ޚަބަރު

ގަސްތަކަށް ޖެހޭ ބަލިތައް މަދުކުރުމަށް ބޯޑަރލައިން ކަރަންޓީނު ފެސިލިޓީ ހަރުދަނާކުރުން މުހިންމު


  • ބަލިތަކުން ރައްކާތެރިވުމަށް ކަރަންޓީނު ފެސިލިޓީ ރަނގަޅަށް ހިނގުން މުހިންމު

  • ރާއްޖޭގެ ގަސްގަހާގެހި ހިމާޔަތްކުރުމަށް ހަދާ ޤަވާއިދުގެ މަސައްކަތް ވަނީ ނިމިފައި

ގަސްތަކަށް ޖެހޭ ބަލިތައް މަދުކުރުމަށް ރާއްޖޭގެ ބޯޑަރލައިން ކަރަންޓީނު ފެސިލިޓީ ހަރުދަނާކުރުން މުހިންމުކަމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ގަސްތަކަށް ޖެހޭ ބަލިތައް ކޮންޓްރޯލުކޮށް އެ ބަލިތައް ނައްތާލުމަށް އެ ވުޒާރާއިން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެއެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަދައްކަމުން ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާގެ ޑިރެކްޓަރ ޖެނަރަލް އޮފް އެނިމަލް ވެލްފެއަރ ޙާމިދު އިބްރާހީމްފުޅު ވިދާޅުވީ ދުނިޔޭގެ އެހެން ޤައުމުތަކޭ އެއްގޮތައް ރާއްޖޭގެވެސް ބޯޑަރލައިން ކަރަންޓީނު ފެސިލިޓީއަކީ ވަރަށް މުހިންމު ތަނެއްކަމަށެވެ. އެގޮތުން ރާއްޖޭން ބޭރުން އެތެރެކުރާ ގަސްގަހާގެހި އެ ކަރަންޓީނު ފެސިލިޓީގައި ކަރަންޓީނު ކުރުމަކީ މުހިންމުކަމެއްކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

ޙާމިދު އިބްރާޙިމްފުޅު ވިދާޅުވީ ރާއްޖެއިން ބޭރުން ގެންނަ ގަސްތައް ކަރަންޓީނުކުރުމަށް ހާއްސަކުރެވިފައިވާ ކަރަންޓީނު ފެސިލިޓީ އިތުރަށް ތަރައްޤީކުރުމަށް، މިހާރު ބޭނުންކުރާ ތަން ރޫޅާލާފައިވާކަމަށެވެ. އަދި އެތަން ތަރައްޤީކުރުމަށް އެމްއޭސީއެލްއިން މިހާރު ހުއްދާދީފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

ރާއްޖޭގައި މިހާރު ގަސްތަކަށް ޖެހޭ ބަލިތަކަކީވެސް ކަރަންޓީނު ފެސިލިޓީ ހަރުދަނާ ނުވުމުގެ ސަބަބުން ޖެހޭ ބަލިތަކެއްކަން ފާހަގަކުރައްވާ ޙާމިދު އިބްރާޙީމްފުޅު ވިދާޅުވީ ގަސްތަކަށް ޖެހޭ ބަލިތަކުގެ އިތުރުން ޖަނަވާރުންގެ ސަބަބުން ޖެހޭ ބަލިތައްވެސް މިހެން ވުމުގެ ސަބަބުން އިތުރުވެދާނެކަމަށެވެ. އެގޮތުން ބަލިތަކުން ރައްކާތެރިވުމަށް ކަރަންޓީނު ފެސިލިޓީ ރަނގަޅަށް ހިނގުން މުހިންމުކަމަށް އޭނާ ވިދާޅުވިއެވެ.

"އެނގިވަޑައިގަންނަވާނެ ވައިޓް ވެލެއަރސްއާއި މި އެއްޗެސަކީ މިކަހަލަ ބަލިތަކަކީވެސް ކަރަންޓީނުގެ ނިޒާމު ހަރުދަނާ ނުވެގެން އެތެރެވެފައިވާ ބަލިތައް. ދެން ޖަނަވާރުންގެ ޒަރިއްޔާއިން ޖެހޭ ބަލިތައް އެބަ ހުރި އިންސާނުންނަށް ވަރަށް ނުރައްކާތެރި ބަލިތައް. ދޫނި ރޯގާފަދަ ބަލިތައް އަތުވެއްޖެއްޔާ ހަމަ އިންސާނުންނަށް ވަރަށް ނުރައްކާ އެއްޗެއް. އެނޫނަސް އެބަހުރި ހަމަ ބަލިތައް. ކަރަންޓީނުގެ ނިޒާމު ހަރުދަނާކޮށްގެން ނޫނީ އަޅުގަނޑުމެންނަށް ރާއްޖެއަށް މި އެތެރެވާ ބަލިތައް ކޮންޓްރޯލް ނުކުރެވޭނެ. އެހެންވީމަ އެކަންތައް ވަރަށް ބޮޑަށް ބަލަމުން މިދަނީ" ޙާމިދު އިބްރާޙީމްފުޅު ވިދާޅުވިއެވެ.

ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާގެ ޑިރެކްޓަރ ޖެނަރަލް އޮފް އެނިމަލް ވެލްފެއަރ ޙާމިދު އިބްރާޙިމްފުޅު ވިދާޅުވީ ރާއްޖޭގެ ގަސްގަހާގެހި ހިމާޔަތްކުރުމަށް ހަދާ ޤަވާއިދުގެ މަސައްކަތް މިހާރު ނިމިފައިވާކަމަށެވެ.

ގަސްތަކަށް ޖެހޭ ބަލިތައް ކޮންޓްރޯލްކުރުމަށް ރާއްޖޭގެ އިތުރުން ރާއްޖޭގެ ބޭރުގެ ފަރާތްތަކާއެކުވެސް ދަނޑުވެރިކަމާބެހޭ ވުޒާރާއިން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ދާދިފަހުން ވަނީ ރުއްތަކަށް ޖެހޭ ބަލިތަކާއި ރުކު މަޑި ކޮންޓްރޯލްކުރުމަށް ޗައިނާއާއެކުވެސް އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. މީގެ އިތުރުން ގަސްތަކަށް ޖެހޭ ބަލިތައް ތަހުލީކުރުމަށް ޤައުމީ ލެބޯޓަރީއެއް ޤާއިމްކުރުމުގެ މަސައްކަތްވެސް ދަނޑުވެރިކަމާ ބެހޭ ވުޒާރާއިން ދަނީ ކުރަމުންނެވެ.