ވަޒީފާ ގެއްލުމުގެ ސަބަބުން ސައޫދީ އަރަބިއާގައި ހާލުގައި ޖެހިފައިވާ އިންޑިޔާގެ ރައްޔިތުން އަނބުރައި ގައުމަށް ގެނައުމުގެ ކަންތައް ހަމަޖެއްސުމަށްޓަކައި އިންޑިޔާގެ ޖޫނިޔަރ ފޮރިން މިނިސްޓަރ ވިޖޭ ކުމާރު ސައޫދީއަށް ވަޑައިގެންފިއެވެ.
އިންޑިޔާގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނަކު ވިދާޅުވީ ވިޖޭ ކުމާރު މަސައްކަތް ކުރައްވާނީ ސައޫދީ ގައި ތާށިވެފައިތިބި އިންޑިޔާގެ ލޭބަރުން އަނބުރައި ގައުމަށް ގެނައުމަށް ކަމަށެވެ. ނަމަވެސް ވަޒީފާ ގެއްލުމުގެ ސަބަބުން ސައޫދީގައި ތާށިވެފައިވާ އިންޑިޔާ ރައްޔިތުންގެ އަދަދެއް އިންޑިޔާގެ ޚާރިޖިއްޔާއިން ހާމަކޮށްފައެއްނުވެއެވެ. ތެލުގެ އަގު ދަށްވުމުގެ ސަބަބުން ސައޫދީ އަށް ކުރިމަތިވެފައިވާ މާލީ މައްސަލަތަކާ ގުޅިގެން ސައޫދީ ސަރުކާރުންވަނީ އެގައުމުގައި މަސައްކަތްކުރާ ބޭރު ލޭބަރުންގެ ތެރެއިން އެތަށް ހާސްބައެއްގެ ވަޒީފާގެ ކޮންޓްރެކްޓް އަލުން އައުކުރުމަށް ދެކޮޅު ހަދާފައެވެ.
މިކަމުގެ ސަބަބުން ވަޒީފާ ގެއްލިފައިވާ ބޭރުގައުމުތަކުގެ ލޭބަރުންގެ ތެރޭގައި އިންޑިޔާގެ ދިހަ ވަރަކަށް ހާސް މީހުން ހިމެނެއެވެ. ވަޒީފާ ގެއްލުނު އިންޑިޔާގެ ލޭބަރުން ސައޫދީ ގައި އުޅެންޖެހިފައިވަނީ ވަރަށް ދަތި ހާލުގައެވެ. އެމީހުންނަށް ކާބޯތަކެތީގެ ދަތިކަން ފޯރާފައިވާއިރު ވަގުތީގޮތުން އެމީހުންނަށް ކާބޯތަކެތި ފޯރުކޮށްދެނީ ޖިއްދާގައި ހުންނަ އިންޑިޔާ ކޮންސިއުލޭޓުން ކަމަށް އެ ކޮންސިއުލޭޓުން ބުނެއެވެ.