ޚަބަރު

ވަގުތީ ގޮތުން ޙަމަލާ ބަދަލު ކުރުން ހުއްޓައިލެވޭނީ ދާއިމީ އެއްބަސްވުމެއް އެކުލަވައިލުމަށް މަސައްކަތް ކޮށްގެން: ޙަމާސް


ޔަހޫދީންނާ އެކު ސުލްޙައިގެ އެއްބަސްވުމެއް އެކުލަވައިލުމަށް ބޭނުންވި ނަމަވެސް، ދާއިމީ އެއްބަސްވުމަކަށް ޔަހޫދީން އިންކާރު ކުރަމުންދާ ނަމަ، ޝަރުޠުތަކަށް ބަދަލުގެންނަން ޖެހިދާނެ ކަމުގައި ފަލަސްޠީނުގެ ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތުން ހާމަކޮށްފިއެވެ. ޙަމާސްގެ ހަތިޔާރު އެޅި ގޮފި، ޢިއްޒުއްދީން އަލް-ޤައްސާމް ބްރިގޭޑްސްގެ ތަރުޖަމާނު އަބޫ ޢުބަޔިދާ ވިދާޅުވީ، ޙަމާސްގެ ހުށަހެޅުންތަކަށް ޔަހޫދީން ދެކޮޅު ހަދާ ނަމަ، ޙަމަލާ ބަދަލު ކުރުން މެދުކަނޑައިލުމަށް އެއްބަސްވުމުގެ ބަދަލުގައި، ޔަހޫދީންގެ ޢުުދުވާނާއި ޤަތުލުޢާންމަށް ދާއިމީ ހުއްޓުމެއް ގެނައުމަށް އެ ޖަމާޢަތުން ޝަރުޠު ކުރާނެ ކަމުގައެވެ.

ޣައްޒާގެ މުސްލިމުންގެ ނަސްލުހޭދު ކުރުމަށް ޔަހޫދީން ޤަތުލުޢާންމެއް ހިންގަން ފަށާފައި ވަނީ 2023ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7ވަނަ ދުވަހުއެވެ. އެއީ، ޔަހޫދީންގެ އެންމެ ބޮޑު މަދަދުގާރު، އެމެރިކާގެ އިޒުނައާއި އެހީތެރިކަމާ އެކު ހިންގަމުންދާ ޢުދުވާނެކެވެ. ޔަހޫދީންގެ ޙަމަލާތަކުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު 58,000އަށް އުފުލިފައިވާ ކަމުގައި ޣައްޒާގެ ޞިއްޙީ ދާއިރާގެ މަޞްދަރުތަކުން ހާމަކުރެއެވެ. ނަމަވެސް، ޣައްޒާގެ މީޑިޔާ އޮފީހުން ބުނީ، އެ އަދަދު 61,700އަށްވުރެ މައްޗަށް އުފުލިފައިވާ ކަމުގައެވެ.

ޔަހޫދީންގެ ޢުދުވާނަށް ނިމުމެއް ގެނައުމަށް މަސައްކަތް ކުރަމުން ދަނީ ޤަޠަރާއި މިޞްރުން ގުޅިގެންނެވެ. ޙަމާސާއި ޔަހޫދީންނާ ދެމެދު ބާއްވަމުންދާ ނުރަސްމީ މަޝްވަރާތަކުގައި އެމެރިކާއިން ވެސް ބައިވެރިވެއެވެ. މި ވަގުތު ޤަޠަރުގެ ވެރިރަށް ދަވްޙާގައި ބާއްވަމުންދާ ބައްދަލުވުންތަކުގައި މަޝްވަރާ ކުރަމުން ދަނީ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ހުށަހެޅުއްވުމަކަށެވެ. އެއީ، 60 ދުވަހުގެ މުއްދަތަކަށް ޙަމަލާ ބަދަލު ކުރުން މެދުކަނޑައިލުމާ އެކު، ޙަމާސްގެ ބެލުމުގެ ދަށުގައި ތިބި އަސީރުންގެ ތެރެއިން ބަޔަކު މިނިވަން ކުރުމަށް ހުށަހަޅާފައިވާ ހުށަހެޅުމެކެވެ.

