ސިޔާސީ އޮއިވަރަކީ ޤައުމީ ލޯބީގެ ކުރިމަތީގައި އެއްވެސް މާނައެއް ހުރި އެއްޗެއް ނޫންކަމަށާއި، ދިވެހިވަންތަ އަސާސްތައް ވިއްކާނުލާ ހިމާޔަތްކުރަންޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ނ. ވެލިދޫގެ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ދިވެހިންގެ ދިވެހިވަންތަ "އައިޑެންޓިޓީ"ގެ އަސާސުތައް ވިއްކާނުލާ ރައްކާތެރިކޮށް ޙިމާޔަތްކުރަންޖެހޭކަމަށެވެ. އަދި އެމަނިކުފާނު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅަކީ މުޖުތަމަޢުގައި އޮންނަންޖެހޭ ހަމަޖެހުމާ އުޅުންތަކާ ގުޅުންތައް އޮންނަންވާގޮތަށް އަލުން އިއާދަކޮށްދިނުމުގެ މަސައްކަތްކަމަށް ވިދާޅުވިއެވެ.
ވެލިދޫގެ ރައްޔިތުންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ މި މަސައްކަތް ކުރިއަށްގެންދިއުމުގައި، ރައްޔިތުންގެ ފަރާތުން އިންތިޚާބުކޮށްފައި ތިބޭ މެންބަރުންގެ އެއްބާރުލުން ފުރިހަމައަށް ބޭނުންވާކަމަށެވެ. ރައީސް ވިދާޅުވީ ރަށްރަށުގެ ތަރައްޤީއަށް ކުރިއަށްގެންދާ މަސައްކަތްތަކުގައި ބައެއް މެންބަރުންގެ އެއްބާރުލުން ލިބެމުން ނުދާކަމަށާއި، ބައެއް މަސައްކަތްތައް ހުރަސްއަޅާ ލަސްކުރުމަށް ގަސްތުގައި މަސައްކަތްކުރާކަމަށެވެ. ރައީސް ވިދާޅުވީ އެދެނީ ޚިޔާލު ތަފާތުވިނަމަވެސް، ޒިންމާދާރުކަމާއެކު ރައްޔިތުންގެ ލާބައަށް މަސައްކަތްކުރުމަށްކަމަށެވެ.
"ރައްޔިތުން ހޮވުމަށްފަހު، ކޮންމެ ޕާޓީއަކުން ހޮވުނުނަމަވެސް ދެން ޚިދުމަތް ކުރަންޖެހޭނީ ހުރިހާ ރައްޔިތުންނަށް. ސަރުކާރު ޚިޔާލު ތަފާތުވުމަކީ ރައްޔިތުންނަށް ޚިދުމަތްކުރުމުގައި ހުރަހަކަށް ވެގެން ނުވާނެ. އެހެން ވިއަސް، ސަރުކާރުން މިދަނީ އެކަމަށް ދޫނުދީ ރަށްރަށުގެ ތަރައްޤީއށް މަސައްކަތް ކުރަމުން. މި ދަތުރުންވެސް މި ފެންނަނީ އެކަން. މެންބަރުންގެ އެއްބާރުލުން ނުލިބުނަސް ސަރުކާރުން ކުރާނެ. އެކަމަކު އެ އެއްބާރުލުން ލިބުނީމު މާ ބާރަށް މަސައްކަތްތައް ކުރިއަށް ދާނެ." ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެދެނީ ކޮންމެ މީހަކުވެސް ޒާތީ ކަންކަމަށްވުރެ ޤައުމު އިސްކުރާ ބަޔަކަށްވުންކަމަށެވެ. މިނިވަން ދުވަހާ ކުރިމަތިލާއިރު، މިނިވަންކަން ހިތުގައި ބިންވަޅުނަގާ، އަމިއްލަ ނަފްސަށްވުރެ ޤައުމު އިސްކުރަންޖެހޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ޤައުމީ ލޯތްބާއި ޤައުމީ ވާޖިބު އަދާކުރުމުގެ އިޙްސާސާއި އެ ޢަޒުމު އަށަގަތް މިންވަރުން މެނުވީ، ޤައުމުގެ ކުރިމަގުގެ ދަރިންނަށް އެ ރައްކާތެރިކަން ފޯރުކޮށްނުދެވޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މަޝްރޫޢުތައް ކިތަންމެ ގިނައިންވެސް ހިންގިދާނެކަމަށާއި ނަމަވެސް ސިކުނޑި ތަރައްޤީވެގެން ނޫނީ މި ބަދަލު ނުގެނެވޭނެކަމަށެވެ. ވަށާޖެހޭ ތަރައްޤީ އަންނާނީ އަމިއްލަ ނަފްސާ ހަމައިން ނިންމާ ނިންމުމުންކަމަށް ރައީސް ވިދާޅުވިއެވެ.
"ސިޔާސީ އޮއިވަރަކީ ޤައުމީ ލޯބީގެ ކުރިމަތީގައި އެއްވެސް މާނައެއް ހުރި އެއްޗެއް ނޫން. ދިވެހިން އިސްކުރަންވީ ދިވެހިވަންތަކަން، އިސްލާމް ދީން، ދިވެހި ބަސް، އަމިއްލަވަންތަކަމާ ޤައުމިއްޔަތު. އެކަން އިސްކޮށްގެން ނޫނީ، ކިތައްމެ މަގެއް، ބަނދަރެއް، ހޮސްޕިޓަލެއް އެޅިޔަސް، މި ބޭނުންވާ ބަދަލު ނުފެންނާނެ." ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެމަނިކުފާނަކީ، ކިތަންމެ ކުޑަ އާބާދީއަކަށްނަމަވެސް، އެއްވެސް ތަފާތުކުރުމެއް ނެތި ރައްޔިތުންނަށް ޚިދުމަތްކުރާނެ ވެރިއެއްކަމަށެވެ. ކިތަންމެ ކުޑަ އާބާދީއެއްވިއަސް މުހިންމީ، އެރަށެއްގެ ރައްޔިތުންގެ ހިތްހަމަޖެހުމާ ކުރިއެރުމާ އުފާ ފާގަތިކަންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.