ޚަބަރު

މިނިވަންކަމާއި ދިވެހިން: މިނިވަންކަންމަތީ ދެމިތިބުމަށްޓަކައި އޮތް ވަރުގަދަ ރޫޙު


  • މިނިވަން ޤައުމެއްގެ ގޮތުގައި 4000 އަހަރު ދެމިއޮތުމުގެ ސަބަބަތުތައް ވަރަށް ގިނަ

  • ރާއްޖެ ބައެއްގެ އަޅުވެތިވި ކޮންމެ ފަހަރަކު އަނބުރާ މިނިވަންވުމަށް ވަރުގަދަ ހަނގުރާމަތައްކުރި

  • ބޭރުގެ ބާރުތަކުގެ ޙަމަލާތަކުން ޤައުމު ދިފާޢުކުރުމަށް ދިވެހިން ގިނަ މަސައްކަތްތަކެއްކުރި

ދިވެހިރާއްޖޭގައި މީހުން އާބަދުވެ، ދިރިއުޅޭތާ 4000 އަށްވުރެ ގިނަ އަހަރުވެއްޖެއެވެ. މިއީ ތާރީޚީ ލިޔެކިޔުންތަކުން ފެންނަން އޮތް ޙަޤީޤަތެވެ. މިހާ ގިނަ ދުވަސްތަކެއް ވަންދެން މިނިވަން މުސްތަޤިއްލު ޤައުމެއްގެ ގޮތުގައި ދެމި އޮންނަނީ ވަރަށް ގިނަ ބައެއް ބުރަ މަސައްކަތުންކަން ކަށަވަރެވެ. ގިނަ ބައެއްގެ ޤުރުބާނީންކަން ކަށަވަރެވެ.

ޙަޤީޤަތަކީ އަޅުވަންތަކަމާއި ޤައުމުތަކުގެ ޙިމާޔަތް ތަޙައްމަލުކުރަންޖެހުނު ދުވަސްވަރުތައް ދިވެހި ތާރީޚުގައި ފެންނަން އޮތްކަމެވެ. ކާމިޔާބާއި ނާކާމިޔާބީ ފެންނަން އޮތް ކަމެވެ. ދިވެހިންނަކީ އަނިޔާވެރިކަމުގެ ކަޅުކަމާއި މުސްތަޤިއްލުކަމުގެ އަލިކަން ދެކިފައިވާ ބައެކެވެ. އެކި ދުވަސްވަރު ދިވެހި ދައުލަތުގެ މައްޗަށް ވެރިވި ބޮޑެތި ރާޅުތަކުން ސަލާމަތްވެ، މިނިވަން ޤައުމެއްގެ ގޮތުގައި 4000 އަހަރު ދެމިއޮތުމުގެ ސަބަބަތުތައް ގިނަވާނެކަން ކަށަވަރެވެ. އެ ގޮތުން ފުރަތަމަ ސަބަބަކަށްވާނީ މިނިވަންކަމަށްޓަކައި ދިވެހިންކުރި މަސައްކަތެވެ. ކީއްވެތޯއެވެ؟ އެއީ ދިވެހިންނަކީ ޠަބީޢަތުގައިވެސް މިނިވަންކަމަށް ލޯބިކުރާ ބަޔަކަށްވުމުންނެވެ. މިނިވަންކަންމަތީ ދެމިއޮތުމަށްޓަކައި މަސައްކަތްކުރުމަށް ހިތްތަކުގައި އޮތް ވަރުގަދަ ޢަޒުމެވެ.

ތާރީޚުން އެނގޭ ގޮތުގައި ރާއްޖެ ހިފުމަށް ބޭރުގެ އިސްތިޢުމާރީ ބާރުތަކުން ގިނަ މަސައްކަތްތަކެއްކޮށްފައިވެއެވެ. އެ ގޮތުން 1500ގެ އަހަރުތަކުގައި ކަނޑުގެ ބާޒުގެ ނަމުން މަޝްހޫރުވެފައިވާ ޕޯޗުގީޒުންގެ ނައުތައް ރާއްޖެ ހިފުމަށް އެތައް ފަހަރަކު މަސައްކަތްކޮށްފައިވެއެވެ. ނަމަވެސް ކޮންމެ ފަހަރަކުވެސް މި ޤައުމުގެ ހިމާޔަތަށް ޓަކައި ދިވެހިންގެ މެދުގައި އޮތް ވަރުގަދަ ރޫޙު، މި ޙަމަލާތަކަށް އިޖާބަދިނެވެ. މިގޮތަށް އެތައް ހަނގުރާމައެއްގައި ދިވެހިން ނަޞްރު ހޯދިއެވެ. ނަމަވެސް، ބައެއްފަހަރު އަޅުވެތިކަންވެސް ތަޙައްމަލުކުރަންޖެހުނެވެ. އެ ގޮތުން 1558 ވަނަ އަހަރު ޕޯޗުގީޒުންގެ އަތްދޮށަށް ދިވެހި ޤައުމު ދިޔަ ދިޔުން ފާހަގަކޮށްލެވެއެވެ. 15 އަހަރު އެ ބައިމީހުންގެ އަނިޔާވެރިކަމާއި އަޅުވެތިކަމުގެ ކެކުޅުންތަކަށް ދިވެހިން ބަރުދާސްކުރިއެވެ.

