ކުޅިވަރު

ބާސެލޯނާ އަކީ އަމިއްލަ ގެ ފަދަ ތަނެއް: ރަޝްފޯޑް


ސްޕެއިންގެ ބާސެލޯނާއަށް ކުޅެން އޭނާ ނިންމި މައިގަނޑު އެއް ސަބަބަކީ އެ ޓީމުގެ ކޯޗު ޖަރުމަންގެ ހަންސީ ފްލިކް ކަމަށް އިނގިރޭސި ފޯވާޑް މާކަސް ރަޝްފޯޑް ބުނެފިއެވެ.

ބާސެލޯނާ އަށް ސޮއި ކުރުމަށް ފަހު ދިން ފުރަތަމަ އިންޓަވިއުގައި ރަޝްފޯޑް ބުނީ ބުރާސްފަތި ދުވަހު ފޯނުން އޭނާ ވާނީ ކޯޗާ މަޝްވަރާ ކޮށްފައި ކަމަށެވެ.

"އަހަރެން މި ކުލަބަށް އައި އެއް ސަބަބަކީ އޭނާ. ކޯޗާއެކު ދެކެވެނު ވާހަކަތައް. އޭނާ އަކީ ޔޫރަޕުގެ އެންމެ ގަދަ އެއް ކޯޗު. އޭނާގެ މާޒީގައި އޭނާ ވަނީ ވަރަށް ގިނަ ކާމިޔާބު ހޯދާފައި. އަދި ޒުވާން ޓީމަކާއެކު މިދިޔަ ސީޒަނުގައި އޭނާ ބާސެލޯނާގައި ހޯދި ކާމިޔާބީ އަކީ އަހަރެން އޭނާ ގާތަށް އައުމަށް ޝައުގުވެރިވި ސަބަބުތަކެއް،" ރަޝްފޯޑް ބުންޏެވެ.

އޭނާ ބުނީ ފުރަތަމަ ފަހަރަށް ސްޕޭނަށް އައިސް ބާސެލޯނާގައި ހޭދަކުރި ދެ ދުވަހުގެ ތެރޭގައި ހީވަނީ އަމިއްލަ ގޭގައި ހުރެވޭ ފަދަ ކަމަށެވެ.

"މިއީ ހަމައެކަނި ފުޓްބޯޅަ ކުލަބެއް ނޫން. މިއީ އާއިލާ އެއް. އަހަރެންނަށް މި ތަނުގައި އަމިއްލަ ގޭގައި ހުރެވޭ ފަދަ އިހުސާސެއް އެބަކުރެވޭ. އަހަރެން މުހުރީ ވަރަށް އުފަލުން. މި ކުލަބުގައި އަހަރެންނަށް ކުޅެން ލިބޭ ކޮންމެ މިނިޓެއްގެ ބޭނުން އަހަރެން ހިފާނަން. އަހަރެން މި ހުރީ ވަރަށް ކުޅޭހިތުން،" ރަޝްފޯޑް ބުންޏެވެ.

މެންޗެސްޓާ ޔުނައިޓެޑުން ބޭނުން ނެތުމުން 27 އަހަރުގެ ފޯވަޑް ބާސެލޯނާ އަށް ސޮއި ކުރީ ލޯނު އެއްބަސްވުމެއްގެ ދަށުން އެއް އަހަރު ދުވަހަށެވެ. އޭނާ ރަނގަޅަށް ކުޅެފިނަމަ ބާސެލޯނާއިން އޭނާ ގަންނާނީ 25 މިލިއަން ޕައުންޑަށް ކަމަށް ވަނީ ހަމަޖައްސާފަ އެވެ. އަދި ނުގަނެ ދޫކޮށްލާނަމަ މެންޗެސްޓާ އަށް ބާސެލޯނާއިން ފަސް މިލިއަން ޕައުންޑް ވެސް ދައްކަން ޖެހޭނެ އެވެ.

ޔުނައިޓެޑުން ރަޝްފޯޑް ދޫކޮށްލީ އެ ކުލަބުގެ ކޯޗާ އޭނާއާ މައްސަލަ ޖެހުމުންނެވެ. ނަމަވެސް ޔުނައިޓެޑާއެކު ހަދާފައިވާ ކޮންޓްރެކްޓްގައި ބާކީ އަދިވެސް ތިން އަހަރު އެބައޮތެވެ. މިހެންވެ ކުޅުންތެރިޔާ ބުނީ ޔުނައިޓެޑަކީ އޭނާގެ ކެރިއަރުގައި ވަރަށް މުހިންމު ކުލަބެއް ކަމަށާއި އެ ކުލަބުގެ ކަންކަމާ މެދު އެއްވެސް އެއްޗެއް ބުނަން ބޭނުންނުވާ ކަމަށެވެ. އޭނާ އެދެނީ ޔުނައިޓެޑަށް ކާމިޔާބު ލިބުމަށް ކަމަށެވެ.

ބާސެލޯނާގައި ރަޝްފޯޑް ލާނީ ކުރިން އާސެނަލްގެ ކެޕްޓަންކަން ކުރި ފްރާންސްގެ ކުރީގެ ކެޕްޓަން ތިއޭރީ ބޭނުން ކުރި 14 ނަންބަރު ޖާޒީ އެވެ. އަދި މިއީ ބާސެލޯނާ އެ މީހަކަށް އަބަދުވެސް ޝުކުރުވެރިވާ މަޝްހޫރު ޔޯހަން ކްރައިފްގެ ނަންބަރު ވެސްމެ އެވެ.