ޚަބަރު

ފްލެޓްތަކަށް ބަރާބަރަށް ކުލި ދައްކާނަމަ ސަބްސިޑީގެ %100 މަންފާ ލިބޭނެ: އެފްޑީސީ


  • 16 ވަނަ ދުވަހުގެ ކުރިން މަހުކުލި ދައްކައިފިނަމަ %75 ސަބްސިޑީގެ މަންފާއެއް ލިބޭނެ

  • މަހުގެ 21 ވަނަ ދުވަހުގެ ކުރިން މަހުކުލި ދައްކައިފިނަމަ ލިބޭނީ %50 ސަބްސިޑީއެއް

  • މަހުގެ 26 ވަނަ ދުވަހުގެ ކުރިން އެމެހެއްގެ މަހުކުލި ދައްކައިފިނަމަ %25 ސަބްސިޑީއެއް ލިބޭނެ

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްޤީކޮށްފައިވާ 4000 ފްލެޓަށް، އެ މަހެއްގެ 10 ގެ ކުރިން ކުލި ދައްކައިފިނަމަ ސަބްސިޑީގެ މަންފާ ލިބޭނެ ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން، އެފް.ޑީ.ސީން ވިދާޅުވެއްޖެއެވެ.

އެފްޑީސީން ނެރުނު ނޫސްބަޔާނެއްގައި ވިދާޅުވީ، ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްޤީކޮށްފައިވާ 4000 ހައުސިން ޔުނިޓްގެ އެއްބަސްވުންތަކަކީ ޝަރީޢާގެ ހަމަތަކާއި އެއްގޮތްވާގޮތުގެމަތިން އެކުލަވާލާފައިވާ އެއްބަސްވުމެއްކަމަށެވެ.

މި އެއްބަސްވުމުގެ ދަށުން ދައްކަންޖެހޭ މަހުކުއްޔާއި މެއިންޓަނަންސް ފީ އެ މަހެއްގެ 10 ވަނަ ދުވަހުގެ ކުރިން ދައްކައިފިނަމަ އެ ފަރާތަކަށް %100ގެ ސަބްސިޑީގެ މަންފާ ލިބޭނެކަމަށް އެފްޑީސީން ވިދާޅުވެއެވެ. އަދި މަހެއްގެ 10 ވަނަ ދުވަހަށްވުރެ ފަހުން މަހު ކުލި ދައްކާ ޙާލަތުގައި ލިބޭ ސަބްސިޑީގެ އިންސައްތައަށް ބަދަލު އަންނާނެ ގޮތް އެކުންފުނިން ހިއްސާކޮށްފައިވެއެވެ.

މިގޮތުން މަހުގެ 16 ވަނަ ދުވަހުގެ ކުރިން އެމަހެއްގެ މަހުކުލި ދައްކައިފިނަމަ %75 ސަބްސިޑީގެ މަންފާއެއް ލިބޭނެއެވެ. މަހުގެ 21 ވަނަ ދުވަހުގެ ކުރިން އެމެހެއްގެ މަހުކުލި ދައްކަފިނަމަ ލިބޭނީ %50 ސަބްސިޑީއެއްކަމަށް އެ ކުންފުނިން ވިދާޅުވެއެވެ. އަދި މަހުގެ 26 ވަނަ ދުވަހުގެ ކުރިން އެމެހެއްގެ މަހުކުލި ދައްކައިފިނަމަ %25 ސަބްސިޑީއެއް ލިބޭއިރު 26ވަނަ ދުވަހުގެ ފަހުން މަހުކުލި ދައްކާނަމަ ދައްކަންޖެހެނީ ސަބްސިޑީގެ މަންފާ ނުހިމަނާކަމަށް އެފްޑީސީން ވިދާޅުވިއެވެ.

އެއްބަސްވުމުގެ ދަށުން މަހު ކުއްޔާއި ސަބްސިޑީ މަހުގެ ނިޔަލަށް ނުދައްކައިފިނަމަ އެ ފައިސާ ދެއްކުމަށް އެދި އެފްޑީސީން ކުއްޔަށް ހިފާ ފަރާތައް ލިޔުމުން 30 ދުވަހުގެ ނޯޓިހެއް ދިނުވުމުގެ އިޚުތިޔާރުލިބޭކަމަށްވެސް އެ ކުންފުނިން ވިދާޅުވިއެވެ.

ސެކިއުރިޓީގެ ޑިޕޮސިޓްގެ ގޮތުގައި ދައްކަންޖެހޭ އަދަދު:

• 2 ކޮޓަރީގެ އެޕާޓްމަންޓް: 15،000 ރުފިޔާ

• 3 ކޮޓަރީގެ އެޕާޓްމަންޓް: 25،000 ރުފިޔާ

މަހުން މަހަށް ދައްކަންޖެހޭ ކުލި އަދި މެއިންޓެނަސްގެ އަދަދުތައް:

• 2 ކޮޓަރީގެ އެޕާޓްމަންޓް : 7000 ރުފިޔާ، މެއިންޓެނަންސް ފީ: 1000 ރުފިޔާ

• 3 ކޮޓަރީގެ އެޕާޓްމަންޓް: 9000 ރުފިޔާ، މެއިންޓެނަންސް ފީ: 1500 ރުފިޔާ

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްޤީކޮށްފައިވާ 4000ހައުސިން ޔުނިޓްގެ އެއްބަސްވުމުގައި މިހާރު ވަނީ ސޮއިކުރަން ފަށާފައެވެ. މި މަޝްރޫޢުގައި ހިމެނެނީ އަމާން ހިޔާގެ 6 ޓަވަރު އަދި އަމާން ދޯދީގެ 6 ޓަވަރެވެ. އޭގެތެރޭގައި 3 ކޮޓަރީގެ އެޕަރޓްމަންޓަކީ 2800 ހައުސިން ޔުނިޓެވެ. މި އެޕަރޓްމަންޓްތައް ހަވާލުކުރަނީ ފިނިޝިން މަސައްކަތްތައް ނިންމުމަށްފަހުއެވެ