ޚަބަރު

ކާވާ ޗެމްޕިއަންސް ލީގު: ފުރަތަމަ މެޗުން ކަޒަކިސްތާނުގެ ޒައިކް މޮޅުވެއްޖެ


ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން (ކާވާ) މެންސް ޗެމްޕިއަންސް ލީގު 2025 ކުޅުނު ފުރަތަމަ މެޗުން ކަޒަކިސްތާނުގެ ޒައިކް ވޮލީބޯލް ކުލަބު މޮޅުވެއްޖެއެވެ.

މި މުބާރާތް މިއަދު މާލޭގައި ފެށިއިރު، ފުރަތަމަ މެޗުން ޒައިކް މޮޅުވީ ސްރީ ލަންކާގެ ޕޯޓްސް އޮތޯރިޓީ އަތުން ފަހަތުން އަރައި 3-1 ސެޓުންނެވެ.

މި މެޗުގެ ފުރަތަމަ ސެޓު 25-22 އިން ގެންދިޔައީ ލަންކާގެ ޕޯޓްސް އޮތޯރިޓީންނެވެ. އެކަމަކު ކަޒަކިސްތާނުގެ ޒައިކުން ވަނީ މޮޅު ކުޅުމެއް ދައްކައި ޖެހިގެން އައި ތިން ސެޓު ކާމިޔާބުކޮށްފައެވެ. މި ސެޓުތައް އެ ޓީމުން ގެންދިޔައީ 25-14، 25-16 އަދި 25-15 އިންނެވެ.

މި މުބާރާތުގައި ރާއްޖޭގެ ދެ ކުލަބު ކަމަށްވާ ދިވެހި ސިފައިންގެ ކުލަބާއި، ކުލަބު އެޗްޑީސީގެ އިތުރުން ހަތަރު ޓީމެއް ވާދަކުރެއެވެ. އެއީ ނޭޕާލްގެ ހެލްޕް ނޭޕާލް ސްޕޯޓްސް ކުލަބާއި، ލަންކާގެ ޕޯޓްސް އޮތޯރިޓީ އާއި، ކިރިގިސްތާނުގެ ބިޝްކެކުގެ އިތުރުން ކަޒަކިސްތާނުގެ ޒައިކްއެވެ.

މިމަހުގެ 17 އިން 23 އަށް ކުރިއަށްދާ ކާވާ މެންސް ޗެމްޕިއަންސް ލީގަކީ ކުލަބު ޗެމްޕިންޝިޕުގެ ދެވަނަ ސީރީޒްއެވެ. މިދިޔަ އަހަރު މިމުބާރާތް ނޭޕާލުގައި ކުރިއަށް ގެންގޮސްފައިވާއިރު، ކާވާ މެންސް ޗެމްޕިއަންސް ލީގުގެ ނަމުގައި މިމުބާރާތް ބާއްވާ މިއީ ފުރަތަމަ އަހަރެވެ.