ކުޅިވަރު

އުނދަގޫ ހާލަތެއްގައި ބެޑްމިންޓަން އޮތް ދުވަސްވަރެއްގައި ކުޅުންތެރިން ދައްކަމުންދަނީ އުއްމީދެއް: ނަޝްފާން


އުނދަގޫ ހާލަތެއްގައި ބެޑްމިންޓަން އޮތް ދުވަސްވަރެއްގައި ކުޅުންތެރިން ދައްކަމުންދާ ހިތްވަރަކީ އެ ކުޅިވަރަށް އޮތް އުއްމީދެއް ކަމަށާއި، މެލޭޝިއާގެ އެމްބީއޭ އިންޓަރނޭޝަނަލް މުބާރާތުން ޓީމު ހޯދި ކާމިޔާބާ ދޭތެރޭ ވަރަށް ބޮޑަށް ހިތްހަމަޖެހޭ ކަމަށް ރިވައިވަލް ސްޕޯޓްސްގެ ހެޑް ކޯޗު މުޙައްމަދު ނަޝްފާން ބުނެފިއެވެ.

"ޕީއެސްއެމް ނިއުސް" އާ ވާހަކަދައްކަމުން ނަޝްފާން މިހެން ބުނެފައި ވަނީ މެލޭޝިއާގެ ޕޯޓް ޑިކްސަންގައި ކުރިއަށްދާ، އެމްބީއޭ އިންޓަނޭޝަނަލް މުބާރާތުގައި ރިވައިވަލްގެ ފަރާތުން ވާދަކޮށް، އަންހެން ޑަބަލްސް ބައިން އާމިނަތު ނަބީހާ އާއި ފާތިމަތު ނަބާހާގެ ޕެއާ ވަނީ ރަން މެޑަލް ހޯދާ، އަދި އޯޕަން ކެޓަގަރީގެ ފިރިހެން ޑަަބަލްސް ބައިން، ރިވައިވަލް ސްޕޯޓްސް ކްލަބްގެ ޒަޔާން ޒަކީ އާއި ނިބާލް އަހުމަދުގެ ޕެއާ އިން ރަން މެޑަލް ހޯދުމާ ގުޅިގެންނެވެ.

ޓީމުގެ ހެޑް ކޯޗު ބުނީ ރާއްޖޭގެ ބެޑްމިންޓަން ވަރަށް ބޮޑަށް އަޑިއަޅާލާފައިވާ ދަނޑިވަޅެއްގައިވެސް ޓީމުން ދައްކަނީ ވަރަށް ވަރުގަދަ ހިތްވަރެއްކަމަށެވެ. އެގޮތުން މިދިޔަ އަހަރު ބޮޓްސްވާނާ އަދި ޒެމްބިއާގައި ކުރިއަށް ދިޔަ މުބާރާތުންވެސް ދެ ރަންމެޑަލް ނަގާފައިވާނެކަމަށާ، އަދި އެއީ މިދިޔަ ހަތަރު އަހަރަށްފަހު މިފަދަ މުބާރާތަކުން ރާއްޖެއަށް ލިބުނު ފުރަތަމަ ރަން މެޑަލްކަމަށް ނަޝްވާން ވަނީ ފާހަގަކޮށްފައެވެ.

"ދިވެހި ބެޑްމިންޓަން ވަރަށް ބޮޑަށް އަޑިއަޅާލާފައި އޮތް ހާލަތުގައި އޮއްވާ މިދިޔަ އަހަރު ބޮޓްސްވާނާ އަދި ޒެމްބިއާގައި 2 ގޯލްޑް މެޑަލް ނެގީ، ހަތަރު އަހަރަށްފަހު އަލަށް. ހަމަ މިހާލަތުގައި އޮއްވާ އަނެއްކާވެސް މުބާރާތަކުން ތިން ގޯލްޑް މިލިބުނީ" ނަޝްވާން ބުނެފަވެއެވެ.

