ޚަބަރު

ކުޑަކުދިންގެ ޢަދުލުގެ ނިޒާމު ކާމިޔާބުކަމާއެކު ހިންގުމަށް އާއްމުންގެ ވިސްނުން ބަދަލުކުރަންޖެހޭ: ވަޒީރު އިޙްސާން


  • ޢަދުލުގެ ނިޒާމުގެ ތެރޭގައި ހިމެނޭ މުއައްސަސާތައް އިތުރަށް ހަރުދަނާކުރުމަށް ތަމްރީނުކުރުން މުހިންމުކަން ފާހަގަކުރެއްވި

ކުޑަކުދިންގެ ޢަދުލުގެ ނިޒާމު ކާމިޔާބުކަމާއެކު ތަންފީޒުކުރުމަށްޓަކައި އެ ނިޒާމާމެދު އާއްމުންގެ ވިސްނުން ބަދަލުކޮށް، އެ ނިޒާމަށް ތައްޔާރުވުން މުހިންމުކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވަޒީރު އަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

ވަޒީރު އިހްސާން މިހެން ވިދާޅުވީ، ކުޑަކުދިންގެ ޢަދުލުގެ ނިޒާމުގެ ތެރޭގައި މަސައްކަތްކުރައްވާ މުއައްސަސާތައް އިތުރަށް ހަރުދަނާކުރުމުގެ މަޤުސަދުގައި ޑިޕާޓްމެންޓް އޮފް ޖުވެނައިލް ޖަސްޓިސްއިން އިސްނަންގަވައިގެން ކުރިއަށްގެންދިޔަ ތަމްރީނު ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

ކުށުގެ ވެށީގައި އުޅޭ ކުދިން އަނބުރާ މުޖުތަމަޢުއަށް ގެނައުމަށާއި، ޤާނޫނާއި ހިލާފު އަމަލުތައްކުރުމުގެ ފުރުސަތު އޮތް ކުދިން އެކަމުން ސަލާމަތް ކުރުމަށް ޑިޕާޓްމެންޓް އޮފް ޖުވެނައިލް ޖަސްޓިސް، ޑީޖޭޖޭއިން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން، މިފަހަރު ކުރިއަށްގެންދިޔަ ތަމްރީން ޕްރޮގްރާމަކީ ކުޑަކުދިންގެ ޢަދުލުގެ ނިޒާމުގެ ތެރޭގައި މަސައްކަތްކުރާ ފަރާތްތައް ހަރުދަނާކުރުމަށް އަމާޒުކޮށްގެން އެ އިދާރާއިން ކުރިއަށްގެންދިޔަ ޕްރޮގްރާމެކެވެ.

މި ތަމްރީނު ޕްރޮގްރާމް ނިންމާލުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ވާހަކަފުޅުދައްކަވަމުން ދާޚިލީ ސަލާމަތާބެހޭ ވަޒީރު އަލީ އިޙްސާން ވިދާޅުވީ، ޖުވެނައިލް ޖަސްޓިސްގެ މައިގަނޑު މަޤްޞަދަކީ، ރެސްޓޮރޭޓިވް އުސޫލުތަކުގެ މައްޗަށް ބިނާކޮށް، ކުޑަކުދިންނަށް އިންސާފުވެރި ނިޒާމެއް ޤާއިމުކުރުންކަމަށެވެ. މީގެ އިތުރުން، މި ނިޒާމުގެ އަމާޒަކީ، ކުށުގެ ވެށީގައި އުޅޭ ކުޑަކުދިންނަށް އަލުން ފުރުޞަތު ދިނުމާއި، އެކުދިންގެ މުސްތަޤުބަލު އުޖާލާކޮށްދިނުންކަމަށްވާއިރު، މިފަދަ ނިޒާމެއް ކާމިޔާބުކަމާއެކު ތަންފީޒުކުރުމަށްޓަކައި، ވިސްނުން ބަދަލުކޮށް، މިކަމަށް ތައްޔާރުވުން މުހިންމުކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ، ކުށުގެ ވެއްޓަށް ވަދެފައިވާ ކުއްޖަކަށް ދެވަނަ ފުރުޞަތެއް ދިނުމަކީ، އެ ކުއްޖާގެ އަތުގައި ހިފައި، ހެޔޮ މަގަށް އަނބުރާ ގެނައުމާއެއްފަދަ ކަމެއްކަމަށެވެ. އަދި މިކަމުގެ ސަބަބުން، އެ ކުއްޖާއަށާއި އޭނާގެ ޢާއިލާއަށް އައު އުއްމީދެއް ލިބިގެންދާނެކަމަށާއި، މިއީ މި ނިޒާމުގެ އަސްލު މަޤްޞަދުކަމުގައި ވަޒީރު ފާހަގަކުރެއްވިއެވެ.

