ތުރުކީވިލާތުގެ ޖަންގަލިތަކުގައި އަލިފާން ރޯވެ ހަލުވިކަމާއެކު ފެތުރެމުންދާތީ އެ ޤައުމުގެ ދެ ޕްރޮވިންސެއްގައި ދިރިއުޅޭ 3،600އަށްވުރެ ގިނަ މީހުން ރައްކާތެރި ސަރަޙައްދުތަކަށް ގެންގޮސްފިއެވެ.
އާދަޔާ ޚިލާފަށް ހޫނުގަދަވުމުގެ ސަބަބުން ޖަންގަލިތަކުގައި ރޯވެފައި ވަނީ ތުރުކީވިލާތުގެ ދެކުނުގެ ދެ ޕްރޮވިންސެއް ކަމަށްވާ މަރސިން އަދި އަންތަލްޔާއާއި މެދުތެރޭ ޕްރޮވިންސެއް ކަމަށްވާ ޔުސަކު އަދި ހުޅަނގު އުތުރުގައި އޮންނަ ބުރްސާގެ އިތުރުން އުތުރުގެ ޕްރޮވިންސެއް ކަމަށްވާ ކަރަބުކްގައެވެ. މަރސިންއާއި އަންތަލްޔާއާއި ޔުސަކުގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލް ކުރި ނަމަވެސް އެހެން ސަރަޙައްދުތަކުގައި ފެތުރެމުންދާ އަލިފާންގަނޑު މިހާތަނަށް ކޮންޓްރޯލް ކުރެވިފައި ނުވާ ކަމަށް ތުރުކީވިލާތުގެ ދަނޑުވެެރިކަމާބެހޭ ވަޒީރު، އިބްރާޙިމް ޔުމަކްލީ ވަނީ ވިދާޅުވެފައެވެ. އެއާއެކު ބުރްސާ އާއި ކަރަބުކްއިން ވަނީ މީހުން ހުސްކޮށްފައެވެ.
ބުރްސާގައި އަލިފާންގަނޑު ރޯވެފައި ވަނީ އެ ޕްރޮވިންސުގެ ދެ ޑިސްޓްރިކްޓު ކަމަށްވާ ގުރްސޫއާއި ކެސްޓެލްއާ ދެމެދުގައި އިންނަ ސަރަޙައްދެއްގައި، ޖުލައި މަހުގެ 26ވަނަ ދުވަހުއެވެ. އެ ހުޅުގަނޑުގެ ސަބަބުން އިސްތަންބޫލާއި އިޒްމީރްއާ ގުޅިވައިދޭ ހައިވޭ ވެސް ވަނީ ވަގުތުކޮޅަކަށް ބަންދުކޮށްފައެވެ. އަލިފާންގަނޑު ރޯވެފައިވާ ސަރަޙަައްދު ފެންނަ ވީޑިޔޯތަކުން އާއްމުން ދިރިއުޅޭ ސަރަޙައްދަށް އަލިފާންގަނޑު ފެތުރިފައިވާ މަންޒަރު ފެނެއެވެ. އެއާއެކު ކެސްތެެލުން 1،765 މީހުން ރައްކާތެރި ސަރަޙައްދުތަކަށް ގެންގޮސްފައިވާއިރު، އެ ސަރަޙައްދުގައި 2،000އަށްވުރެ ގިނަ ފަޔަރފައިޓަރުން އަލިފާން ނިވުމުގެ މަސައްކަތުގައި ދަނީ ޙަރަކާތްތެރިވަމުންނެވެ. އެ ސަރަޙައްދުގައި ހަ މަތިންދާބޯޓާއި ހަތަރު ހެލިކޮޕްޓަރު ވެސް އަލިފާން ނިވުމުގެ މަސައްކަތުގައި ދަނީ ޙަރަކާތްތެރިވަމުންނެވެ.
އޭގެ އިތުރުން ކަރަބުކްގައި ފެތުރެމުންދާ އަލިފާންގަނޑު ކޮންޓްރޯލް ނުވެ ފެތުރެމުންދާތާ ފަސް ދުވަސް ވަނީ ވެފައެވެ. އެ ޕްރޮވިންސުގެ 19 އަވަށަކުން 1،839 މީހުން ވަނީ ރައްކާތެރި ސަރަޙައްދުތަކަށް ގެންގޮސްފައެވެ. އެ ސަރަޙައްދުގައި ތިން މަތިންދާބޯޓާއި 16 ހެލިކޮޕްޓަރު ދަނީ އަލިފާން ނިވުމުގެ މަސައްކަތުގައި ޙަރަކާތްތެރިވަމުންނެވެ.
ދަނޑުވެރިކަމާބެހޭ ވަޒީރު ވިދާޅުވީ މިއީ ތުރުކީވިލާތަށް ކުރިމަތިވެފައިވާ ވަރަށް ނުރައްކާތެރި ދަނޑިވަޅެއް ކަމަށެވެ. ކުރިއަށް އޮތް ދެ ތިން ދުވަހުގެ ތެރޭގައި ވެސް އަލިފާންގަނޑު އެއްކޮށް ނިއްވާލެވިދާނެ ކަމަށް ނުބެލެވޭ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
ތުރުކީވިލާތުގެ މޫސުމާބެހޭ އިދާރާއިން ބުނީ އެ ޤައުމުގެ ގިނަ ސަރަޙައްދުތަކެއްގެ ހޫނުމިން 40 ޑިގްރީ ސެލްސިއަސްއަށްވުރެ މައްޗަށް ގޮސްފައިވާ ކަމަށެވެ. އެއީ ހޫނު މޫސުމުގައި އެ ޤައުމުގައި ހުންނަ ހޫނުމިނަށްވުރެ 12 ޑިގްރީ ސެލްސިއަސް އިތުރު ޢަދަދެއް ކަމަށް އެ އިދާރާއިން ބުނެއެވެ. އެ ޤައުމުގެ ދެކުނުއިރުމަތީ ސަރަޙައްދުތަކުގައި 50 ޑިގްރީ ސެލްސިއަސްއަށް ވެސް ހޫނުމިން އިތުރުވެފައިވެއެވެ. އެއީ މިހާތަނަށް އެ ޤައުމުގެ ހޫނުމިން އެންމެ މައްޗަށް ދިޔަ މިންވަރެވެ.