އަޅުވެތިކަމުގެ 15 އަހަރު ހޭދަކުރި ފަހުން، ދިވެހި ޖަޒީރާތަކުން ފާޅުވި އުޖާލާ ތަރިންތަކެއް މިނިވަންކަމުގެ ރޫޙުގައި ނުކުމެ، ދިވެހި ޤައުމު މިނިވަންކުރެއްވިއެވެ. ޕޯޗުގީޒުންގެ އަޅުވެތިކަމުން މިންޖުވެ، އަނެއްކާވެސް މިނިވަން މުސްތަޤިއްލު ދައުލަތެއް މި ރާއްޖޭގައި ޤާއިމުކުރެވުނެވެ. މި ނަޞްރު ހޯއްދަވައިދެއްވުމުގައި ހަރަކާތްތެރިވެވަޑައިގެންނެވީ އުތީމު މުޙައްމަދު ތަކުރުފާނާއި އެ ތަކުރުފާނުގެ އެއް ބަފާ ދެ ބެއިންނާއި ދުވާފަރު ދަންޑަހެލާއި މަލިކު ދެ ޙާޖީންނެވެ.

މުޙައްމަދު ތަކުރުފާނު، ޕޯޗުގިޒުންގެ ކިބައިން ރާއްޖެ މިނިވަންކޮށްދެއްވި ފަހުންވެސް އެކި ފަހަރު މަތިން ފުށިތިކާލުންގެ ނައުތައް ވެރިރަށް މާލެއަށް ޙަމަލާ ދިނުމަށް މަސައްކަތްކުރިއެވެ. އެ ގޮތުން އައްސުލްޠާން މުޙައްމަދު ޢިމާދުއްދީން 1 ވަނަ ނުވަތަ ބޮޑުރަސްގެފާނު، މަޝްހޫރު ކަޅުތުއްކަލާގެ ދުވަސްވަރު މަލާބާރުގެ ރަސްގެފާނާއި ޕޯޗުގީޒުން ގުޅިގެން 15 އުޅަނދުގެ މައްޗަށް އެކުލެވޭ ބޮޑު ލަޝްކަރެއް މާލެ އައެވެ. ކަޅުތުއްކަލާ ދުޝްމަނުން ބަލިކުރެއްވިއެވެ. މި ދުވަސްވަރު މަލާބާރީން 4 ފަހަރު ރާއްޖެ ހިފުމަށް އައިއެވެ. މިނިވަންކަމަށްޓަކައިވި ޤުރުބާނީގެ ފޮނި ނަތީޖާއަކީ މިއިން ކޮންމެ ފަހަރަކުވެސް މާތްރަސްކަނލާގެ ރަޙުމަތްފުޅާއެކު ދިވެހިންނަށް ނަޞްރު ލިބުމެވެ.

