ޚަބަރު

އެޗްޑީސީގެ ކަސްޓަމަރުންގެ ކްރެޑިޓާބެހޭ މަޢުލޫމާތު އެމްއެމްއޭގެ ކްރެޑިޓް އިންފޮމޭޝަން ސިސްޓަމްގައި އާއްމުކޮށްފި


  • މީއީ ދެފުށްފެންނަ އުސޫލަކުން ޚިދުމަތްތައް ދިނުމަށް ގެނައި ބަދަލެއް

  • މާލީ އިދާރާތަކުގެ ކްރެޑިޑް ފެސިލިޓީތަކުގައި ބައިވެރިވާއިރު، މި މަޢުލޫމާތަށް ބަލާނެ

ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަނަށް ފައިސާ ދައްކަންޖެހޭ ކަސްޓަމަރުންގެ ކްރެޑިޓާބެހޭ މަޢުލޫމާތު މަރުކަޒީ ބޭންކު އެމްއެމްއޭގައި ޤާއިމުކޮށްފާ ކްރެޑިޓް އިންފޮމޭޝަން ސިސްޓަމްގައި އާއްމުކޮށްފިއެވެ.

އެޗްޑީސީން ވިދާޅުވީ މި ބަދަލުތަކަކީ ދެފުށްފެންނަ ގޮތެއްގައި ކުންފުނީގެ ކަންކަން ބައްޓަންކުރުމަށް އަޅަމުންދާ ފިޔަވަޅުތަކެއްކަމަށެވެ.

އެޗްޑީސީން ވިދާޅުވީ ކުންފުނީގެ ހިންގުން ހަރުދަނާކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން، މަރުކަޒީ ބޭންކު، އެމްއެމްއޭގައި ޤާއިމުކޮށްފަވާ ކްރެޑިޓް އިންފޮމޭޝަން ސިސްޓަމްގައި ކުންފުނިން ބައިވެރިވެފަވާކަމަށެވެ. އެގޮތުން މަރޗް 2025އިން ފެށިގެން އެޗްޑީސީއަށް ފައިސާ ދައްކަންޖެހޭ ކަސްޓަމަރުންގެ ކްރެޑިޓާ ބެހޭ މަޢުލޫމާތު ކްރެޑިޓް އިންފޮމޭޝަން ސިސްޓަމްގެ ޤަވާއިދާ އެއްގޮތުގެމަތިން ކްރެޑިޓް އިންފޮމޭޝަން ސިސްޓަމްގައި އަޕްޑޭޓްކުރަމުންދާކަމަށެވެ.

މިއީ ކުންފުނީގެ ހިންގުން ހަރުދަނާކުރުމަށާއި، ކުންފުނީގެ މާލީ ޤާބިލުކަން އިތުރުކޮށް ކުންފުނިން އާއްމު ރައްޔިތުންނަށް ދެމުން އަންނަ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމަށްޓަކާ ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން އަޅާފަވާ މުހިންމު ފިޔަވަޅެއްކަމަށް އެކުންފުނިން ވިދާޅުވެފައެވެ.

އެޗްޑީސީ ވިދާޅުވީ މިބަދަލާއެކު، އެޗްޑީސީއަށް ފައިސާ ދައްކަންޖެހޭ ކަސްޓަމަރުންނަށް އެއްވެސް އެހެން މާލީ އިދާރާއަކުން ކްރެޑިޓެއް ދޫކުރުމުގެ ކުރިން، ނުވަތަ ރީސްޓްރަކްޗަރ ކުރުމުގެ ކުރިން، ނުވަތަ އާކުރުމުގެ ކުރިން، ނުވަތަ އިތުރުކޮށްދިނުމުގެ ކުރިން، ސިސްޓަމްގައިވާ މަޢުލޫމާތައް ބިނާކޮށް، މާލީ އިދާރާތަކުން އެފަރާތްތަކުގެ ކްރެޑިޓް އިވްލުއޭޓްކުރަމުން ގެންދާނެއެވެ.

އެހެންކަމުން ކުންފުންޏަށް ފައިސާ ދައްކަންޖެހޭ ކަސްޓަމަރުން އެކަމަށް ސަމާލުވޭ، ޤަވައިދުން ފައިސާ ދެއްކަމުން ގެންދިއުމަކީ މުހިންމު ކަމެއްކަމަށް އެ ކުންފުނިން ވަނީ ވިދާޅުވެފައެވެ.