިންގާ މޯލްޑިވްސް ކޮލިޕިކޭޝަން އޮތޯރިޓީ، އެމްކިއުއޭގެ ތަސައްވުރަކީ ރާއްޖޭގައި ހިންގާ ހަޔަރ އެޑިއުކޭޝަން އިންސްޓިޓިއުޓްތަކުން ފޯރުކޮށްދޭ މަތީ ތަޢުލީމުގެ ފެންވަރު ރަނގަޅުކުރުމެވެ. މި ތަސައްވުރު ހާސިލްކުރުމަށް 2021ވަނަ އަހަރު އެ އިދާރާއިން ވަނީ މަތީ ތަޢުލީމާއި ބެހޭ ޤާނޫނެއް ޝާޢިއުކޮށްފައެވެ.

މިކަމާ ގުޅޭގޮތުން ވާހަކަދައްކަވަމުން މޯލްޑިވްސް ކޮލިޕިކޭޝަން އޮތޯރިޓީ، އެމްކިއުއޭގެ ސީއީއޯ މަރިޔަމް ފިޒާނާ ރަޝީދު ވިދާޅުވީ، ހެދިފައިވާ ޤަވާއިދުތައް އެކަށީގެންވާ ގޮތެއްގައި ތަންފީޒު ނުކުރެވުމުގެ ސަބަބުން މަތީ ތަޢުލީމީ ނިޒާމަށް ފާހަގަކުރެވޭފަދަ އެދެވޭ ބަދަލެއް އައިސްފައި ނުވާކަމަށެވެ.

މީގެ އިތުރުން، ރާއްޖެފަދަ ޖަޒީރާ ޤައުމެއްގައި މަތީ ތަޢުލީމު ދިނުން ފުޅާވެފައިވީނަމަވެސް، އަދިވެސް މިކަމިގައި ގިނަ ގޮންޖެހުންތަކަކާއި ކުރިމަތިލާންޖެހިފައިވާކަމަށް ފިޒާނާ ފާހަގަކުރެއްވިއެވެ.

އެގޮތުން ކިޔަވައިދިނުމުގެ ދަންފަޅިއަށް އައިސްފައިވާ ބަދަލުގެ ސަބަބުން ކިޔަވައިގެން ސަނަދު ހާސިލްކޮށްގެން ނިކުންނަ ކުދިންގެ ގައިގައި ކިޔެވި އެއްޗެއް ތަންފީޒުކުރުމުގެ ޤާބިލުކަން ހުރޭތޯ ސުވާލު އުފައްދަން ފަށާފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެން ފޯރުކޮށްދޭ މަތީ ތަޢުލީމަކީ ފެންވަރު ހުރި ތަޢުލީމެއްތޯ ސުވާލު އުފައްދަން ފަށާފަ. ހާއްސަކޮށް މުޖުތަމައަށް މިއަދު އިވޭ އަޑަކީ ކިޔަވައިގެން ނިކުންނަ ކުދިންގެ ފެންވަރު ދަށޭ ބުނާ އަޑު. ސަނަދު ހޯދަނީ މީހަކު ލައްވާ އަގު ދީގެންނޭ ބުނާ އަޑު. އެއްފަހަރާ ދެ ވަޒީފާއަކަށް ދަމުން ދަރިވަރަކު ޑިގްރީ ހަދައޭ ބުނާ އަޑު. ކިޔަވާދޭ ދާރިސުން އެއްތަނުން އަނެއްތަނަށް ރޭގަނޑު ކުލާސް ނަގައިދެމުންދާތީ ކިޔަވައިދިނުމުގެ ފެންވަރު ދަށްވަމުންދާ ވާހަކަ." އެމްކިއުއޭގެ ސީއީއޯ މަރިޔަމް ފިޒާނާ ރަޝީދު ވިދާޅުވިއެވެ.

ފިޒާނާ ވިދާޅުވީ، ކޯސްތައް ޕާޓް-ޓައިމްކޮށް ހިންގާކަމަށް ބަޔާންކޮށްފައި ވީނަމަވެސް، މި ނަމުގެ މާނަ އޮޅިފައިވާކަމެވެ. ޕާޓް-ޓައިމްގެ ނަމުގައި ކިޔަވަމުންދާއިރު، ފުލް-ޓައިމް ކޯހެއްގެ މަސައްކަތުގެ ބުރަދަން އުފުލަމުންދާ ދަރިވަރުންގެ އަދަދު އިތުރުވަމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ. އަދި މިކަމުގެ ސަބަބުން ދަރިވަރުންނަށް ފޯރުކޮށްދެވޭ ތަޢުލީމުގެ ފެންވަރަށް އަސަރުކުރާކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މި މަޝްވަރާ ބައްދަލުވުމުގައި ރާއްޖޭގައި ޤާއިމްވެފައި ތިބި ޔުނިވަރސިޓީތަކާއި ކޮލެޖުތައް އިތުރަށް ހަރުދަނާކުރުމަށް ކުރެވިދާނެ ކަންތައްތަކުގެ ކަރުދާސް ނުވަތަ ރައުޔު ހުށަހެޅުމަށް ވަނީ ހަމަޖެހިފައެވެ.

މި މަޝްވަރާ ބައްދަލުވުމުގައި ޖުމްލަ 80އަށްވުރެ ގިނަ ބައިވެރިން ވަނީ ބައިވެރިވެފައެވެ. މީގެ ތެރޭގައި 11 ކޮލެޖަކާއި، 2 ޔުނިވަރސިޓީއާއި، އާންމު އަދި ސަރުކާރުގެ 12 އިންސްޓިޓިއުޝަން ހިމެނެއެވެ.