ކުޅިވަރު

ރޮބީ ފައުލާއާއެކު އިންޑިއާގެ ގައުމީ ކޯޗުކަމަށް 170 މީހުން ކުރިމަތިލައިފި


އިންޑިއާގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުކަމުގެ މަގާމަށް 170 މީހުން ކުރިމަތިލައިފިއެވެ.

ސްޕޭނުގެ ކޯޗު މޮނޮލޯ މުނޯޒް ހުސްވި މަހު މަގާމުން އިސްތިއުފާ ދިނުމުން އިންޑިޔާއިން ނިންމީ އިއުލާނުކޮށްގެން ކޯޗަކު ހޯދުމަށެވެ.

ކޯޗުގެ މަގާމަށް ކުރިމަތިލާފައިވާ އެންމެ މަޝްހޫރު މޫނު ތަކަކީ ލިވަޕޫލްގެ ކުރީގެ ފޯވަޑް އިނގިރޭސިވިލާތުގެ ރޮބީ ފައުލާ އެވެ. އޭނާއާއެކު ކޯޗު ކަމުގެ މަގާމަށް ލިވަޕޫލަށް ކުޅުނު އޮސްޓްރޭލިޔާގެ ކުރީގެ ކުޅުންތެރިޔާ ހެރީ ކިވެލް ވެސް ހިމެނެ އެވެ. ލިވަޕޫލަށް 236 މެޗުން 120 ގޯލު ޖަހައިދިން ފައުލާ އެންމެ ފަހުން ކޯޗުކޮށްދިނީ 2023 ވަނަ އަހަރު ސައޫދީ އަރަބިއާގެ އަލް ގަދްސިއާ އަށެވެ.

މީގެ އިތުރުން ރާއްޖެ އަށް 2018 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބު ކޮށްދިން ކްރޮއޭޝިޔާ ކޯޗު ޕީޓަ ސެގްޓް ވެސް ކުރިމަތިލާފައިވާ ކޯޗުންގެ ތެރޭގައި ހިމެނެ އެވެ. ތަޖިކިސްތާނާއި އަފްގާނިސްތާނަށް ކާމިޔާބު ހޯދައިން ސެގެޓްގެ އިތުރުން އިންޑިޔާގެ ކުރީގެ ގައުމީ ކޯޗު ސްޓެފަން ކޮންސްޓަންޓައިން ވެސް ކޯޗު ކަމަށް ކުރިމަތިލި އެވެ. މި މަގާމަށް އިންޑިޔާގެ މަޝްހޫރު ކޯޗުންގެ ތެރެއިން ތިން މީހަކު ވެސް ކުރިމަތިލި އެވެ.

ކޯޗު ކަމަށް މީހަކު ހޮވަން ޝޯޓް ލިސްޓް ކުރުމަށް އިންޑިޔާގެ ފުޓްބޯޅަ ފެޑަރޭޝަނުގެ ޓެކްނިކަލް ކޮމިޓީން މިއަދު ބައްދަލު ކުރާނެ އެވެ. މި ކޮމިޓީގެ ޗެއާމަނަކީ ކުރީގެ އެއްވަނަ ފޯވަޑް އައިއެމް ވިޖެއަން އެވެ. ޓެކްނިކަލް ކޮމިޓީން އެއްވެސް ކޯޗަކާ އިންޓަވިއު ނުކުރާނެ ކަމަށް ގިނަ ބަޔަކު ދެކެ އެވެ. ސަބަބަކީ އިންޑިޔާގެ ގައުމީ ޓީމު ކުޅެން ޖެހޭ ވޯލްޑް ކަޕް ކޮލިފައިންގެ މެޗުތަކެއް ވަރަށް ގާތުގައި އޮތުމުގެ ސަބަބުން އައު ކޯޗަކު އަވަހަށް ހޮވުން މުހިންމު ކަމަށް ދެކޭތީ އެވެ. ނަމަވެސް އިންޑިޔާގެ ފުޓްބޯޅަ ފެޑަރޭޝަނުން ބުނީ ޓެކްނިކަލް ކޮމިޓީން ބޭނުންވެއްޖެނަމަ ކޯޗުންނާ އިންޓަވިއު ކުރުމުގެ ފުރިހަމަ އިހްތިޔާރު އެބައޮތް ކަމަށެވެ.

ޓެކްނިކަލް ކޮމިޓީން ޝޯޓް ލިސްޓް ކުރާ ކޯޗުންގެ ތެރެއިން އިންޑިޔާގެ ގައުމީ ކޯޗުކަމަށް މީހަކު ހަމަޖައްސާނީ އެގްޒެކެޓިވް ކޮމިޓީންނެވެ.

އިންޑިޔާގެ ކޯޗަކު ހޮވަން މަސައްކަތް ކުރާއިރު އެ ގައުމުގެ ފުޓްބޯޅަ ފެޑަރޭޝަން ވެސް މި ވަގުތު އޮތީ މައްސަލަ ގަނޑެއްގެ ތެރޭގަ އެވެ.