ރިވައިވަލް ސްޕޯޓްސްގެ އަބަދުވެސް ޓާގެޓަކީ ބީޑަބްލިއުއެފް މުބާރާތްތަކުގައި ވާދަކުރުންކަމަށް ނަޝްވާން ބުނެފަވާއިރު، އެކަމަށް އެޅިފައިވާ ހުރަހަކީ ބެޑްމިންޓަން ދުނިޔޭގެ މައި ޖަމިއްޔާ، ބީޑަބްލިއުއެފްއިން މިއަހަރުގެ މޭމަހުގެ 20 ވަނަ ދުވަހު ރާއްޖެ ސަސްޕެންޑުކުރުންކަމަށް އޭނާ ފާހަގަކުރިއެވެ. އެހެންކަމުން ބީޑަބްލިއުއެފްއިން ރާއްޖެއާ މެދު އެޅި މި ފިޔަވަޅުގެ ސަބަބުން މިފަދަ މުބާރާތްތަކުގައި ވާދަކުރުމުގެ ފުރުސަތު ރާއްޖެއަށް ގެއްލިފައިވުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެއްކަމަށް އޭނާ ވަނީ ބުނެފައެވެ. އެހެންނަމަވެސް އެފުރުސަތު ގެއްލިފައިވިޔަސް އެމްބީއޭ އިންޓަނޭޝަނަލް ފަދަ ބައިނަލްއަޤްވާމީ ބޮޑު މުބާރާތެއްގައި ވާދަކޮށް ހޯދުނު ކާމިޔާބީ އަކީ ވަރަށް ބޮޑު ހިތްހަމަޖެހުމެއްކަމަށް ނަޝްވާން ސިފަކުރިއެވެ.

"ކުލަބުގެ އަބަދުވެސް ޓާގެޓާކީ ބީޑަބްލިއުއެފް މުބާރާތްތަކުގައި ބައިވެރިވުން. އެކަމު މިހާރު ސަސަޕެންޝަނުގައި އޮތީމަ ބީޑަބްލިއުއެފް މުބާރާތްތަކުގައި ބައިވެރިނުވެވޭތީ އިންޓަނޭޝަނަލް ފެންވަރުގެ ރަނގަޅު މުބާރާތެއް މިފަހަރު ކުޅެލަން މި ލިބުނީ" ނަޝްވާން ބުނެފަވެއެވެ.

ދިހަ ޤައުމަކުން ފެންވަރު ރަނގަޅު ކުޅުންތެރިންތަކެއް ވާދަކުރި މިމުބާރާތުގައި ރާއްޖޭގެ ޓީމުން ހިތްވަރުދައްކާ ހޯދި ރަން މެޑަލްތަކުގެ ސަބަބުން ކުޅުންތެރިން އިތުރަށް މޯޓިވޭޓްވެއްޖެކަމަށް ނަޝްވާން ފާހަގަކުރިއެވެ. އަދި އުންމީދަކީ ރާއްޖޭގެ ބެޑްމިންޓަން މިހާރު ވެއްޓިފައިވާ ހާލަތުން ވީހާވެސް އަވަހަކަށް އަރައިގަނެ ރާއްޖޭގެ އެތުލީޓުންނަށް ބީޑަބްލިއުއެފް މުބާރާތްތަކުގައި ވާދަކުރުމުގެ ފުރުސަތު އަވަސް މުސްތަގުބަލެއްގައި ލިބުންކަމަށް ރިވައިވަލްގެ ހެޑް ކޯޗު ބުންޏެވެ.

އެމްބީއޭ އިންޓަނޭޝަނަލް މުބާރާތުގައި ވާދަކޮށް ރިވައިވަލްގެ ޓީމުންވަނީ ޖުމްލަ ހަތް މެޑަލް ހޯދާފައެވެ. އެއީ އަންހެން ޑަބަލްސް އިވެންޓުން ނަބާހާ އަދި ނަބީހާ ހޯދި ރަން މެޑަލްގެ އިތުރުން، ފިރިހެނުންގެ ޑަބަލްސް ބައިން ނިބާލް އަދި ޒަޔާން ހޯދި ރަން މެޑަލްއެވެ. އަދި މިކްސް ޑަބަލްސް އިވެންޓުން ޒަޔާން އަދި ނަބާހާގެ ޕެއާވެސް ރަން މެޑަލް ހޯދާފައިވާއިރު، އަންހެނުންގެ ސިންގަލްސް ބައިން ނަބާހާ ވަނީ ރިހި މެޑަލް ހާސިލްކޮށްފައެވެ.

މީގެ އިތުރުން މިކްސް ޑަބަލް އިވެންޓުން ނަބާހާ އަދި ނިބާލްގެ ޕެއާ ލޯ މެޑަލް ކަށަަވަރުކުރިއިރު، ސިންގަލްސް އިވެންޓުން ނަބީހާ އަދި ނިބާލް ވަނީ ލޯ މެޑަލް ހާސިލްކޮށްފައެވެ.