ޚަބަރު

ލަންކާއާއި ރާއްޖެ ގުޅިގެން ދެމެހެއްޓެނިވި ތަރައްޤީއަކަށް މަސައްކަތްކުރެވޭނެ: ރައީސް


  • ރައީސް ވިދާޅުވީ ލަންކާއަކީ ދިވެހިންގެ އަމިއްލަ ވަޒަންފަދަ ޤައުމެއްކަމަށް

  • ފަތުރުވެރިކަން، ޑިޖިޓަލް ޓެކްނޮލޮޖީ، ސެކިއުރިޓީ ކޯޕަރޭޝަންގެ ދާއިރާއިން ގުޅުން ބަދަހިވަމުންދާކަން ފާހަގަކުރެއްވި

ލަންކާއާއި ރާއްޖެ ގުޅިގެން ދެމެހެއްޓެނިވި ތަރައްޤީއަކަށް މަސައްކަތްކޮށްގެން ދެ ޤައުމުގެ ރައްޔިތުންނަށް ފާގަތިކަމާއި ކުރިއެރުން ގެނެސްދެވޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހުރިއްޔާ މިހެން ވިދާޅުވީ ފުރަމާނަ ދަތުރުފުޅެއްގައި މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ ސްރީލަންކާގެ ރައީސްގެ ޝަރަފުގައި ބޭއްވެވި ފުރަމަނާ ޖާފަތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

ފުރަމާނަ ޖާފަތުގައި ވާހަކަދައްކަވަމުން ރައީސުލްޖުމްހުރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވީ ލަންކާއާއި ރާއްޖެއަކީ މީގެ އެތައް ޒަމާނެއްކުރިން ފެށިގެން ވަރަށް ގާތް ގުޅުމެއް ބާއްވަމުން އަންނަ ރައްޔިތުންތަކެއް އުޅޭ ދެެ ޤައުމުކަމަށެވެ. ލަންކާގައި އެކި ބޭނުންތަކަށް ގިނަ ދިވެހިތަކެއް ދިރިއުޅެމުންދާއިރު، ލަންކާއިން އަދާކުރަމުންދާ މެހެމާންދާރީއާއެކު އެ ޤައުމަކީ ދިވެހި ރައްޔިތުންނަށް އަމިއްލަ ވަޒަންފަދަ ޤައުމެއްކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ދިވެހިރާއްޖޭގެ ކުރިއެރުމަށް އަބަދުވެސް ސްރީލަންކާގެ ފަރާތުން އެހީތެރިކަން ލިބެމުންދާކަމަށާއި، އެގޮތުން ތަޢުލީމީ ދާއިރާއާއި ސިއްޙީ ދާއިރާ އަދި މީހުން ބިނާކުރުމުގެ ދާއިރާއިން ބޮޑު އެހީތެރިކަމެއް އެ ޤައުމުން ލިބެމުންދާކަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

"ފަތުރުވެރިކަން، ޑިޖިޓަލް ޓެކްނޮލޮޖީ، ސެކިއުރިޓީ ކޯޕަރޭޝަން އަދި ސަޤާފީގޮތުންވެސް ގުޅުންތައް އިތުރަށް ބަދަހިވެއްޖެ. މިއަދު، އެކުގައި ކުރެވޭ މަސައްކަތްތައް އިޤްތިޞާދީ އަދި އިޖްތިމާޢީ ދާއިރާތަކުން ފުޅާކުރެވިއްޖެ. އަދި މިހާރު ދެ ޤައުމުގެ މަސައްކަތްތައްވެސް ބައްޓަންކުރަމުންދަނީ، ބަދަލުވަމުން އަންނަ ދުނިޔެއާ އެއްހަމައެއްގައި މަސައްކަތްކުރުމަށް." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ސްރީލަންކާއާއި ރާއްޖެއާ ދެމެދު ޤާއިމްކުރެވުނު އެއްބަސްވުންތަކުގެ ސަބަބުން، ރާއްޖެއަށް މުހިންމު އެކި ދާއިރާތަކުން ކުރިއެރުމާއި ތަރައްޤީ ލިބުމަށް މަގުފަހިވެގެންދާނެކަމަށެވެ. އަދި ދެ ޤައުމު ގުޅިގެންކުރާ މަސައްކަތުން ދެމެހެއްޓެނިވި ތަރައްްޤީއަކަށް ވާސިލުވެވޭނެކަން ޔަޤީންކުރައްވާކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު ނިންމަވާލެއްވީ ދިވެހިރާއްޖެއާއި ސްރީލަންކާގެ ގުޅުން އެ ގޮތުގައި ދެމިއޮތުމަށާއި، އަދި ސްރީލަންކާގެ ރައްޔިތުންނަށް އުފާ ފާގަތިކަމަށް އެދިވަޑައިގަންނަވަމުންނެވެ.

މިއަހަރަކީ ދިވެހިރާއްޖެއާ ލަންކާގެ ގުޅުމަށް 60 އަހަރު ފުރޭ މުނާސަބާއަށްވާއިރު، މިއީ ލަންކާގެ ރައީސް ޑިސަނަޔަކަ ރާއްޖެއަށް ކުރެއްވި ފުރަތަމަ ދަތުރުފުޅުވެސްމެއެވެ.