ކުޅިވަރު

ރަޝްފޯޑް ފުލް މުސާރަ ދޭނީ ބާސެލޯނާއިން


ބާސެލޯނާ އަށް ލޯނު އުސޫލުން ބަދަލުވާ މެންޗެސްޓާ ޔުނައިޓެޑްގެ ފޯވަޑް މާކަސް ރަޝްފޯޑްގެ ފުކް މުސާރަ ދޭނ ބާސެލޯނާއިން ކަމަށް ނިންމައިފި އެވެ.

މި ގޮތަށް ނިންމީ ޔުނައިޓެޑުން އޭނާގެ އެއްވެސް ކަމަކާ ހަވާލުވާން ބޭނުން ނުވުމުންނެވެ. ޔުނައިޓެޑުން ބާކީ ކޮށްލުމުން ހުސްވި ސީޒަނުގެ ފަހު ބައިގައި އެސްޓަން ވިލާ އަށް ކުޅުނު އިނގިރޭސި ފޯވަޑް ބާސެލޯނާ އަށް ބަދަލުވަނީ ވެސް ލޯނު އުސޫލުންނެވެ.

ޔުނައިޓެޑާއެކު އޭނާ ހަދާފައިވާ ކޮންޓްރެކްޓްގައި ބާކީ އަދި ތިން އަހަރު އެބައޮތެވެ. އޭނާ ދާއިމީކޮށް ގަތުމަށް ބާސެލޯނާއިން ވިސްނާނީ ރަނގަޅު ކުޅުމެއް ދައްކައިފިނަމަ އެވެ. ނަމަވެސް ޔުނައިޓެޑްގެ ކޮންޓްރެކްޓްގެ ދަށުން އޭނާ އަށް ހަފުތާ އަކު ލިބޭ 315000 ޕައުންޑް ބާސެލޯނާއިން ދޭނެ އެވެ.

ރަޝްފޯޑް ގަތުމަށް ބާސެލޯނާއިން އެއްބަސްވީ އެކަން ކުރަން ޖެހިއްޖެނަމަ 24 މިލިއަން ޔޫރޯ އަށެވެ. ނަމަވެސް ޔުނައިޓެޑުން ފުރަތަމަ ބޭނުންވީ މި އަދަދު 50 މިލިއަން ކަމުގައި ހަމަޖެއްސުމަށެވެ. އެކަން ނުވީ ބާސެލޯނާއިން އެއްބަސް ނުވުމުންނެވެ.

ކުޅުން ވަރަށް ބޮޑަށް ދަށްވެ ފާޑުކިއުން އަމާޒުވެފައިވާ ރަޝްފޯޑަށް ބާސެލޯނާގައި ރަނގަޅު ކުޅުމެއް ނުދެއްކިއްޖެނަމަ ދެން ބޮޑު ކުލަބަކުން ފުރުސަތު ނުލިބިދާނެ ކަމުގެ ބިރު އެބައޮތެވެ. އުމުރުން މިހާރު 27 އަހަރުގެ ފޯވަޑް ގެންނަން ބާސެލޯނާއިން ފުރަތަމަ ފަސް ޖެހުނެވެ. ސަބަބަކީ އޭނާގެ ފާއިތުވެދިޔަ ދޮޅު އަހަރުގެ ފޯމު ރަނގަޅު ނުވުމުންނެވެ. ނަމަވެސް ބާސެލޯނާއިން އޭނާ ގެނައީ އެ ކުލަބަށް ގެންނަން އުޅުނު ސްޕޭނުގެ އެތެލްޓިކް ބިލްބާއޯގެ ނިކޯ ވިލިއަމްސް އާއި ލިވަޕޫލްގެ ލުއިސް ޑިއާޒް ނުލިބުމުންނެވެ.

އެސްޓަން ވިލާ އަށް ކުޅުނު 10 މެޗުގައި ރަޝްފޯޑަށް ޖެހުނީ 11 މެޗުން އެންމެ ދެ ލަނޑެވެ. އަދި 10 އަހަރުން ޔުނައިޓެޑަށް 287 މެޗުން ޖެހުނީ 87 ގޯލެވެ.