ޚަބަރު

ވިލުންތެރި އިޤްތިޞާދަކަށް ރާއްޖެއިން ކުރާ ދަތުރުގައި އިނގިރޭސި ވިޔަފާރިތަކަށް މުހިއްމު ދައުރެއް އަދާކުރެވޭނެ: ރައީސް


  • ރައީސް ވިދާޅުވީ އިޖާދީ ކުރިއެރުންތަކަށް ރާއްޖެއިން މަރުޚަބާ ކިޔާކަމަށް

  • ވިޔަފާރި ސިންދަފާތު ކުރުމަކީ މިހާރުގެ އެންމެ ޢަމާޒުކަމަށް ވިދާޅުވި

ވިލުންތެރި އިޤްތިޞާދެއް ބިނާކުރުމަށް ރާއްޖެއިންކުރާ ދަތުރުގައި އިނގިރޭސި ވިޔަފާރިތަކަށް މުހިންމު ދައުރެއް އަދާކުރެވޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ އިނގިރޭސިވިލާތަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ބޭއްވި ބިޒްނަސް ފޯރަމްގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވިދާޅުވީ ރާއްޖޭއާއި އިނގިރޭސިވިލާތުގެ ގުޅުމަށް 60 އަހަރު ފުރުމާއި ގާތްވެފައިވާއިރު، ދެ ޤައުމުގެ ގުޅުން އޮތީ ވަރަށް ބަދަހިކޮށްކަމަށެވެ. ޚާއްސަގޮތެއްގައި ވިޔަފާރިއާއި އިޤްތިޞާދީގޮތުން ދެ ޤައުމުގެ ގުޅުން ރައީސް ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރާއްޖޭގެ މައި ދެ ސިނާޢަތްކަމުގައި ފަތުވެރިކަމާއި މަސްވެރިކަމުގެ ސިނާޢަތް ކުރިއަރުވާ، އޭގެއިން ރާއްޖެއަށް މަންވާ ލިބިގަތުމުގައި އިނގިރޭސިވިލާތުގެ ދައުރު ބޮޑުކަމަށެވެ. އެގޮތުން ރާއްޖޭގެ މަތީފަންތީގެ ފަތުރުވެރިކަން ފައްކާކުރުމުގައި އެ ޤައުމުގެ ދަޢުރު ފާހަގަކުރައްވާ ރައީސް ވިދާޅުވީ، ރާއްޖެއަށް އެންމެ ގިނައިން ފަތުވެރިން އަންނަ ޤައުމުތަކުގެ ތެރޭގައި އިނގިރޭސިވިލާތް ހިމެނޭކަމަށެވެ. އެގޮތުން މިދިޔަ އަހަރު އެކަނިވެސް ރާއްޖެއަށް ޔޫކޭއިން 180،000 އަށްވުރެ ގިނަ ފަތުވެރިން ޒިޔާރަތްކުރިކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ރާއްޖެއިން މިހާރު ހޯދަމުންދާ ތަރައްޤީގެ ބައިވެރިވެ، ރާއްޖޭގައި ހުރި އިޤްތިޞާދީ ފުރުޞަތަކަށް އިންވެސްޓްކުރުމުގެ ދަޢުވަތު، އިނގިރޭސިވިލާތުގެ ވިޔަފާރިތަކާއި ބޭރުގެ ވިޔަފާރިތަކަށް ދެއްވާކަމަށެވެ. މީގެތެރޭގައި މަސްވެރިކަމާ ފަތުރުވެރިކަމުގެ އިތުރުން، އިޖާދީ ގޮތުން އެކި ދާއިރާތަކުން ކުރިއަށްދިއުމުގެ ފުރުޞަތުތައްވެސް ރާއްޖޭގައި ވަރަށް ފުޅާކަން ރައީސް ފާހަގަކުރެއްވިއެވެ.

