ލ. މާވަށުގައި ތޫނު އެއްޗަކުން ހަމަލާދީ ހިންގި މާރާމަރީގައި ނިޔާވި އުމުރުން 29 އަހަރުގެ މޫސާ އިބްރާހިމްގެ ހަށިގަނޑު ތަޙްޤީޤީ ބޭނުންމަށް މާލެ ގެނެސްފިއެވެ.
މާވަށުގައި މީހަކަށް ތޫނު އެއްޗަކުން ޙަމާލާދީ އިއްޔެ ޒަޚަމްކޮށްލިއިރު އަނިޔާވި މީހާ ޞިއްޙީ މަރުކަޒަށް ގެންދިޔަ އިރުވެސް ނިޔާވެފައިވެއެވެ. ފުލުހުން ވިދާޅުވީ މި ހާދިސާގައި ނިޔާވި މޫސާ އިބްރާހިމްގެ ހަށިގަނޑު ތަޙްޤީގަށް ބޭނުންވާ އިތުރު ތަހްލީލުތައް ހެދުމަށް ރޭގެ ވަގުތެއްގައި މާލެ ގެނެސްފައިވާކަމަށެވެ.
ފުލުހުން ވިދާޅުވީ މި މައްސަލާގައި މިހާތަނަށް ބެލި ބެލުމުން މިއީ ދެ މީހެއްގެ ދެމެދުގައި ހިނގާފައިވާ މާރާމާރީއެއް ކަމަށެވެ. އަދި މި މާރާމާރީގައި މޫސާ އިބްރާހިމަށް ހަމަލާދިނީ ހދ. ނޮޅިވަރަންފަރަށް ނިސްބަތްވާ 29 އަހަރުގެ މުޙައްމަދު އިބްރާހީމެވެ. އޭނާ މިހާރު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ. ފުލުހުން ވިދާޅުވީ ހައްޔަރުކޮށްފައިވާ މީހާއަކީ މަސްތުވާތަކެތީގެ ރެކޯޑް އޮންނަ މީހެއްކަމަށެވެ.
ފުލުހުން ވިދާޅުވެފައިވަނީ ނިޔާވި މޫސާ އިބްރާހިމްއަށް ހަމަލާދިނުމަށް ބޭނުން ކުރިކަމަށް ބެލެވޭ ވަޅި ފުލުހުންގެ ޓީމުން މޫދަށް ފީނައިގެން ހޯދަފައިވާކަމަށެވެ.