ޚަބަރު

ކާވާ ޗެމްޕިއަންސް ލީގުގެ ޗެމްޕިއަންކަން ޒައިކަށް


ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން (ކާވާ) މެންސް ޗެމްޕިއަންސް ލީގު 2025 ގެ ޗެމްޕިއަންކަން ކަޒަކިސްތާނުގެ ޒައިކް ވޮލީބޯލް ކުލަބުން ހޯދައިފިއެވެ.

ޒައިކް މުބާރާތް ކާމިޔާބުކުރީ ފައިނަލްގައި ކިރްގިސްތާނުގެ ބިޝްކެކް އާއި ދެކޮޅަށް ކުޅުނު މެޗު 3-1 ސެޓުން ކާމިޔާބުކޮށްގެންނެވެ.

ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ކުރިޔަށް ދިޔަ ވާދަވެރި ފައިނަލް މެޗުގައި ދެޓީމުންވެސް ވަނީ ވަރަށް ވާދަވެރި މޮޅު ކުޅުމެއް ދައްކާފައެވެ. މި މެޗުގެ ފުރަތަމަ ސެޓު 26-24 ން ކާމިޔާބު ކުރީ ޒައިކްއެވެ. ދެވަނަ ސެޓު 25-21 ން ޒައިކް ކާމިޔާބުކުރި އިރު ތިންވަނަ ސެޓުގައި ކިރްގިސްތާނު ޓީމުން ކުޅުން ރަނގަޅުކޮށް 25-20 ސެޓު ގެންދިޔައެވެ. އެހެންނަމަވެސް ހަތަރުވަނަ ސެޓުގައި ޒައިކްގެ ކުޅުން ރަނގަޅުކޮށް 25-22 ން ސެޓް ކާމިޔާބުކޮށްފައެވެ.

މި ނަތީޖާއާއި އެކު މުބާރާތް ނިންމާލި ކަޒަކިސްތާނުގެ ޒައިކަށް ވަނީ ކުރިޔަށް އޮތް އޭޝިއަން ވޮލީ ބޯލް ކޮންފެޑެރޭޝަންގެ، އޭވީސީ ޗެމްޕިއަންޝިޕުގެ ޖާގަ ލިބިފައެވެ.

ފައިނަލް މެޗު ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ މި މުބާރާތުގެ ވަނަތަކަށް އައި ފަރާތްތަކަށް ތައްޓާ މެޑަލް ހަވާލުކޮށްދެއްވީ ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ. އަލީ ހައިދަރުގެ އިތުރުން ސްޕޯޓްސް ކޮމިޝަނަރ މުޙައްމަދު ޠަލާލްއެވެ.

މި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާ އަދި އެންމެ މޮޅު އިދިކޮޅު ކުޅުންތެރިޔަކަށް ހޮވުނީ ކަޒަކިސްތާނުގެ ވިޓަލީ އެރްޑްޝްޓެއިންއެވެ.

ކާވާ ޗެމްޕިއަންސް ލީގު 2025 ގެ ޑްރީމް ޓީމް

  • 1. ބެސްޓް އައުޓްސައިޑް ހިޓާ: ހެލްޕް ނޭޕާލް ސްޕޯޓްސް ކުލަބުގެ މުރާދު ޖެހާން
  • 2. ބެސްޓް އައުޓް ސައިޑް ހިޓާ: ޒައިކްގެ އޮމުރްބެކް ޒުނޫސޮވް
  • 3. ބެސްޓް މިޑްލް ބްލޮކަރ: ޒައިކްގެ ޕްރޮކޯފިން ވްލަޑިމިއާ
  • 4. ބެސްޓް މިޑްލް ބްލޮކަރ: ބިޝްކެކްގެ ނުރިސްލާމް މެޑެޓްބެކް އުލޫ
  • 5. ބެސްޓް ސެޓަރ: ޒައިކްގެ ވޮލޮޑިމީރް ކޮވަލްޗުކް
  • 6. ބެސްޓް ލިބަރޯ: ހެލްޕް ނޭޕާލްގެ ސަންތޯޝް ރާއީ
  • 7. އެންމެ މޮޅު ކުޅުންތެރިޔާ: ޒައިކްގެ ވިޓަލީ އެރްޑްޝްޓެއިން
  • 8. 7. އެންމެ މޮޅު އިދިކޮޅު ކުޅުންތެރިޔާ: ޒައިކްގެ ވިޓަލީ އެރްޑްޝްޓެއިން

ކުޅިވަރު ވުޒާރާގެ އެހީތެރިކަމާއެކު ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަނާއި ރާއްޖޭގެ ވޮލީބޯޅަ އެސޯސިއޭޝަނުން އިންތިޒާމުކޮށްގެން ޖުލައި 17-23 އަށް ކުރިޔަށް ގެންދިޔަ މި ފޯރި ގަދަ މުބާރާތުގައި ރާއްޖެއިން ވާދަކުރީ ގައުމީ މުބާރާތުގެ ޗެމްޕިއަން ދިވެހި ސިފައިންގެ ކުލަބާއި ގައުމީ މުބާރާތުގެ ރަނަރަޕް ކުލަބު އެޗްޑިސީއެވެ.

މީގެ އިތުރުން ވާދަކުރީ ސްރީލަންކާ ޕޯޓްސް އޮތޯރިޓީ، ބިޝްކެކް، ޒައިކް އަދި ހެލްޕް ނޭޕާލް ސްޕޯޓްސް ކުލަބެވެ.