"ކުރިމަގުގައި ރާއްޖެ ކުރިއަރުވަން ބޭނުންވާ ވަރަށް ގިނަ ދާއިރާތަކުން ވަނީ ފުރުޞަތު ހުޅުވިފައި. އެގޮތުން ކްރިއޭޓިވް އިންޑަސްޓްރީ، އިންފްރާސްޓްރަކްޗަރަލް ޑިވެލޮޕްމަންޓް، ހިއުމަން ކެޕިޓަލް އަދި ޑިޖިޓަލް ޓްރާންސްފޮމޭޝަންގެ ދާއިރާތައް ހިމެނޭ. އޭގެ ބައިވެރިއަކަށްވުމަށް ވިޔަފާރިތަކަށް ދަޢުވަތު އަރުވަން." ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ 2030ވަނަ އަހަރަށްދާއިރު، އުފެއްދުންތެރިކަމުގެ ސިނާޢަތް ޖީޑީޕީގައި ޙިއްސާކުރާ މިންވަރު %15އަށް އިތުރުކުރުމަކީ ސަރުކާރުގެ ޢަމާޒުކަމަށެވެ. އެހެންކަމުން މި ދާއިރާ ކުރިއެރުވުމުގައި އިންވެސްޓްމަންޓްތަކާއި، ފުރުޞަތުތަކާއި އަދި އިންސާނީ ވަސީލަތްތައް ތަރައްޤީކުރުމުގައި ރާއްޖެއަށް އެހީތެރިކަން ދެއްވުމަށް ރައީސް އެދިވަޑައިގެންނެވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވަނީ ސަރުކާރުގެ ޚިދުމަތްތައް ޑިޖިޓަލައިޒްކުރުމަށް ކުރިއަށްގެންދާ މަސައްކަތްތަކަށްވެސް އަލިއަޅުވާލައްވާފައެވެ. މީގެއިތުރުން ތިމާވެއްޓާ ރައްޓެހި ހަކަތައިގެ ނިޒާމަކަށް ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކާ، ސަރުކާރުގެ ތަޞައްވުރާ އިންވެސްޓްމަންޓް ފުރުޞަތުތައް އިނގިރޭސި ވިޔަފާރިތަކާ ޙިއްސާކުރެއްވިއެވެ. އަދި އިޤްތިޞާދު ސިންދަފާތުކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން މަސްވެރިކަމުގެ ސިނާއަތުގައި މެރިކަލްޗަރ ވިޔަފާރިފަދަ ކަންކަން ފުޅާކުރުމުގައި ޒަމާނީ އީޖާދީ ގޮތްތައް ރާއްޖެއަށް ގެންނަން ބޭނުންވާކަންވެސް ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވިއެވެ.

މީގެއިތުރުން ސަރުކާރުން، ރާއްޖޭގެ މައި ވައިގެ ބަނދަރު ތަރައްޤީކޮށް އާ ޕެސެންޖަރ ޓަރމިނަލް ހުޅުވިގެންދިއުމަކީވެސް، ރާއްޖޭގެ ވައިގެ ދަތުރުފަތުގެ ސިނާޢަތް ފުޅާވެ ވިޔަފާރީގެ ގިނަ ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމެއްކަމަށް ފާހަގަކުރެއްވިއެވެ. ރައީސް ވިދާޅުވީ ރާއްޖޭގެ ކުރިމަގު ބިނާކުރުމުގައި ޕްރައިވެޓް ސެކްޓަރ ވަރަށް މުހިންމު ރޯލެއް އަދަކުރަމުންދާކަމަށެވެ. އަދި މިދިޔަ އަހަރު ވުޖޫދަށް އައި ފޮރިން އިންވެސްޓްމަންޓް ޤާނޫނާއެކު، ވިޔަފާރީގެ އުސޫލުތައް ހަރުދަނާވެ، އިންވެސްޓަރުންނަށް ރައްކާތެރިކަން ރާއްޖޭގައި ކަށަވަރުވެގެންދާކަންވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.