ޚަބަރު

އޮޑިޓަރސް ފޯރަމަށް ބޮޑު ތަރުހީބެއް، ފޯރަމުން އޮޑިޓިން ދާއިރާއަށް ފައިދާކުރާނެ: ސީއޭ މޯލްޑިވްސް


  • މިއީ ސީއޭ މޯލްޑިވްސް ފަރާތުން ބާއްވާ ފުރަތަމަ ފޯރަމް

  • އަހަރެއްގެ ތެރޭގައި ސީއޭއިން 5 ފޯރަމް ބާއްވާނެ

ފުރަތަމަ އޮޑިޓަރސް ފޯރަމަށް އުއްމީދުކުރި ވަރަށް ވުރެ ބޮޑު ތަރުހީބެއް ލިބުނު ކަމަށާއި ފޯރަމާއެކު ރާއްޖޭގެ އޮޑިޓް ދާއިރާ ހަރުދަނާ ކުރުމުގެ ފުރުޞަތު ފަހިވެގެންދާނެ ކަމަށް ޗާޓަރޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސް، ސީއޭ މޯލްޑިވްސްގެ ރައީސް މުޙައްމަދު ޙަލީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

އެއްދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ އޮޑިޓަރސް ފޯރަމަކީ ރާއްޖޭގެ އޮޑިޓިން ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ޚާއްސަކޮށްގެން ސީއޭ މޯލްޑިސްއިން އިންތިޒާމުކޮށްގެން ބާއްވާ ފޯރަމެކެވެ. މި ފޯރަމް ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާފައިވަނީ ކުރީގެ އޮޑިޓަރ ޖެނެރަލް ހަސަން ޒިޔަތުއެވެ.

މި ފޯރަމުގެ މަޤްޞަދަކީ ރާއްޖޭގެ އޮޑިޓިންގ ދާއިރާގައި އާންމުކޮށް ޢަމަލުކުރާ އުސޫލްތަކާއި މިންގަނޑުތަކާއި ގުޅޭގޮތުން ކަމުގެ ތަޖުރިބާކާރުންގެ މެދުގައި މަޝްވަރާކުރުމެވެ. މި ފޯރަމުގެ ތެރެއިން މި ދައިރާގައި ބޭނުންކުރާ ބައިނަލްއަޤްވާމީ މިންގަނޑުތަކާއި ގުޅޭގޮތުންނާއި އަދި ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ކަންބޮޑުވުންތަކާއި ގުޅޭގޮތުން މަޝްވަރާ ކުރުމަށް ވަނީ ހަމަޖެހިފައެވެ.

ފޯރަމް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސީއޭ މޯލްޑިވްސްގެ ރައީސް މުހައްމަދު ޙަލީމް އަބްދުﷲ ވިދާޅުވީ، މީގެ ކުރިން ސީއޭ މޯލްޑިވްސްގެ ފަރާތުން ބާއްވަމުން އައި އައިއެފްއާރްއެސް ފޯރަމުގެ ތެރެއިން އޮޑިޓް ވަކިކޮށް ވަކި ފޯރަމެއް ބޭއްވުމަށް ނިންމީ އޮޑިޓިން ދާއިރާގެ ކަންކަމަށް އިސްކަމެއްދީ މުހިންމު މަޢުޟޫތަކަށް މަޝްވަރާ ކުރުމަށެވެ. އޭނާ ވަނީ މީގެ ސަބަބުން އޮޑިޓިން ދާއިރާއަށް ބޮޑު ފައިދާއެއް ކުރާނެ ކަމަށް ވިދާޅުވެފައެވެ.

ހަލީމް ވަނީ އޮޑިޓަރސް ފޯރަމަށް އުއްމީދުކުރިވަރަށް ވުރެ ބޮޑު ތަރުހީބެއް ލިބިގެން ދިޔަކަން ފާހަގަކުރައްވާފައެވެ.

"މި ފޯރަމުގައި އަޅުގަނޑުމެން އުއްމީދުކުރިވަރަށް ވުރެ ގިނަ ބަޔަކު ބައިވެރިވެ ޝައުޤުވެރިކަން ވަނީ ފާޅުކޮށްފައި. އަޅުގަނޑުމެންނަށް ލިބުނު ޑިމާންޑު ބޮޑުވުމުން އެދުނު ހުރިހާ އެންމެންނަށް ފުރުސަތުވެސް ނުދެވުނު. އެހެންކަމުން މިއީ އަޅުގަނޑުމެންގެ އޮޑިޓަރުންނަށް މިކަމުގެ ބޭނުން އޮތް މިންވަރު ދައްކުވައިދޭ ކަމެއް." ސީއޭ މޯލްޑިވްސްގެ ރައީސް ހަލީމް ވިދާޅުވިއެވެ.

ސީއޭ މޯލްޑިވްސްއިން އޮޑިޓަރުންނަށް ޚާއްސަ ފޯރަމެއް ކުރިއަށްގެންދާއިރު، މި އަހަރުގެ ތެރޭގައި 5 ފޯރަމެއް ކުރިއަށް ގެންދަން ސީއޭ މޯލްޑިވްސްއިން ވަނީ ނިންމާފައެވެ. އެއީ އޮޑިޓަރސް ފޯރަމާއި، މީރާއާއި ގުޅިގެން ބާއްވާ ޓެކްސް ފޯރަމާއި، ސީއެފްއޯ ފޯރަމާއި، އައިއެފްއާރްއެސް ފޯރަމް އަދި ސީއޭމޯލްޑިވްސްގެ ފްލެގްޝިޕް ހަރަކާތް މޯލްޑިވްސް އެކައުންޓެންޓްސް ފޯރަމް އެވެ.

މީގެ އިތުރުން މިއަހަރުގެ އެނުއަލް އޯޝޭނިއާ ސްޓޭންޑަރ ސެޓާސް ގްރޫޕުގެ އަހަރީ ބައްދަލުވުން ނޮވެމްބަރު މަހު ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާކަން ސީއޭ މޯލްޑިވްސްއިން ވަނީ ހާމަކޮށްފައެވެ. މި ބައްދަލުވުމާއި ދިމާކޮށް ސީއޭ މޯލްޑިވްސްގެ އައިއެފްއާރްއެސް ފޯރަމް ބާއްވާނެކަން ސީއޭ މޯލްޑިވްސްގެ ރައީސް ހަލީމް ވަނީ އިއުލާން ކުރައްވާފައެވެ. އަދި އެ ފޯރަމުގައި ބައިނަލްއަޤްވާމީ ގިނަ ތަޖުރިބާކާރުން ބައިވެރިވާނެ ކަމަށް އުއްމީދުކުރާ ކަމަށް އޭނާ ވިދާޅުވިއެވެ.

މިއަހަރުގެ އޮޑިޓާރސް ފޯރަމަކީ ރާއްޖޭގެ ހަރަކާތްތެރިވާ އޮޑިޓަރުންނާއި މާލީ ވުޒާރާ، އޮޑިޓަރ ޖެނެރަލް އޮފީސް އަދި މީރާގެ އެހީތެރިކަމާއެކު ބާއްވާ ފޯރަމެކެވެ.