އޭގެ ފަހުން އައްސުލްޠާން އަލްމުކައްރަމް މުޙައްމަދު ޢިމާދުއްދީން 3 ވަނަ މަޝްހޫރު ނަމުން ކޮރު ބަންޑާރައިންގެ ރަސްކަމުގައި ކަންނަންނޫރު ރާޖާ މާލެ ހިފުމަށް ލަޝްކަރެއް ފޮނުވިއެވެ. ނަމަވެސް އެ ފަހަރު އަނެއްކާވެސް އަޅުވެތިކަން ދިވެހިން ތަޙައްމަލު ކުރަންޖެހުނެވެ. އެއީ މީލާދީ ގޮތުން 1753 ވަނަ އަހަރުގެ ތެރޭގައެވެ. ރާޖާއަށް ދިވެހިންގެ މައްޗަށް ވެރިކަންކުރެވުނީ އެންމެ 3 މަހާއި 20 ދުވަހުއެވެ. އެހެނީ އަނެއްކާވެސް މިނިވަންކަމުގެ ދިފާޢުގައި އަބުޠާލުންތަކެއް ޤައުމަށްޓަކައި އަތުކުރި އޮޅާލެއްވިއެވެ. މިފަހަރު ރާއްޖެ މިނިވަންކޮށްދެއްވީ ކ. ހުރަޔަށް ނިސްބަތްވެވަޑައިގަންނަވާ މުލީގެ ދޮން ހަސަން މަނިކުފާނު މަޝްހޫރު ނަމުންނަމަ ދޮންބަންޑާރައިންނާއި އެ ބަންޑާރައިންގެ ލަޝްކަރެވެ. ދޮންބަންޑާރައިން ދިވެހި ތަޚުތަށް އިސްވެވަޑައިގަތުމަށްފަހުވެސް 3 ފަހަރެއްގެ މަތިން ރާޖާގެ ލަޝްކަރުތައް ރާއްޖެއަށް ޙަމަލާ ދިނެވެ. އެއިން ކޮންމެ ފަހަރަކުވެސް ދިވެހި ޤައުމު ދިފާޢުކުރެއްވައި، ދުޝްމަނުން ބަލި ކުރެއްވިއެވެ.

ތާރީޚުގެ ލިޔެކިޔުންތަކުން އެނގެނީ މިނިވަންކަމަށް ޓަކައި ދިވެހިން ކުރި ލޯތްބެވެ. އެބައިމީހުން ލޯބި ކުޅަކަމުގެ ދިފާޢުގައި އެބައިމީހުންވި އަގުމާތް ޤުރުބާނީތަކެވެ. މިކަން ދޭހަކޮށްދޭ އަނެއް ހެއްކަކީ 1887 ވަނަ އަހަރު އިނގިރޭސީންގެ ޙިމާޔަތުގެ ދަށަށް ރާއްޖެ ދިއުމަށްފަހު، ފުރިހަމަ މިނިވަންކަމާއި މުސްތަޤިއްލުކަން ދިވެހިންނަށް ހޯދައިދިނުމަށް އޭރުގެ ވެރިން ކުރެއްވި ބުރަ މަސައްކަތްޕުޅެވެ. ރާއްޖޭގެ މިނިވަންކަމަށް ޓަކައި ވަކާލާތުކުރައްވައި، ގިނަ ދުވަސްތަކެއްގެ މަޝްވަރާއަށްފަހު، އިނގިރޭސީންގެ ހިމާޔަތުން ރާއްޖެއަށް މިނިވަންކަން ހޯއްދައިދިނީ ދިވެހިންގެ ބުރަ މަސައްކަތުންނެވެ. މި މަސައްކަތުގެ މޭސްތިރިއަކީ އޭރުގެ ބޮޑުވަޒީރު، ފަހުން ރައީސް އިބްރާހިމް ނާޞިރެވެ.

އިނގިރޭސީންގެ ހިމާޔަތް ބޭނުންނުވާކަމާއި ބޭނުންވަނީ ފުރިހަމަ މިނިވަންކަން ދެއްކުމުގެ ގޮތުން ޢާންމު ރައްޔިތުންވެސް ނުލާހިކު ޖޯޝާއި ފޯރީގައި އެ ދުވަސްވަރު ގިނަ މަސައްކަތްތަކެއް ކުރިއެވެ. އެއްބައިވަންތަކަމާއެކު މިނިވަންކަމަށް ޓަކައި ޚިޔާލުފާޅުކޮށް، ވަކާލާތުކުރުމުގައި އެ ދުވަސްވަރުގެ ދިވެހިން ދެއްކި ނަމޫނާއަކީ މިނިވަންކަމަށް ދިވެހިންގެ ހިތްތަކުގައި އޮތް ލޯބި ހާމަކޮށްދޭ އަލިގަދަ ދަލީލެކެވެ. އެހެންކަމުން މިއަދު އަޅުގަނޑުމެންގެ ބޮލުގައި އެޅިފައި އޮތް ޒިންމާއަކީ މި މިނިވަން ދިވެހިރާއްޖެ މިގޮތުގައި ބޭއްވުމެވެ. އަދި މިނިވަންކަންމަތީ ދެމިތިބުމުގެ ފިކުރާއި ޤައުމިއްޔަތުގެ ވަރުގަދަ ރޫޙު މި ޖީލާއި އަންނަން އޮތް ޖީލުތަކަށް ވާރުތަކޮށްދިނުމެވެ. މިނިވަންކަމަކީ މި ޖީލަށް ކާބަފައިން ހަވާލުކުރެއްވި ވަރުގަދަ އަމާނާތެވެ.