ޚަބަރު

އައިޖީއެމްއެޗްގައި ޤާއިމްކުރި އައިނު ފިހާރަ ރައީސުލްޖުމްހޫރިއްޔާ ހުޅުއްވައިދެއްވައިފި


  • އައިނު ހެއްދުމުގެ ޚިދުމަތް ފައްޓަވާނެކަން ރައީސް އިޢުލާންކުރެއްވީ މިއަހަރުގެ މެއިމަހު

  • ހުޅުމާލޭ ހޮސްޕިޓަލާއި ރީޖަނަލް ހޮސްޕިޓަލުގައިވެސް އައިނު ފިހާރަ ހުޅުވާނެ

އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް، އައިޖީއެމްއެޗްގައި ޤާއިމްކުރި އައިނު ފިހާރަ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ހުޅުއްވައިދެއްވައިފިއެވެ.

އައިޖީއެމްއެޗްގައި އައިނު ފިހާރައެއް މިހުޅުވީ އައިނު ހެއްދުމަށް ރައްޔިތުން ކުރާ ބޮޑު ހޭދައަށް ލުޔެެއް ހޯއްދަވާދެއްވުމުގެ ގޮތުންނެވެ. މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ދަށުން އައިނު ހެއްދުމުގެ ޚިދުމަތް ފައްޓަވާނެކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު އިޢުލާންކުރެއްވީ މިދިޔަ މެއިމަހުގެ ތެރޭގައެވެ.

އައިޖީއެމްއެޗްގައި ޤާއިމްކުރި އައިނު ފިހާރަ ހުޅުއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އެތަން ބައްލަވާލެއްވުމަށްފަހު، ފުރަތަމަ ޚިދުމަތްދިން 3 ފަރާތަށް އައިނު ހަވާލުކޮށްދެއްވާފައެވެ.

އައިނު ފިހާރަ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤް ޙަލީމް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ މިދައުރުގެ ތެރޭގައި ހޮސްޕިޓަލްސްތަކުގައި ގިނަ ޚިދުމަތްތަކެއް ޤާއިމް ކުރެވެމުންދާކަމަށެވެ. އޭގެ ތެރެއިން މި ހުޅުވިގެންދިޔަ އައިނު ފިހާރައަކީވެސް މީގެ ސަބަބުން ރައްޔިތުންނަށް އެތައް ގޮތަކުން ލުއިފަސޭހަކަމެއް ލިބިގެންދާނެކަމެއްކަމަށް ޢަބްދުއްރައްޒާޤް ވިދާޅުވިއެވެ.

ޢަބްދުއްރައްޒާޤް ވިދާޅުވީ އައިޖީއެމްއެޗްގެ އައިނު ފިހާރައިގަ ޤާއިމްކުރެވިފައިވާނީ ޒަމާނީ ވަސީލައްތައްކަމަށެވެ. މި ފިހާރައިން ނަންބަރު ހެއްދުމާއި ލެންސް ހެއްދުމުގެ ހިދުމަތުގެ އިތުރުންވެސް ގިނަ ހިދުމަތްތަކެއް ލިބިގެންދާނެކަމަށެވެ. ޢަބްދުއްރައްޒާޤް ވިދާޅުވީ އާސައިންއިން މިހޭދަކުރާ ދެހާސް ރުފިޔާގެ ތެރޭގައި ދިވެހި ކޮންމެ ރައްޔިތަކަށް ހިލޭ އައިނު ހެއްދޭނެކަމަށެވެ.

ޢަބްދުއްރައްޒާޤް ވިދާޅުވީ މިފެށޭ އޮގަސްޓުމަހުގެ ތެރޭގައި ހުޅުމާލޭގައި އުޅޭ ރައްޔިތުނަށް މި ހިދުމަތް ދިނުމުގެ ގޮތުން ހުޅުމާލޭ ހޮސްޕިޓަލުގައި މި ހިދުމަތް ޤާއިމްކޮށް ހިދުމަތް ދޭން ފަށާނެކަމަށެވެ.

"އަދި ކުރިއަށް އޮތް ދުވަސްތަކުގައި މާލޭގެ އިތުރުން އަތޮޅުތެރޭގެ 5 ރީޖަނަލް ހޮސްޕިޓަލްތަކެއްގައިވެސް އައިނުގެ ޚިދުމަތް ފޯރުކޮށްދޭނަން" މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤް ޙަލީމް ވިދާޅުވިއެވެ.

ސަރުކާރުގެ ސިއްޙީ ޚިދުމަތްދޭ ތަންތަނުން މިހާތަނަށް އައިނު ހެއްދުމުގެ ޚިދުމަތް ފޯރުކޮށްދީފައިނުވެއެވެ. އެހެންނަމަވެސް ހެލްތު އިންޝުއަރެންސްގެ ތެރެއިން ރައްޔިތުންނަށް އައިނު ހެއްދުމަށް އިންޝުއަރެންސެއް ދަނީ ދެއްވަމުންނެވެ. އެގޮތުން ފުރަތަމަ ދެއްވަމުން ގެންދިޔައީ ކޮންމެ ދެއަހަރުން އެއްއަހަރަކު 1000 ރުފިޔާގެ އެހީތެރިކަމެކެވެ. އެހެންނަމަވެސް މިހާރު 2000 ރުފިޔާގެ އިންޝުއަރެންސެއް ދެއްވުމަށް ސަރުކާރުންވަނީ ނިންމަވާފައެވެ.

އައިނަކީ އާންމު ދިރިއުޅުމަށް މުހިންމު އެއްޗަކަށްވާއިރު އައިނު ހެއްދުން ވެފައިވަނީ ރާއްޖޭގައި ބޮޑު ހޭދައެއް ކުރަންޖެހޭ ކަމަކަށެވެ. ރައްޔިތުންގެ މިތަކްލީފަށް ލުޔެއް ހޯދާދެއްވުމުގެ ގޮތުން އައިޖީއެމްއެޗްގައި މިއަދު އައިނު ފިހާރަ ހުޅުވާފައިވާއިރު ކުރިއަށް އޮތްތަނުގައި ހުޅުމާލޭ ހޮސްޕިޓަލުގައިވެސް އައިނު ފިހާރައެއް ހުޅުވޭނެކަމަށް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްއިން ވިދާޅުވެއެވެ. އަދި މިޚިދުމަތް ކުރިއަށް އޮތްތަނުގައި އަތޮޅުތަކުގެ ރީޖަނަލް ހޮސްޕިޓަލްތަކާއި ހަމައަށް ގެންދިޔުމަށް މަސައްކަތް ކުރައްވަމުން އަންނަކަމަށްވެސް ވިދާޅުވިއެވެ.

އާސަންދައިގެ ތަފާސްހިސާބުތަކަށް ބަލާއިރު ނިމިދިޔަ 2024 ވަނަ އަހަރުގެ ތެރޭގައި އައިނު ހެއްދުމަށް 36000 އަށްވުރެ ގިނަ މީހުންނަށް އާސަންދައިގެ ތެރެއިން 36 މިލިއަނަށްވުރެ ގިނަ ރުފިޔާވަނީ ދޫކޮށްފައެވެ.