ޙަމާސުން ބުނަމުން ދަނީ، ޔަހޫދީންގެ ޢުދުވާންތައް ދާއިމަށް ހުއްޓައިލުމަށް އެއްބަސްވެެއްޖެ ނަމަ، އެ ޖަމާޢަތުގެ ބެލުމުގެ ދަށުގައި ތިބި ހުރިހާ އަސީރުން މިިނިވަން ކުރާނެ ކަމުގައެވެ. އަދި، މަރުވެފައިވާ އަސީރުންގެ ހަށިތައް ޙަވާލު ކުރާނެ ކަމުގައެވެ. ނަމަވެސް، ހުރިހާ އަސީރުން މިނިވަން ކުރުމަކީ ޒަޔަނިސްޓުންގެ ހައްދުފަހަނަ އެޅި ބޮޑުވަޒީރު ބެންޔަމިން ނަތަންްޔާހޫ ބޭނުންވާ ގޮތް ނޫން ކަން، ޙަމާސްގެ ހުށަހެޅުމަށް އޭނާ އިންކާރު ކުރުމުން ހާމަވެއެވެ.

މި ވަގުތު މަޝްވަރާ ކުރަމުންދާ ހުށަހެޅުމުގެ ދަށުން 60 ދުވަހުގެ މުއްދަތަކަށް ޙަމަލާ ބަދަލު ކުރުން މެދުކަނޑައިލުމުން، ޙަމާސްގެ ބެލުމުގެ ދަށުގައި ތިބި އަސީރުންގެ ތެރެއިން 10 މީހުން އެ ޖަމާޢަތުން މިނިވަން ކުރާނެއެވެ. އަދި، މަރުވެފައިވާ 18 އަސީރެއްގެ ހަށިގަނޑު ޔަހޫދީންނާ ޙަވާލު ކުރާނެއެވެ. އެ މީހުން މަރުވީ، ޔަހޫދީ ފައުޖުގެ ނިރުބަވެރި ޙަމަލާތަކުގައި ކަމުގައި ޙަމާސުން ބުނެއެވެ. އޭގެ ބަދަލުގައި ޔަހޫދީންގެ ޖަލުތަކުގައި ލާއިންސާނީ އަނިޔާ ދެމުންދާ ފަލަސްޠީނުގެ ގިނަ އަދަދެއްގެ މީހުން ވެސް މިނިވަން ކުރަން ޖެހޭނެއެވެ.

"ދުޝްމަނުން [ޔަހޫދީން] ގޮތްދޫކުރަން ދެކޮޅު ހަދައި، މި ފަހަރު ވެސް [މަޝްވަރާތަކުން] ފެޔަށް ޖެހެން މަސައްކަތް ކުރަމުންދާ ނަމަ ވަގުތީ އެއްބަސްވުމެއް އެކުލަވައިލުމަށް، ނުވަތަ އަސީރުންގެ ތެރެއިން 10 މީހުން މިނިވަން ކުރުމަށް [ޙަމާސަށް] އެއްބަސްވެވޭކަށް ނޯންނާނެ،" އަބޫ ޢުބަޔިދާ ވިދާޅުވިއެވެ.

މަޝްވަރާތަކުގެ މަޢުލޫމާތު އިނގޭ ފަރާތްތަކުން ބުނީ، މި ވަގުތު ދެބަސްވުންތައް އުފެދިފައި ވަނީ، ޣައްޒާގެ ބިންތަކަށް އަރައިގަނެފައިވާ ޔަހޫދީ ސިފައިން އެ ސަރަޙައްދުތަކުން ފޭބުމާ ގުޅޭ ގޮތުން ކަމުގައެވެ. މި ގޮތުން، ޣައްޒާގެ ބޮޑު ސަރަޙައްދަކުން ފޭބުމަށް ޔަހޫދީން ދެކޮޅު ހަދަމުންދާ ކަމުގައި ޙަމާސުން ވެސް ވަނީ ބުނެފައެވެ. މީގެ އިތުުރުން، ޣައްޒާގައި ހައިހޫނުގައި ޖައްސާފައިވާ 2.3 މިލިޔަނެއްހާ މީހުންނަށް ކާބޯތަކެއްޗާއި އިންސާނީ އެހީގެ ސާމާނު ފޯރުކޮށްދިނުމަށް އޮތް ހުރަސްތައް ނައްތައިލުމަށް ޔަހޫދީން އިންކާރު ކުރަމުންދާ ކަމުގައި ވެސް ޙަމާސްގެ މަޞްދަރުތަކުން ހާމަކުރިއެވެ.