ސައުތެމްޓަން އަށް ކުޅެމުން އައި އެ ޓީމުގެ ޑިފެންޑަރ ކައިލް ވޯލްކަރ-ޕީޓަރސް ހިލޭ ޓްރާންސްފަރ އެއްގެ ދަށުން ވެސްޓް ހޭމް ޔުނައިޓެޑަށް ސޮއިކޮށްފި އެވެ.
އުމުރުން 28 އަހަރުގެ އިންގްލެންޑްގެ ޑިފެންޑަރ ވެސްޓް ހޭމް ޔުނައިޓެޑް އާއި ގުޅިފައިވަނީ ތިން އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ.
ޓޮޓްނަމް ހޮޓްސްޕަރ އިން ކެރިއަރ ފެށި ކައިލް ވޯލްކަރ ސައުތެމްޓަން އާއި ގުޅިފައިވަނީ 2020 ވަނަ އަހަރު ލޯނު އެއްބަސްވުމެއްގެ ދަށުންނެވެ. ނަމަވެސް އޭނާ ވަނީ ފަހުން އެ ކްލަބާއިއެކު ދާއިމީ އެއްބަސްވުމެއް ހަދާފަ އެވެ.
ސައުތެމްޓަން އަށް 202 މެޗު ކުޅެދީފައިވާ ކައިލް ވޯލްކަރ އެ ކްލަބުން ދޫކޮށްލާފައިވަނީ ނިމިގެންދިޔަ ސީޒަނުގައި އެ ކްލަބު ޕްރިމިއާ ލީގުން ރެލިގޭޓް ވުމާއި ގުޅިގެންނެވެ.
ތުރުކީގެ ބެސިކްޓާސް އިންވެސް ކައިލް ވޯލްކަރ ހޯދުމަށް މީގެ ކުރިން ވަނީ ޝައުގުވެރިކަން ފާޅުކޮށްފަ އެވެ. ނަމަވެސް މިދިޔަ ހޮނިހިރު ދުވަހު އެ ކްލަބުން ވަނީ އޭނާ މި ވަގުތަށް ބޭނުންނުވާކަމަށް ބުނެފަ އެވެ.
ކައިލް ވޯލްކަރ ވެސްޓް ހޭމް ޔުނައިޓެޑަށް ގެންދިއުމަށްފަހު އެ ކްލަބުގެ ކޯޗު ގްރަހަމް ޕޮޓަރ ބުނެފައިވަނީ ކައިލް ވޯލްކަރ އަކީ އަބަދުވެސް އޭނާއަށް ކަމުދާ ކުޅުންތެރިއެއް ކަމަށެވެ.
"ކައިލް ވޯލްކަރ އަކީ އަބަދުވެސް އަހަރެންނަށް ކަމުދާ ކުޅުންތެރިއެއް އަދި އަހަރެންނާއި ދެކޮޅަށް އޭނާ ކުޅޭ ކޮންމެ ފަހަރަކު އޭނާގެ ފަރާތުން ހާއްސަ ކަންތައްތަކެއް އަހަރެންނަށް ފާހަގަ ކުރެވޭ." ގްރަހަމް ޕޮޓަރ ބުންޏެވެ.
ކައިލް ވޯލްކަރގެ ސޮއި ވެސްޓް ހޭމް އިން ހޯދާފައިވާއިރު އެ ކްލަބުން ވަނީ ދާދި ފަހުން ސްލޭވިއާ ޕްރާގް އަށް ކުޅެމުން އައި ސެނެގާލްގެ ޑިފެންޑަރ އެލް ހާޖީ މާލިކް ދިއޫފް 19 މިލިއަން ޕައުންޑުގެ ފީއަކަށް އެ ކްލަބަށް ގެންގޮސްފަ އެވެ.
ވެސްޓް ހޭމް އިތުރަށް ވަރުގަދަ ކުރުމުގެ މަސައްކަތް އެ ކްލަބުން ކުރަމުންދާއިރު ނިމިގެންދިޔަ ސީޒަނުގައި އެ ކްލަބުގައި އެންމެ މޮޅު ކުޅުމެއް ދެއްކި މުހައްމަދު ކުޑޫސް 55 މިލިއަން ޕައުންޑުގެ ފީއަކަށް ވެސްޓް ހޭމް އިން ޓޮޓްނަމް ހޮޓްސްޕަރ އަށް ވިއްކާލާފަ އެވެ.