ސްރީލަންކާގެ ރައީސް އަނުރާ ކުމާރާ ޑިސަނާޔަކާ މިހާރު ރާއްޖެއަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރޭގައި އެމަނިކުފާނުގެ އަރިހަށް ޚާރިޖީ ވަޒީރު، ޑރ. ޢަބްދުﷲ ޚަލީލް، އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
މި ބައްދަލުވުމުގައި، ސްރީލަންކާގެ ރައީސަށާއި، އަރިހުގައި ވަޑައިގެންނެވި ބޭފުޅުންނަށް ޚާރިޖީ ވަޒީރު ޑރ. ޚަލީލް މަރުޙަބާ ވިދާޅުވިއެވެ. އަދި ދިވެހިރާއްޖެ އާއި ސްރީލަންކާ އާދެމެދު ޒަމާނުއްސުރެ އޮންނަ ގާތް ރަޙުމަތްތެރިކަމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށްޓަކައި ސްރީލަންކާ އާއެކު މަސައްކަތް ކުރެއްވުމަށް ތައްޔާރަށް ހުންނެވިކަމަށް ވަޒީރު ވިދާޅުވިއެވެ.
ސްރީލަންކާއިން ދިވެހިރާއްޖެ އާއެކު ތަފާތު އެކިއެކި ދާއިރާއިން ގުޅުން ބަދަހިކުރުމަށް ކުރާ މަސައްކަތްތައް އެ މަނިކުފާނުގެ ސަރުކާރުން ވެސް ކުރިއަށް ގެންދަވާނެކަމަށް ރައީސް ޑިސަނަޔަކާ ވިދާޅުވިއެވެ.
ޚާރިޖީ ވަޒީރު ޑރ. ޚަލީލް ގެ އަރިހުގައި ދިވެހިރާއްޖެއިން ސްރީލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، މައްސޫދު ޢިމާދު އާއި ސެކްރެޓަރީ ފާޠިމަތު ޢިނާޔާ އާއި އެޑިޝަނަލް ސެކްރެޓަރީ އާމިނަތު ޢަބްދުالله ދީދީ އަދި ޑިރެކްޓަރ ޖެނެރަލް އައިޝަތު ފަރީނާ މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވިއެވެ.