ބޯޓެއްހެން ސިފަވާ ސްކައި-ބުރިޖަކުން ގުޅާލާފައިވާ 650 ފޫޓުގެ ތިން އުސް އިމާރާތާއެކު ސިންގަޕޫރުގެ މެރީނާ ބޭ ސޭންޑްސްވެފައި ވަނީ، 2011ވަނަ އަހަރު އެ ތަން ހުޅުވީއްސުރެ ދުނިޔޭގެ މަޝްހޫރުކަން ހޯދާފައިވާ ތަނަކަށެވެ. އިންސްޓަގުރާމުގައި ވެސް މެރީނާ ބޭ ސޭންޑްސްގެ އިންފިނިޓީ ޕޫލަކީ ވެސް އެހާ މަޤުބޫލު ތަނެކެވެ. އެ ތަން ވެފައި މި ވަނީ ސިންގަޕޫރުގެ އަމިއްލަވަންތަކަން ރަމްޒުކޮށްދޭ އެ ޤައުމުގެ ތަރިކައަކަށެވެ.
އެހެންކަމުން މުޅި ދުނިޔެ އެ ތަނަކަށް ތައުރީފު ކުރަމުންދާ ތަނަކަށް ބަދަލު ގެނެސް، އެ ސަރަޙައްދަށް ހަތަރުވަނަ ޓަވަރެއް އިތުރުކުރުމަށް އެ އިމާރާތް ފަރުމާކުރި އާކިޓެކްޓަށް ސިންގަޕޫރުގެ ސަރުކާރުން ހުށަހެޅިއިރު، ސަރުކާރުގެ މައި ޝަރުތަކަށްވީ އެންމެ ކަމެކެވެ. ޤައުމު ރަމްޒުކޮށްދޭ މި ނިޝާނަށް ބަދަލު ގެންނައިރު، އޭގެ އަސްލު ގެއްލުވައި ނުލުމެވެ.
މެރީނާ ބޭ ސޭންޑްސް ފަރުމާކުރި މޮޝް ސަފްދީ ބުނީ އައު ޓަވަރެއް ފަރުމާކުރުމަށް ހުށަހެޅުން ލިބުނުއިރު ސިންގަޕޫރުގެ އަރބަން ރީޑިވެލޮޕްމަންޓް އޮތޯރިޓީން ބުނަމުން ދިޔައީ މެރީނާ ބޭ ސޭންޑްސަކީ ސިންގަޕޫރުގެ ފަޚުރު ކަމަށެވެ. އަދި ސިންގަޕޫރުގެ ރައްޔިތުން އެ ތަންދެކެ ނުހަނު ލޯބިވާ ކަމަށެވެ. އެހެންކަމުން އެ ތަނުގެ އަސްލު ގެއްލޭ ފަދަ އެއްވެސް ކަމެއް ނުކުރެވޭނެ ކަމަށް އެ އިދާރާއިން ބުނެފައިވާ ކަމަށް ސަފްދީ ބުންޏެވެ. އެހެންކަމުން އައު އިމާރާތް ފަރުމާކުރުމުގައި އެންމެ ބޮޑަށް ވިސްނާފައި ވަނީ އެ ކަމާމެދު ކަމަށް އޭނާ ބުންޏެވެ. އެއާއެކު މެރީނާ ބޭ ސޭންޑްސަށް އިތުރު ފުރިހަމަކަމެއް ގެނެސްދޭ، ނަމަވެސް އޭގެ އަމިއްލަވަންތަކަމެއް ހުރި އިމާރާތެއް ފަރުމާ ކުރާނެ ގޮތަކާމެދު ވިސްނަން ފެށިކަމަށް އޭނާ ބުންޏެވެ.
އުމުރުން 87 އަހަރުގެ ސަފްދީ ބުނީ މެރީނާ ބޭ ސޭންޑްސްގެ ތިން ޓަވަރާ ހަތަރުވަނަ ޓަވަރު ގުޅުވާލުމާމެދު ހިނދުކޮޅަކަށް ވިސްނާލައި އެ ޚިޔާލު ދޫކޮށްލި ކަމަށެވެ. އޭގެ ބަދަލުގައި އޭނާ ނިންމީ، އެ ސަރަޙައްދާ އިންވެގެން އޮންނަ ބިމުުގައި 55 ފޫޓުގެ އުސް އިމާރާތެއް ބިނާކުރާށެވެ. އެ އިމާރާތުގެ ބިންގާ އަޅައި، ސަފްދީގެ ފަރުމާ ހަޤީޤަތަކަށް ހެދުމުގެ މަސައްކަތް މިހާރު ވަނީ ފަށައިފައެވެ.
