ކުޅިވަރު

ޓްރަފޯޑް ބޭނުންވަނީ ސިޓީގެ އެއްވަން ކީޕަރުކަން


ބާންލީއަށް ކުޅެމުން އައި ގޯލްކީޕަރު ޖޭމްސް ޓްރަފޯޑް އަލުން މެންޗެސްޓާ ސިޓީއަށް ގެނެސްފިއެވެ.

ކުރިންވެސް ސިޓީއަށް ކުޅުނު ކީޕަރު ލޯނު އުސޫލުން ބާންލީއަށް ދޫކޮށްލީ އޭނާ ގަންނަން ޖެހިއްޖެނަމަ 40 މިލިއަން އެ ކުލަބަށް ދޭ ގޮތަށެވެ.

މިއަގު ދިނުމަށް ފަހު އުމުރުން 22 އަހަރުގެ އިނގިރޭސި ކީޕަރު ޓްރަފޯޑް ލައްވައި ސޮއި ކުރުވީ ކުރިއަށް އޮތް ސީޒަނުގައި އޭނާ އެ ކުލަބުގެ އެއްވަނަ ކީޕަރަކަށް ހެދުމުގެ އަޒުމުގަ އެވެ. ޓްރަފޯޑް ވަނީ އިނގިރޭސި ޗެމްޕިއަންޝިޕުގައި މޮޅަށް ކުޅެ އެއްވަނަ ކީޕަރުކަން ވެސް ހޯދައިފަ އެވެ.

ސިޓީ އަށް ސޮއި ކުރުމަށްފަހު ޓްރަފޯޑް ބުނީ އޭނާ ބޭނުންވަނީ ކޮންމެ ދުވަހަކު ސިޓީގެ އެއްވަނަ ކީޕަރުކަން ކުރަން ކަމަށެވެ. އޭނާ ސޮއި ކުރީ 2030ގެ ނިޔަލަށެވެ.

"އަހަރެން ބޭނުން ކޮންމެވެސް ދުވަހަކުން މި ކުލަބުގެ އެއްވަނަ ކީޕަރުކަން ކުރަން. އަހަރެން މިއައީ މިޝަން އަކާއެކު. އަހަރެން މަސައްކަތް ކުރާނީ އެއްވަނަ މަގާމަށް،" ޓްރަފޯޑް ބުންޏެވެ.

އޭނާ ގަތް އަނެއް ސަބަބަކީ ސިޓީގެ މި ވަގުތު އެއްވަނަ ކީޕަރު ބްރެޒިލްގެ އެޑަސަން އަށް ހުސްވި ދެ ސީޒަނުގައި ވެސް ކުރީގެ މޮޅު ކުޅުން ނުދެއްކުމުންނެވެ. އަދި ރަނގަޅު އޮފާ އެއް ލިބިއްޖެނަމަ ސިޓީން އޮތީ އޭނާ ވިއްކާލާގޮތަށެވެ. އުމުރުން 31 ކީޕަރު ދޫކޮށްލަން ސިޓީން ވިސްނަމުން ދަނީ އޭނާގެ ކުޅުން ދަށްވެފައިވާތީ އެވެ. ނަމަވެސް މިކަމުގައި ކޯޗު ޕެޕް ގާޑިއޯލާ އަދި ވަކި އެއްޗެއް ނުބުނާ ކަމަށް އިނގިރޭސި މީޑިއާތަކުން ބުނެ އެވެ.

ދެވަނަ ސަބަބަކީ އޭނާގެ ކޮންޓްރެކްޓް އައު ކުރެވިފައިނުވާތީ އެވެ. ކުރި އަށް އޮތް ސީޒަނާއެކު ސިޓީއާއެކު އޭނާ ހަދާފައިވާ ކޮންޓްރެކްޓް ހަމަވާނެ އެވެ. ދެ ފަރާތުން ކުރެ އެއްވެސް ފަރާތަކުން ކޮންޓްރެކްޓް އައު ކުރުމަށް މަޝްވަރާ އެއް ވެސް ނުކުރެ އެވެ.

އިނގިރޭސި މީޑިއާތަކުން ބުނަނީ ތުރުކީގެ ގަލަތަސަރާއީން އެޑަސަން ގަތުމަށް ބޭނުންވާ ކަމަށެވެ. މި ގޮތުން އޭނާ ގަތުމަށް ތިން މިލިއަނާއި ފަސް މިލިއަނާ ދެމެދުގެ އަދަދެއް ހޭދަކުރަން ވެސް އެކުލަބުން ތައްޔާރު ކަމަށެވެ.

ހުސްވި ސީޒަނުގައި ސައޫދީ ކުލަބުތަކުން ވެސް ވަނީ އެޑަސަން ގަތުމަށް މަސައްކަތް ކޮށްފަ އެވެ. އެކަމަކު އޭރު ސިޓީން އޭނާ ވިއްކާނުލީ ބަދަލުގައި ގޯލަށް ކުޅޭނެ މޮޅު ކީޕަރަކު ލިބެން ނެތުމުންނެވެ.