ޚަބަރު

މާފަރުގެ ފެނާއި ނަރުދަމާ ނިޒާމުގެ ޚިދުމަތް ރަސްމީކޮށް އިފްތިތާހުކޮށްދެއްވައިފި


  • ޚިދުމަތް ފަށްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ

  • މި ޚިދުމަތާއެކު ސާފު ފެނާއި ރައްކާތެރި ނަރުދަމާ ނިޒާމު ވަނީ ކަށަވަރުވެފައި

މިލަދުންމަޑުލު ދެކުނުބުރީ މާފަރުގައި ސަރުކާރުން ޤާއިމްކުރެއްވި ފެނާއި ނަރުދަމާގެ ޚިދުމަތް ރަސްމީކޮށް ފަށްޓަވައިދެއްވައިފިއެވެ. މި ޚިދުމަތް ފަށްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މާފަރަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވެވި ރަސްމިއްޔާތުގެ ތެރެއިންނެވެ.

މާފަރުގެ ފެނާއި ނަރުދަމާ ޤާއިމްކުރުމުގެ މަސައްކަތް ކުރިއަށްގެންދިޔައީ މާލޭ ވޯޓަރ އެންޑް ސްވަރޭޖު ކޮމްޕެނީ، އެމްޑަބްލިއުއެސްސީންނެވެ. އެ ކުންފުނިން ފެނާއި ނަރުދަމާގެ މަޝްރޫޢު މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ނިންމާލި 20 ރަށުގެ ތެރޭގައި މާފަރު ހިމެނެއެވެ.

މިމަޝްރޫޢުތަކުގެ ދަށުން، މާފަރުގައި ފެން ޕްލާންޓް ބަހައްޓައި، ފެސިލިޓީ ބިލްޑިންގ އިމާރާތްކޮށް، ފެން އުފެއްދުމަށް ބޭނުންވާ ފެން ޕްލާންޓާއި އެހެނިހެން ވަސީލަތްތައް ޤާއިމްކޮށްފައިވެއެވެ. އަދި ފެން ރައްކާކުރުމަށް ތާންގި ބަހައްޓައި، ފެނާއި ނަރުދަމާ ހޮޅީގެ މައިނެޓްވޯރކް އަޅައި، ގޭގެއަށް ފެނާއި ނަރުދަމާ ކަނެކްޝަން ވަނީ ގުޅައިދީފައެވެ.

މީގެ އިތުރުން، ނަރުދަމާގެ ޕަންޕިންގ ސްޓޭޝަންތައް ޤާއިމްކޮށް، ސީ އައުޓް ފޯލްއާއި ރިޖެކްޓް ލައިންވެސް ވަނީ އަޅާފައެވެ. އަދި ފެނާއި ނަރުދަމާ ނިޒާމު ބެލެހެއްޓުމަށް ބޭނުންވާ ސާމާނާއި އަދި ފެން ތަޙުލީލު ކުރުމަށް ބޭނުންވާ ސަމާނު މި މަޝްރޫޢުގެ ދަށުން ފޯރުކޮށްދީފައިވެއެވެ.

މާފަރު ހިމެނޭހެން 20 ރަށުގައި ކުރިއަށްގެންދިޔަ ފެނާއި ނަރުދަމާ ނިޒާމް ޤާއިމްކުރުމުގެ މަޝްރޫޢަށް ސަރުކާރުން 1.34 ބިލިއަން ރުފިޔާ ޚަރަދުކުރައްވާފައިވެއެވެ.

މި މަޝްރޫޢުއާއެކު މާފަރުގެ ރައްޔިތުންނަށް ސާފު ބޯފެނާއި ރައްކާތެރި ނަރުދަމާގެ ނިޒާމުގެ ޚިދުމަތް މިވަނީ ކަށަވަރުވެފައެވެ. ސަރުކާރުން އަމާޒު ހިފާފައިވަނީ މިއަހަރުގެ ނިޔަލަށް ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާ ނިޒާމު ޤާއިމްކުރުމިުގެ މަޝްރޫޢު ނިނމާ ޚިދުމަތް ދިނުމަށެވެ.