ސަފްދީ ބުނީ މެރީނާ ބޭ ސޭންޑްސްގެ ތިން އިމާރާތަށް އިތުރު އިމާރާތެއް ގުޅުވާލި ނަމަ އެ ތަނުގެ އަސްލު ފަރުމާއަށް ބޮޑު ބަދަލެއް އައީސް ކަމަށެވެ. އަދި އެ ގޮތަށް އެ ކަން ކުރުމަކީ ބުއްދިވެރިކަމެއް ނޫން ކަމަށް އޭނާއަށް ވިސްނުނު ކަމަށެވެ. ސަފްދީ އޭނާ ފަރުމާކުރި އައު އިމާރާތް ސިފަކުރީ ހައިރާން މާކެއްގެ ތިރީގައި އޮންނަ ތިކީގެ ގޮތުގައެވެ. އެއްޗަކަށް އިތުރު ފުރިހަމަކަމާއި މާނަ ގެނެސްދޭ ނިޝާނެއްގެ ގޮތުގަައެވެ. މިހާރު ހުރި ޓަވަރުތަކާ އިތުރު ޓަވަރެއް ގުލުވާލައިފިނަމަ އޭރަށް އެ ޓަވަރުގެ މާ ބޮޑު ޚާއްޞަކަމެއް ނުހުންނާނެ ކަމަށް އޭނާ ބުންޏެވެ.
8 ބިލިޔަން ޑޮލަރު ޚަރަދުކޮށްގެން މެރީނާ ބޭ ސޭންޑްސް ސަރަޙައްދު ބޮޑުކުރުމަށް ސިންގަޕޫރުގެ ސަރުކާރުން ނިންމި ނިންމުމަކީ މެރީނާ ބޭ ސޭންޑްސްގެ ފަރާތުން ވިޔަފާރީގެ ގޮތުން ލިބެމުންދާ ފައިދާ ދައްކުވައިދޭ ހެއްކެކެވެ. އެ ތަނުގައި ހޮޓަލަކާއި މޯލްއަކާއި ކޮންވެންޝަން ސެންޓަރެއް ވެސް ހުރެއެވެ. މިދިޔަ އަހަރު އެކަނި ވެސް މެރީނާ ބޭ ސޭންޑްސްގައި ލަސް ވޭގަސް ސޭންޑްސް ކިޔާ ކުންފުންޏަކުން ހިންގާ ރިސޯޓަކަށް އެކަނި ވެސް 38 މިލިޔަން މީހުން ޒިޔާރަތްކޮށް، 1.7 ބިލިޔަން އެމެރިކާ ޑޮލަރު ޚަރަދުކޮށްފައިވެއެވެ.
ސަފްދީ ފަރުމާކޮށްފައިވާ އައު އިމާރާތުގެ ސަބަބުން މެރީނާ ބޭ ސޭންޑްސްގެ ހޮޓަލަށް 570 ސޫޓު އިތުރުވެގެންދާނެއެވެ. އަދި މަތީ ފަންތީގެ ބާޒާރުކުރުމަށް ކަނޑައަޅާފައިވާ ސަރަޙައްދު ބޮޑުވެގެންދާނެއެވެ. މުނިފޫހިފިލުވުމުގެ ތަފާތު ޙަރަކާތްތައް ހިމަނައި އެ ކަމަށް ޚާއްޞަ އިމާރާތެއް ވެސް އެ ސަރަޙައްދަށް އިތުރުކުރާނެއެވެ. 2019ވަނަ އަހަރު ސަފްދީ ފުރަތަމަ ހުށެހެޅީ މުނިފުހިފިލުވުމުގެ މި މަރުކަޒު ހަތަރުވަނަ ޓަވަރުގެ ދުރު ފަޅީގައި ޤާއިމު ކުރުމަށެވެ. ނަމަވެސް ކޯވިޑް-19ގެ ސަބަބުން މަޝްރޫޢުއަށް ލަސްތައް ކުރިމަތިވުމުން، އެ ދަނޑުވަޅުގެ ބޭނުން ހިފައި ސަފްދީ ހުށަހެޅީ 3 އިމާރާތުގެ ސަރަޙައްދާއި އައު އިމާރާތާ ދެމެދު މި ސެންޓަރު ގާއިމުކޮށް ފަރުމާއަށް ބަދަލު ގެނައުމަށެވެ. 15،000 ގޮނޑީގެ ޖާގައިގެ މި މަރުކަޒު ތިން ޓަވަރުގެ ސަރައްޙައްދާއި އަލަށް ހަދައި ސަރަޙައްދާ ދެމެދު ޤާއިމު ކުރުމުން ތިން އިމާރާތް އައު އިމާރާތާ ބޮޑަށް ދުރުވެ، އައު އިމާރާތުގެ އަމިއްަލަވަންތަކަން އިތުރަށް ފާޅުވުުގެ ފުރުޞަތު ވަނީ ފަހިވެފައެވެ.
ސަފްދީ ބުނީ ތިން ޓަވަރު ހުރި ސަރަޙައްދާއި އައު އިމާރާތް ހެދުމަށް ރާވާފައި އޮތް ސަރަޙައްދު މާ ކައިރި ކަމަށް އޭނާއަށް ކުރިން އިޙްސާސްވި ކަމަށެވެ. ފަރުމާއަށް އަލުން ބަދަލުގެނައުމަކީ ބުރަ އަދި އުނދަގޫ މަސައްކަތެއް ނަމަވެސް އޭނާ އެ މަސައްކަތް ކުރުމުން އަންނަ ހެޔޮ ބަދަލުގެ ސަބަބުން އެ މަޝްރޫޢުއަށް ގެނެސްދޭ ފުރިހަމަކަން މާ ބޮޑަށް އިތުރުވާނެ ކަމަށް އޭނާ ބުންޏެވެ.
އައު އިމާރާތް ފަރުމާކުރުމުގައި ސަފްދީ ގެންގުޅެފައި ވަނީ މެރީނާ ބޭ ސޭންޑްސް ފަރުމާކުރުމުގައި ބޭނުންކޮށްފައިވާ ވައްޓަފާޅިއެވެ. މެރީނާ ބޭ ސޭންޑްސްގެ ތިން ޓަވަރުގެ މަތި ބޯޓެއްހެން ސިފަވާއިރު، އައު އިމާރާތުގެ ފުރާޅު ވެސް ފަރުމާކޮށްފައި ވަނީ ބޯޓެއްހެން ސިފަވާ ގޮތަށެވެ. ‘ސްކައި ލޫޕް’ ކިޔާ މި ސަރަޙައްދުން ސިންގަޕޫރުގެ މަލަމަތި ބަލައިލެވޭނެއެވެ. އެ ތަނުގައި ރެސްޓޯރަންޓުތަކާއި ބަގީޗާތައް ޤާއިމުކުރުމުގެ އިތުރުން ހޮޓަލުގައި ތިބޭ ގެސްޓުންނަށް ޚާއްޞަކޮށް އިންފިނިޓީ ޕޫލުތައް ވެސް ހިމެނުމަށް ހަމަޖެހިފައިވެއެވެ.
އައު އިމާރާތުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ސިންގަޕޫރުގެ ބޮޑުވަޒީރު ލަވްރެންސް ވޮންގ ވިދާޅުވީ ސަފްދީ ފަރުމާކޮށްފައިވާ އައު އިމާރާތުން ސިންގަޕޫރުގެ މަލަމައްޗަށް އިތުރު ފުރިހަމަކަމެއް ގެނެސްދޭނެ ކަމަށެވެ. ނަމަވެސް ސިންގަޕޫރުގެ ރައްޔިތުންގެ މެދުގައި މި އިމާރާތާމެދު ޚިޔާލު ތަފާތުވުންތައް އެބަހުއްޓެވެ. އެ ގޮތުން ތިން ޓަވަރާ މާ ދުރުގައި އައު ޓަވަރު ޤާއިމުކުރުމުން އެއީ އެހާ ލޮލަށް އަރާމު މަންޒަރަކަށް ނުވެދާނެ ކަމަށް ބައެއް މީހުން ޤަބޫލުކުރެއެވެ. ނަމަވެސް އަނެއް ބަޔަކު ޤަބޫލުކުރާ ގޮތުގައި، މާ ގިނަ ދުވަހެއް ނުވެ އައު އިމާރާތުގެ ބައެއްގެ ގޮތުގައި އެ އިމާރަތް ބެލެވެން ފެށޭނެއެވެ. ސަފްދީ ވެސް ބުނީ އިމާރާތް ހަދާ ނިމުމުން އެއީ އަބަދު ވެސް ހުރި ތަނެއް ކަމުގެ އިޙްސާސް މީހުންނަށް ކުރެވޭނެ ކަމަށެވެ. އަދި މެރީނާ ބޭ ސޭންޑްސަށް އޮންނަ ލޯބި، އެ އިމާރާތަށް ވެސް ލިބޭނެ ކަމަށެވެ. އެއީ ދެ ސަރަޙައްދު އެއްކޮށްލުމުން ލިބޭ ފުރިހަމަކަން މާ އިތުރުވާނެތީ ކަމަށް ސަފްދީ ބުނެއެވެ.