އިޓަލީގެ ނަޕޯލީ އަށް ކުޅެން އޭނާ ނިންމުމުން އެކަމާ އެންމެ އުފާވެފައި ހުރި މީހަކީ އެ ޓީމަށް ކުޅެމުން އަންނަ ބެލްޖިއަމުގެ ގައުމީ ފޯވަޑް ރޮމެލޫ ލުކާކޫ ކަމަށް ކެވިން ޑިބްރޭނާ ބުނެފި އެވެ.
އިޓަލީގެ މީޑިއާއާ ވާހަކަ ދައްކަމުން ޑިބްރޭނާ ބުނީ 10 އަހަރު އިނގިރޭސިވިލާތުގެ މެންޗެސްޓާ ސިޓީ އަށް ކުޅުމަށް ފަހު އޭނާ ނަޕޯލީ އަށް ބަދަލުވީ އެ ކުލަބުގެ ޕްލޭން ރަނގަޅު ވުމުން ކަމަށެވެ.
"ނަޕޯލީ އަކީ ޗެމްޕިއަނެއް. ނަމަވެސް އެ ކުލަބު އަދިވެސް އެ އަންނަނީ ކުރި އަރަމުން. ޓީމު އިތުރަށް ތަރައްގީ ކުރަމުން. އަހަރެން އުއްމީދު ކުރަނީ އަހަންނަށް މި ޓީމަށް ރަނގަޅު އެހީތެރިކަމެއް ވެދެވޭނެ ކަމަށް. އަހަރެންގެ ތަޖުރިބާ މި ޓީމުގައި ބޭނުން ކުރެވިދާނެ،" ޑިބްރޭނާ ބުންޏެވެ.
އުމުރުން 34 އަހަރުގެ މިޑްފީލްޑަރު ބުނީ ނަޕޯލީ އަށް ބަދަލުވުމުގެ ކުރިން އިޓަލީގެ ފުޓްބޯޅައިގެ ވާހަކަ އޭނާ އަހާފައިވާ އެކަކީ ވެސް ލުކާކޫ ކަމަށެވެ. އެއީ ބެލްޖިއަމުގެ ގައުމީ ޓީމުގެ ފަރިތަކުރުންތަކުގެ ތެރެއިން ކަމަށެވެ.
"އޭނާ އާއި އަހަރެންނަކީ 13 އަހަރުން ފެށިގެން އެކަކު އަނެކަކު ދަންނަ ދެ މީހުން. މިހެންވީމާ އޭނާ ބުނި އަހަރެން ގާތުގައި މި ޓީމަށް އަންނާށޭ. އަދި އަހަރުމެން ދެ މީހުން އެކުގައި ޗެލްސީ އަށް ވެސް ކުޅުނިން. ފުރަތަމް ތިން މަސް ދުވަހު އުޅުނީ ވެސް އެއް ގެއެއްގައި. އެހެންވީމާ އޭނާ އެ ހުރީ އަހަރެން މި ޓީމަށް ކުޅެން އައުމުން ވަރަށް އުފަލުން. އޭނާ އަށް ކޯޗު އެނގޭ. ޓީމު އެނގޭ. އޭނާ އަށް އަހަރެންނަށް އިޓަލީ ބަސް ތަރުޖަމާ ކޮށްދެވިދާނެ،" ޑިބްރޭނާ ބުންޏެވެ.
އޭނާ ސިޓީ ދޫކޮށްލަން ނިންމީ އެ ކުލަބުން ކޮންޓްރެކްޓް އައު ނުކުރުމުންނެވެ. ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނީ ޑިބްރޭނާ ދޫކޮށްލާ ވާހަކަ އޭނާގެ ގާތުގައި ބުނަން ޖެހުމަކީ ކޯޗެއްގެ ގޮތުން ކުރިމަތިވި އެންމެ އުނދަގޫ ނިންމުން ކަމަށެވެ. ސަބަބަކީ އެއީ އޭނާގެ ކޯޗުކަމުގައި ކުޅުނު އެންމެ މޮޅު އެއް މިޑްފީލްޑަރަށް ވުމުން ކަމަށެވެ.
"އަހަރެން ނިންމި ގޮތަކީ އަހަރެން ނިންމި ގޮތް. އަހަރެން އަބަދުވެސް ހުންނާނީ ސިޓީގެ ކުޅުންތެރިއެއްގެ ގޮތުގައި. އެއީ އަހަރެން ވަރަށް ގިނަ ކާމިޔާބީ ހޯދި ކުލަބެއް. އެކަމަކު ކެރިއަރުގެ އެހެން ސޮފުހާއެއް ފަށަން އަހަރެން މިވަނީ ތައްޔާރުވެފައި،" ޑިބްރޭނާ ބުންޏެވެ.
އިޓަލީގެ އައު ސީޒަން ފަށާނީ އަންނަ މަހުގަ އެވެ.