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އަޅުގަނޑުމެންނަށް ލިބޭ ކާމިޔާބު ގިނަ އަޅުގަނޑުމެންގެ އަތުން ނެއްޓިގެންދާ ކަންކަމަށް ވުރެ. އެހެންނަމަވެސް އެންމެ ކުއްޖެއްވެސް އަޅުގަނޑުމެންގެ ނިޒާމުގެ ތެރެއިން ކެޕްޗަރ ނުކުރެވި، ނުވަތަ އެކަމަށް އެންމެ އެދޭވޭ ހައްލު ނުދެވި، ނުވަތަ އެކުއްޖާއަށް ދޭންޖެހޭ އުންމީދު ނުދެވި، ނުވަތަ ފުރުސަތު ހޯދާނުދެވިއްޖެނަމަ އެއީ އަޅުގަނޑެމެން ކަންބޮޑުވާންޖެހޭ ކަމެއް." ދާޚިލީ ސަލާމަތާބެހޭ ވަޒީރު އަލީ އިޙްސާން ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ މި ތަމްރީނު ޕްރޮގްރާމުން ދަސްވި ކަންކަން ޢަމަލީ މައިދާނުގައި ބޭނުންކޮށް މި ނިޒާމުގައި ހުރި ހުސްކަންތައް ދެނެގަނެ، އެކަންކަން ޙައްލުކުރުމަށް މަސައްކަތްކުރުން މުހިންމުކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. އަދި މި ނިޒާމުން ހާސިލްކުރަން ބޭނުންވާ ލަނޑުދަނޑިތައް ޙާޞިލުކުރުމަށް އަމާޒު ހިފުމާއެކު، ގަދައަޅައި މަސައްކަތްކުރަން ވާނެކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ޑީޖޭޖޭއިން ކުރިއަށްގެންދިޔަ ތަމްރީނު ޕްރޮގްރާމްގައި ކުޑަކުދިންގެ ޢަދުލުގެ ނިޒާމުގައި ހިއްސާވާ މުއައްސަސާތަކަށް ދިމާވާ ގޮންޖެހުންތަކާއި އެގޮންޖެހުންތައް ހައްލުކުރުމަށް ކުރެވިދާނެ ކަންތައްތަކާ ބެހޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ. އަދި ކުށުގެ ވެށްޓަށް ހުށަހެޅިފައިވާ ކުޑަކުދިން ހެޔޮގޮތުގައި މުޖުތަމަޢުއަށް އަނބުރާ ގެނައަމަށް ކުރެވިދާނެ ކަންތައްތަކާއި ގުޅޭގޮތުން ބައިވެރިން އަހުލުވެރިކުރެވިގެންދިޔަކަމަށް ޑީޖޭޖޭއިން ވިދާޅުވެއެވެ.

މީގެއިތުރުން، މި ނިޒާމުގެ ތެރެއިން ކުޑަކުދިންނަށް ހުށަހެޅޭ އަނިޔާތަކުން އެ ކުދިން ސަލާމަތްކުރުމަށް ކުރެވިދާނެ ކަންތައްތަކާއި ބެހޭގޮތުންވެސް ވަނީ މަޝްވަރާކުރައްވާފައެވެ. އަދި ކުދިންގެ ކަންކަމުގައި ނިންމާ ނިންމުންތަކަކީ އެންމެ ރަނގަޅު ނިންމުންތަކެއް ކަމުގައި ހެދުމާއި، ކުދިންނާއި މުޢާމާލާތް ކުރެވޭ ގޮތް ރަނގަޅު ކުރުމަށް ކުރެވިދާނެ ކަންތައްތަކާއި ބެހޭގޮތުންވެސް ބައިވެރިން ތަމްރީނުކުރެވިގެންދިޔަކަމަށް ޑީޖޭޖޭއިން ވިދާޅުވިއެވެ.

ފަސް ދުވަހުގެ މުއްދަތަކަށް އެންސީއައިޓީގައި ކުރިއަށްގެންދިޔަ މި ތަމްރީނު ޕްރޮގްރާމުގައި ކުޑަކުދިންގެ ޢަދުލުގެ ނިޒާމުގައި ހަރަކާތްތެރިވާ ފަސް މުވައްސަސާއަކުން ވަނީ ބައިވެރިވެފައެވެ. އެއީ ޑީޖޭޖޭއާއި، ދިވެހި ފުލުހުންގެ ޚިދުމަތާއި، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއާއި، ޖުވެނައިލް ކޯޓުގެ އިތުރުން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުންނެވެ.