ދިވެހިރާއްޖޭގެ 60ވަނަ މިނިވަން ދުވަހާ ގުޅިގެން ޤައުމީ ދިފާޢީ ބާރުން ބާއްވާ ޝަރަފުގެ ހިނގާލުން މިއަދު ހަވީރު މާލޭގައި އޮންނާނެއެވެ.
ޤައުމީ ދިފާޢީ ބާރުން ވިދާޅުވީ މި ހިނގާލުން ފަށާނީ މިއަދު ހަވީރު 4:15 ގައި ބަންޑާރަކޮށިން ކަމަށެވެ.
މި ހިނގާލުމުގައި ޖުމްލަ 4 ތަނެއްގައި ލަޝްކަރު ހުއްޓުމަށް ވަނީ ހަމަޖެހިފައެވެ. މިއިން ކޮންމެ ތަނެއްގައި މިލިޓަރީ ބޭންޑުގައި ރާގު ކުޅޭނެކަމަށް ޤައުމީ ދިފާޢީ ބާރުން ވިދާޅުވެއެވެ. އަދި ހިނގާލުން ނިންމާލުމަށް ހަމަޖެހިފައިވަނީ ކަޅުތުއްކަލާކޮށްޓަށްކަމަށްވެސް ޤައުމީ ދިފާޢީ ބާރުން ވިދާޅުވެއެވެ.
މިއަދު ހަވީރު މާލޭގެ ބޮޑެތި މަގުތަކުގައި އެމްއެންޑީއެފްގެ އަސްކަރީ ހަރަކާތްތައް ހިމެނޭ ޕެރޭޑު އަދި ޤައުމީ ކެޑޭޓުކޯގެ ޕެރޭޑާއި ރޫޓްމާޗު ކުރިއަށްގެންދާއިރު މިހަރަކާތް ހުޅުމާލޭގެ ބޮޑެތިމަގުތަކުގައި ޖުލައި 27 ވަނަ ދުވަހު ކުރިއަށް ގެންދާގޮތަށް ވަނީ ހަމަޖައްސާފައެވެ.
މިއަދު ހަވީރު ހިނގާލުން އޮންނާތީ މާލޭގެ މަގުތަކުގައި އެއްގަމު އުޅަނދު ދުއްވުން މަނާ ވާނެއެވެ. އެގޮތުން ހަވީރު 3:00 އިން 6:00 އަށް މާލޭގެ މަގުތަކުގައި އެއްގަމު އުޅަނދު ދުއްވުން މަނާވާނެކަން ވަނީ ވިދާޅުވެފައެވެ.
މިނިވަންދުވަހަށް ޚާއްސަކޮށްގެން ކުރިއަށްގެންދާ ފުޅަނދުބުރު މާލޭގެ ބޮޑެތި މަގުތަކުގައި އޮންނާނީ ޖުލައި 27 ވަނަ ދުވަހުގެ ރޭ 8:30 ގައި އެވެ. އަދި ހުޅުމާލޭ ސެންޓްރަލް ޕާކުގައި މިހަރަކާތް ޖުލައި 28 ވަނަ ދުވަހުގެ ރޭ 8:30 ގައި ބާއްވާގޮތަށް ވަނީ ނިންމަވާފައެވެ.