ޚަބަރު

ޔޫއެފާގެ ނިންމުމާއި ދެކޮޅަށް ޕެލަސްއިން ކުޅިވަރުގެ އެންމެ މަތީ ކޯޓަށް ގޮސްފި


ކުރިއަށް އޮތް ސީޒަނުގައި ޔޫރޮޕާ ލީގުގެ ފުރުސަތު ކްރިސްޓަލް ޕެލަސްއަށް ނުދޭން ޔޫއެފާ އިން ނިންމުމުން އެ މައްސަލަ ކުޅިވަރުގެ އެންމެ މަތީ ކޯޓު ކަމުގައިވާ ކޯޓު އޮފް އާބިޓްރޭޝަން ފޯ ސްޕޯޓްސް (ކާސް) އަށް ހުށައަޅައިފި އެވެ.

ޔޫރަޕްގެ ފުޓްބޯޅައިގެ އެންމެ މަތީ ފަރާތް ކަމުގައިވާ ޔޫއެފާ އިން ޕެލަސް އަށް ޔޫރޮޕާ ލީގުގެ ޖާގަ ނުދޭން ނިންމާފައިވަނީ އެ އިދާރާގެ މަލްޓި ކްލަބް އޯނާޝިޕަށް ހަދާފައިވާ ގަވާއިދުގެ ދަށުން އެ ގަވާއިދަށް ކްރިސްޓަލް ޕެލަސް ނުފެތޭތީ އެވެ.

ޔޫއެފާގެ ގަވާއިދުގައިވާ ގޮތުން އެއް ކުންފުނިން ހިންގާ ދެ ކްލަބަކަށް ޔޫއެފާގެ އެއް މުބާރާތެއްގައި ވާދަ ނުކުރެވޭނެ އެވެ. މި ގަވާއިދުގެ ދަށުން ޕެލަސް ބޭރުކޮށްފައިވަނީ އެ ކްލަބް ހިންގާ ކުންފުނީގެ އިތުރުން ފްރާންސްގެ ލިއޯން ހިންގާ ކުންފުނީގެވެސް ހިއްސާދާރެއްގެ ގޮތުގައި ޖޯން ޓެކްސްޓާ ހުރުމުންނެވެ.

ނަމަވެސް ޓެކްސްޓާ ބުނެފައިވަނި އޭނާ އެ ކުންފުނީގެ ހިއްސާ ދާރެއްގެ ގޮތުގައި ހުރި ނަމަވެސް އޭނާއަކީ އެއްވެސް ކަމެއް ނިންމުމުގެ ބާރު އޮތް ފަރާތެއް ނޫން ކަމަށެވެ.

ފްރާންސްގެ ފުޓްބޯޅަ ފެޑަރޭޝަނުން މީގެ ކުރިން ލިއޯން ރެލިގޭޓް ކުރަން ނިންމި ނަމަވެސް އެ މައްސަލަ އެޕީލްކުރުމުން ލިއޯން އާއި އެއްކޮޅަށް ނިމިފައިވާތީ ލިއޯން ކުރިއަށް އޮތް ސީޒަނުގައިވެސް ފްރެންޗް ލީގު ވަންގައި ވާދަކުރާނެ އެވެ.

މެންޗެސްޓަރ ސިޓީ ބަލިކޮށް އެފްއޭ ކަޕްގެ ޗެމްޕިއަންކަން ކްރިސްޓަލް ޕެލަސް އިން ހޯދުމާއިއެކު އެ ޓީމަށް ކުރިއަށް އޮތް ސީޒަނުގައި ޔޫރޮޕާ ލީގުން ފުރުސަތު ލިބޭނެކަމަށް އޮތީ ބެލެވިފަ އެވެ. ނަމަވެސް ޔޫރަޕްގެ ފުޓްބޯޅައިގެ މައި އިދާރާ އިން ވަނީ ކްރިސްޓަލް ޕެލަސް ޔޫރޮޕާ ލީގުން ބޭރުކޮށް ކޮންފަރެންސް ލީގަށް އެ ޓީމު ބަދަލުކޮށްފަ އެވެ.

ކޮންފަރެންސް ލީގަކީ ޔޫއެފާގެ ތިންވަނަ ފަންތީގެ މުބާރާތެކެވެ. އެހެންކަމުން މި މުބާރާތުގައި ވާދަކޮށްގެން އެ ޓީމަށް މާލީ ގޮތުން ލިބޭ ފައިދާ ޔޫރޮޕާ ލީގާއި އަޅާ ބަލާއިރު ވަރަށް ކުޑަވާނެ އެވެ.