ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދަޢުވަތައް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެ ވަޑައިގެންފިއެވެ.
އެމަނިކުފާނު ރާއްޖެ ވަޑައިގަތުމުން ދިވެހިރާއްޖެއިން އެމަނިކުފާނަށް މަރުޚާބާ ދެންނެވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ. އަދި ވަޒީރުންނާ ޚާރިޖިއްޔާގެ އިސް ބޭފުޅުންވެސް ވަނީ އެމަނިކުފާނަށް މަރުޚަބާ ދަންނަވާފައެވެ.
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ މި ދަތުރުފުޅަކީ ދެ ދުވަހުގެ ދަތުރުފުޅެކެވެ. މިއީ އެމަނިކުފާނު ތިންވަނަ ފަހަރަށް އިންޑިއާގެ ބޮޑުވަޒީރުގެ މަޤާމާ ހަވާލުވެވަޑައިގެންނެވިފަހުން ރާއްޖެއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.
މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ އާއި އިންޑިއާގެ ބޮޑުވަޒީރު، ދެ ޤައުމުގެ ދޭދޭ ގުޅުމާއި ސަރަހައްދީ މަސްލަހަތުތަކާ ގުޅޭ މަތީފަންތީގެ މަޝްވަރާތައް ބާއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އޮފީހުން ވިދާޅުވެއެވެ. އަދި އެކި ދާއިރާތަކުން ގުޅިގެން މަސައްކަތްކުރުމަށާއި ގުޅުން ބަދަހިކުރުމަށް ފަހުމުނާމާތަކުގައި ސޮއި ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ދަތުރުފުޅުގެ ރަސްމީ ހަރަކާތްތައް އޮންނާނީ މިއަދު މެންދުރުފަހުއެވެ.
މިދިޔަ ބުދަ ދުވަހު އެކްސްގައި ޙިއްސާކުރެއްވި ޕޯސްޓެއްގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ވިދާޅުވީ، ރާއްޖޭގެ މިނިވަންދުވަހުގެ މުނާސަބާއާ ދިމާކޮށް ރާއްޖެ ވަޑައިގެންނެވުމަކީ، ލިބޭ ޝަރަފެއްކަމަށެވެ. މޯދީގެ މި ދަތުރުފުޅުގައި މިނިވަންދުވަހުގެ ބައެއް އިޙްތިފާލުތަކުގައި ބައިވެރިވެވަޑައިގަންނަވާނެއެވެ.
އިންޑީއާއާއި ދިވެހިރާއްޖެއާ އޮތް ގުޅުމުގެތެރެއިން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވަނީ ރަސްމީ ދެ ދަތުރުޅެއްގައި އިންޑިއާއަށް ވަޑައިގަންނަވާފައެވެ. އެމަނިކުފާނުގެ ފުރަތަމަ ދަތުރުޅަކީ މިދިޔަ އަހަރު ޖޫން މަހު ބޮޑުވަޒީރު ނަރެންދުރަ މޯދީ ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ކުރެއްވި ދަތުރުފުޅެކެވެ. މީގެ އިތުރުން އެމަނިކުފާނު ވަނީ، މިދިޔަ އަހަރުގެ އޮކްޓޯބަރ މަހު އިންޑިއާއަށް ފުރަމަނާ ދަތުރުފުޅެއްގައި ވަޑައިގަންނަވާފައެވެ.
އިންޑިއާއާއި ދިވެހިރާއްޖެއަކީ ޒަމާންވީ ގާތް ގުޅުމެއް ދަމަހައްޓަމުން އަންނަ ދެ ޤައުމެވެ. އިންޑިއާގެ ބޮޑުވަޒީރު ރާއްޖެއަށް ކުރައްވާ ރަސްމީ މި ދަތުރުފުޅު ދިމާވަނީ ރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރޭ އަހަރަށްވާއިރު، މިއީ އިންޑިއާ އާއި ރާއްޖެއާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރިތާވެސް 60 އަހަރު ފުރޭ މުނާސަބާއެވެ.
ދެ ޤައުމުގެ ގުޅުމުގެތެރެއިން، ރާއްޖޭގެ ތަރައްޤީއަށް އެކި ރޮނގުރޮނގުން އިންޑިއާއިން އަންނަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. މީގެތެރޭގައި ޢުމްރާނީ ތަރައްޤީގެ ބޮޑެތި ބިޔަ މަޝްރޫޢުތަކުން ފަށައިގެން، ވަކިވަކި ރަށްތަކުގައި ރަށު ފެންވަރުގައި ހިންގާ މަޝްރޫޢުތައް ހިމެނެއެވެ.
އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ރާއްޖެއަށް މިކުރައްވާ ދަތުރުފުޅުގައި، އެ ޤައުމުގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.