ފެންވަރު ރަނގަޅު ބޭސް ލިބުން ކަށަވަރުވެ، ރެގިއުލޭޓަރީ ބުރަތައް ކުޑަކުރުމަށް އިންޑިއަން ފާމަކޯޕީއަ ކޮމިޝަނާއި މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީއާ ދެމެދު ފާމަކޯޕީއާ އެއްބާރުލުމާ ބެހޭ އެއްބަސްވުމެއްގައި ސޮއިކުރައްވައިފިއެވެ.
މިކަމުގެ އެއްބަސްވުމުގައި ރާއްޖެއިން ސޮއިކުރެއްވީ ސިއްޙީ ވަޒީރު ޢަބްދުﷲ ނާޒިމް އިބްރާހީމެވެ. އަދި އިންޑިއާއިން ސޮއިކުރެއްވީ ހައި ކޮމިޝަނަރު ޝްރީ ޖީ. ބާލާސުބްރަމަނިއަންއެވެ.
އިންޑިއާއެކު ވެފައިވާ މިއެމްއޯޔޫއާއެކު، ދިވެހިރާއްޖެއިން އިންޑިއަން ފާމަކޯޕީއަ ބަލައިގަންނާނީ ރާއްޖޭގައި އުފައްދާ އަދި އިމްޕޯޓްކުރާ ބޭސްތަކުގެ މިންގަނޑުތައް ކަނޑައަޅާ ރަސްމީ ފޮތެއްގެ ގޮތުގައިކަމަށް ސިއްޙީ ވުޒާރާއިން ވިދާޅުވިއެވެ. އަދި މިކަމުގެ ސަބަބުން ދިވެހި ރައްޔިތުންނަށް ލިބޭ ބޭހުގެ ފެންވަރު ކަށަވަރުވެ، ރެގިއުލޭޓަރީ މަރުޙަލާތައް ހަލުވިވެގެންދާނެކަމަށްވެސް އެވުޒާރާއިން ވިދާޅުވެއެވެ. މިއެމްއޯޔޫގެ ދަށުން އިންޑިއާއިން އެތެރެކުރާ ބޭސްތައް ދެވަނަ ފަހަރަށް ޓެސްޓްކުރަން ނުޖެހި، އިންޑިއާގެ އުފެއްދުންތެރިން ދޫކުރާ ސެޓްފިކެޓް އޮފް އެނަލިސިސް ދިވެހި އިދާރާތަކުން ސީދާ ބަލައިގަނެވޭނެ ނިޒާމު ހަމަޖެހިގެންދާނެއެވެ.
އަދި ދިވެހިރާއްޖޭގެ ސިއްޙީ ދާއިރާއަށް ވަރަށް ބޮޑު ފައިދާތަކެއް ކުރާނެއެވެ. އެގޮތުން ފެންވަރު ބެލުމުގެ ތަޙްލީލުތަކަށް ބޭނުންވާ އިންޑިއަން ފާމަކޯޕީއާ ރެފަރެންސް ސްޓޭންޑަޑްސް އަދި އިމްޕިއުރިޓީ ސްޓޭންޑަރޑްސް އައިޕީއާރްއެސް މެދުވެރިކޮށް އެކަށީގެންވާ އަގުގައި ލިބިގެންދާނެއެވެ. ސިއްޙީ ވުޒާރާއިން ވިދާޅުވީ މި އެއްބާރުލުމުގެ ސަބަބުން ޖެނެރިކް ބޭސް ތައްޔާރުކުރުމަށް ރަނގަޅު ފުރުސަތުތަކެއް ހުޅުވި، ދިވެހިރާއްޖޭގައި ހެޔޮއަގުގައި ބޭސް ލިބުމަށް މަގުފަހިވެގެންދާނެކަމަށެވެ. ދިވެހިރާއްޖެ ފަދަ ޤައުމަކަށް، މި އެމްއޯޔޫގެ ސަބަބުން ފެންވަރު ރަނގަޅު ބޭސް ލިބުން ކަށަވަރުވެ، ރެގިއުލޭޓަރީ ބުރަތަކާއި އެކަމާ ގުޅުންހުރި ޚަރަދުތައް ކުޑަވެގެންދާނެކަންވެސް އެ ވުޒާރާއިން ފާހަގަކުރައްވައެވެ.