ޚަބަރު

އިކޮނޮމިކް އެންޑް ޔޫތް ކައުންސިލުގެ ޗެއަރއަކަށް މިނިސްޓަރ ޒުހޫރު


ކެބިނެޓްގެ މަސައްކަތްތައް ކުރުމަށް އެކުލަވާލާފައިވާ ވަޒީރުންގެ ދެ ކޮމިޓީގެ ތެރެއިން، އިކޮނޮމިކް އެންޑް ޔޫތް ކައުންސިލް (އީވައިސީ)ގެ ޗެއަރއަކަށް، މިނިސްޓަރު އަހުމަދު ޒުހޫރު ހަމަޖައްސަވައި، ސޯޝަލް ކައުންސިލްގެ މަސައްކަތްތައް ނައިބު ރައީސް އަބްދުﷲ ޖިހާދުގެ ދަށަށް ބަދަލުކުރައްވައިފިއެވެ. މީގެ ކުރިން އީވައިސީގެ ޗެއަރއަކީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމެވެ. އެހެން ނަމަވެސް އާންމުކޮށް ބައްދަލުވުންތައް ޗެއާރ ކުރެއްވީ ކޯޗެއާއަކަށް ހުންނަވާ ބޭފުޅެކެވެ.

ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް މުޢާޒު ޢަލީ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އީވައިސީގެ ޗެއަރއަކަށް ޒުހޫރު ހަމަޖައްސަވައި ކޯ ޗެއަރއަކަށް ފިޝަރީޒް މިނިސްޓަރު މުހައްމަދު ޝައިނީ ހަމަޖައްސަވާފައިވާ ކަމަށެވެ. އިކޮނޮމިކް އެންޑް ޔޫތް ކައުންސިލަކީ އިގްތިސާދީ މަސައްކަތްތަކާއި ޒުވާނުންނާއި ގުޅުންހުރި ދާއިރާތަކަށް މަސައްކަތްކުރައްވާ ކައުންސިލެކެވެ. 

ނައިބު ރައީސް ބަލަހައްޓަވާ ސޯޝަލް ކައުންސިލަކީ ސިއްހީ ދާއިރާގެ ކަންކަމާއި އިޖުތިމާއީ ދާއިރާގެ ނިންމުންތައް ނިންމަވާ ކައުންސިލެކެވެ. ސޯޝަލް ކައުންސިލްގެ ކަންކަން ބެލެހެއްޓެވީ މީގެ ކުރިން ވެސް ނައިބު ރައީސެވެ. އެހެން ނަމަވެސް، ނައިބު ރައީސް ކަމުން މުހައްމަދު ޖަމީލް ވަކިކުރެއްވުމުން އެ ކައުންސިލް ބެލެހެއްޓެވީ ސީދާ ރައީސްއެވެ. ޒުހޫރު ހޯމް މިނިސްޓަރުކަމުން ވަކި ކުރައްވައި މިނިސްޓަރަކަށް ހަމަޖެއްސެވީ އިއްޔެއެވެ.