ޚަބަރު

ރައީސުލްޖުމްހޫރިއްޔާ ހެނބަދޫއަށް ވަޑައިގަންނަވައިފި


  • ރައީސް ނ. އަތޮޅަށް ކުރައްވާ ދަތުރުފުޅަކީ މިމަހުގެ 21 އިން 25 ކުރައްވާ ދަތުރުފުޅެއް

  • ދަތުރުފުޅުގައި ރަށްރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާނެ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު މިލަދުންމަޑުލު ދެކުނުބުރީ ހެނބަދޫއަށް ވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ހެނބަދޫއަށް ވަޑައިގެންނެވުމުން މަރުހަބާ ދެންނެވުމަށް ގިނަބަޔަކުވަނީ ބަނދަރު ސަރަހައްދުން އެއްވެފައެވެ.

ހެނބަދޫއަކީ ނ. އަތޮޅަށް ރައީސުލްޖުމްހޫރިއްޔާ ފަށްޓަވާފައިވާ ދަތުރުފުޅުގެ ތެރެއިން ވަޑައިގެންނެވި ދެވަނަ ރަށެވެ.

މިދަތުރުފުޅުގައި ރަށު ކައުންސިލާއި މުއައްސަސާތަކުގެ އިސްވެރިންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާ ބައްދަލުކުރައްވާނެއެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ހެނބަދޫގެ ރައްޔިތުންނާވެސް ބައްދަލުކުރައްވާނެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގެ ތެރެއިން ހެނބަދޫގައި އަލަށް ތަރައްޤީކުރާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ އެޅުމަށް ވަނީ ހަމަޖެހިފައެވެ. މީގެއިތުރުން އެރަށުގައި ތަރައްޤީ ކުރާ މިސްކިތެއްގެ ބިންގާވެސް އަޅުއްވާނެއެވެ. މިދެ ރަސްމިއްޔާތުގައިވެސް ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގަންނަވާނެއެވެ.

މިމަހުގެ 21 އިން 25 އަށް ނ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އެއަތޮޅުގައި މީހުން ދިރިއުޅޭ 13 ރަށަށް ވަޑައިގަންނަވާނެއެވެ.