ޚަބަރު

‎އިންޑޮނޭޝިޔާގައި 280 މީހުންނާ އެކު ދަތުރުކުރަނިކޮށް އަލިފާން ރޯވި ފެރީން ސަލާމަތްވާން ފުންމާލީ ކަނޑަށް


ގިނަ ޢަދަދެއްގެ މީހުން ގޮވައިގެން ދަތުރުކުރަމުންދިޔަ އިންޑިނޭޝިޔާގެ ފެރީއެއްގައި އަލިފާން ރޯވެ ފަސް މީހުން މަރުވެއްޖެއެވެ.

ކޭއެމް ބާސެލޯނާ 5 ކިޔާ މި ފެރީ ދިޔައީ އިންޑޮނޭޝިޔާގެ ނޯތު ސުލަވެސި ޕްރޮވިންސުގައި އޮންނަ ތަލައުދް ކިޔާ ސަރަޙައްދަކުން އެ ޕްރޮވިންސުގެ ވެރިރަށް، މަނާދޯއަށް ދަތުރުކުރަމުންނެވެ. އެ ފެރީގައި އަލިފާން ރޯވީ ތަލީސް ކިޔައި ސަރަޙައްދެއް ކައިރިންނެވެ.

މީހުން ސަލާމަތްކުރުމުގެ މަސައްކަތުގައި ޙަރަކާތްތެރިވަމުންދާ ޚިދުމަތުން އާއްމުކޮށްފައިވާ ފޮޓޮއާއި ވީޑިޔޯއިން ބޯޓުގައި ރޯވެ އަނދަމުންދިޔަ ވަގުތު ގިނަ ޢަދަދެއްގެ މީހުން ކަނޑަށް ފުއްމާލައި މަންޒަރު ފެނެއެވެ. އޭގެ ތެރެއިން ގިނަ މީހުން ތިބީ ލައިފް ޖެކެޓު އަޅައިގެންނެވެ.

އެ ބޯޓުން ދަތުރުކުރި މީހުން ސަލާމަތްކުރުމަށް އެ ސަރަޙައްދަށް ތިން އަސްކަރީ މަނަވަރު ފޮނުވާފައިވާ ކަމަށް އިންޑޮނޭޝިޔަން ފްލީޓް ކޮމާންޑުން ބުނެއެވެ. ފަސިންޖަރުންނާއި ފަޅުވެރިން ހިމެނޭގޮތަށް މިހާތަނަށް 280 މީހުން ސަލާމަތްކޮށްފައިވާއިރު، މީހުން ސަލާމަތްކުރުމުގެ މަސައްކަތުގައި އެ ސަރަޙައްދުގައި ޙަރަކާތްތެރިވާ މަސްވެރިންގެ އެހީތެރިކަން ވެސް ދަނީ ލިބެމުންނެވެ. އެގޮތުން ބޯޓުގައި ރޯވުމުން ލައިފްޖެކެޓު އަޅައިގެން ކަނޑަށް ފުއްމާލައި ބެހެމުން ދިޔަ ބައެއް މީހުން މަސްވެރިން ވަނީ ސަލާމަތްކޮށްފައެވެ.

މިހާތަނަށް ފަސް މީހެއްގެ ހަށިގަނޑު ހޯދާފައިވާއިރު، އޭގެ ތެރޭގައި މާބަނޑު މީހެއް ވެސް ހިމެނެއެެވެ.

ބޯޓުގައި ދަތުުރުކުރި މީހުންގެ ޖުމްލަ ޢަދަދާއި ފަޅުވެރިންގެ ޢަދަދު މިހާތަނަށް ސާފުވެފައެއް ނުވެއެވެ. އަދި ސަލާމަތްވި މީހުންނަށް ލިބިފައިވާ އަނިޔާތަކާ ގުޅޭ ގޮތުން ވެސް މަޢުލޫމާތު ލިބިފައެއް ނުވެއެވެ. އިންޑޮނޭޝިޔަން ފްލީޓް ކޮމާންޑުގެ ވައިސް އެޑްމިރަލް ދެނިހް ހެންދްރަތާ ވިދާޅުވީ އެ ޚިދުމަތުން އަދިވެސް ދަނީ މީހުން ސަލާމަތްކުރުމުގެ މަސައްކަތްކުރަމުން ކަމަށާއި އަލިފާން ރޯވި ސަބަބު ވެސް ތަހުޤީޤު ކުރަމުންދާ ކަމަށެވެ.

އިންޑޮނޭޝިޔާއަކީ 17،000އަށްވުރެ ގިނަ ރަށުގެ މައްޗަށް އެކުލެވިގެންވާ ޖަޒީރާ ޤައުމެކެވެ. އެ ޤައުމުގައި އެއް ސަރަޙައްދުން އަނެއް ސަރަޙައްދަށް ދަތުރުކުރުމަށް ގިނައިން ބޭނުންކޮށް އުޅެނީ ފެރީއެވެ. ނަމަވެސް ސަލާމަތީ ކަންތައްތައް އެންމެ ފުރިހަމައަށް ނުބެލެހެއްޓޭތީ ކަނޑުމަތީގެ ނުރައްކާތެރި ހާދިޘާތައް އެ ޤައުމުގައި ވަރަށް ގިނައިން ހިނގައެވެ.

މި މަހުގެ ތެރޭގައި ވެސް މި ފަދަ ބައެެއް ހާދިޘާތައް ހިނގާފައިވެއެވެ. އެގޮތުން ޖުލައި މަހުގެ 14ވަނަ ދުވަހު ވެސް މެންތަވައި އައިލެންޑްސްގެ ރައްޔިތުންނަށް ވަނީ ބެހިގެން ގޮސްފައިވާ ގިނަ ޢަދަދެއްގެ މީހުން ފެނިފައެވެ. އެ މީހުން ކަނޑަށް ވެއްޓުނީ 18 މީހުން ގޮވައިގެން ދަތުރުކުރި ލޯންޗެއް ބަނޑުންޖަހައިލުމާ ގުޅިގެންނެވެ.

މި މަހުގެ ކުރީކޮޅު، އިންޑޮނޭޝިޔާގެ ރިސޯޓު ރަށެއް ކަމަށްވާ ބާލީ ކައިރީގައި ވެސް ފެރީއެެއް އަޑިއަށް ގޮސްފައިވެއެވެ. އެ ހާދިޘާގައި 19 މީހުން މަރުވެ 16 މީހުން ވަނީ ވީނުވީއެއް ނޭނގި ގެެއްލިފައެވެ. އެ ހާދިޘާގައި ގެއްލުނު މީހުން ހޯދުމަށް 1،000އަށްވުރެ ގިނަ މީހުން މަސައްކަތްކޮށްފައިވެއެވެ. އަދި ތިން މަނަވަރާއި 15 ބޯޓާއި ހެލިކޮޕްޓަރެއް ވެސް އެ މަސައްކަތުގައި ޙަރަކާތްތެރިވެފައިވެއެވެ. ޑައިވަރުން ވެސް މީހުން ހޯދުމުގައި މަސައްކަތްކޮށްފައިވެއެވެ.