ރަޝިޔާގެ އިރުމަތީ ކަމްޗަޓްކާ ޕެނިންސުލާއަށް އައި 8.8 މެގްނިޓިއުޑްގެ ބިންހެލުމެއްގެ ސަބަބުން ސުނާމީއެއް އަރައިފިއެވެ.
ބިންހެލުމުގެ ސަބަބުން ކަމްޗަޓްކާ ޕެނިންސުލާ ސަރަޙައްދުގެ އިމާރާތްތަކަށް ވަނީ ބޮޑެތި ގެއްލުންތައް ލިބިފައެވެ. ރަޝިޔާގެ މި އެކަހެރި ސަރަޙައްދަށް އައި ބިންހެލުމުގެ ސަބަބުން މީހުންނަށް ޒަޚަމްވެފައިވެއެވެ. މި ބާރުގަދަ ބިންހެލުމުގެ ސަބަބުން ރަޝިޔާއަށް ވަނީ 13 ފޫޓުގެ ސުނާމީއެއް އަރައިފައެވެ.
ބިންހެލުމުގެ ސަބަބުން ޕެސިފިކް ކަނޑުގައި އޮންނަ ބައެއް ޤައުމުތަކުން ވަނީ ސުނާމީ އަރާނެ ކަމަށް ބެލެވޭ ސަރަޙައްދުތަކުން މީހުން ހުސްކުރުމުގެ މަސައްކަތް ފަށައިފައެވެ. 2011ވަނަ އަހަރު އައި ބާރުގަދަ ބިންހެލުމެއްގައި އުފެދުނު ސުނާމީއެއްގައި ބޮޑެތި ގެއްލުންތައް ލިބުނު ޖަޕާނުގެ އިރުމަތީ އައްސޭރިފަށުގައި އޮންނަ ސަރަޙައްދުތަކުގައި ދިރިއުޅޭ މީހުން ރައްކާތެރި ސަރަޙައްދުތަކަށް ދިޔުމަށް ވަނީ އަންގައިފައެވެ. އަދި އެމެރިކާގެ އައްސޭރިފަށުގައި އޮންނަ ހަވާއީއަށް ސުނާމީގެ ރާޅުތައް ވަރަށް އަވަހަށް ފޯރާނެ ކަަމަށް ބެލެވެއެވެ. ހަވާއީގެ ގަވަރުނަރު ވަނީ ރައްކާތެރި ސަރަޙައްދުތަކަށް ދިޔުމަށް ދީފައިވާ އިންޒާރުތަކާ އެއްގޮތަށް އަމަލުކުރުމަށް ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފައެވެ.
ސުނާމީގެ ރާޅުތައް މިހާރު ވަނީ ޖަޕާނާ ހަމައަށް ފޯރާފައެވެ. ޖަޕާނުގައި 12 އިންޗީގެ ރާޅު ވަނީ ރެކޯޑުކުރެވިފައެވެ. އެއީ އުތުރު ޖަޕާނުގެ ހޮއްކައިޑޯ ސަރަޙައްދުގައި އޮންނަ ސިޓީއެއްގައެވެ. ކުރިއަށް އޮތް ގަޑިއިރުތަކުގެ ތެރޭގައި އުސްމިނުގައި 10 ފޫޓު ހުންނަ ރާޅު ޖަޕާނަށް އަރާނެ ކަމަށް ބެލެވެއެވެ. ސުނާމީގެ ސަބަބުން ޖަޕާނަށް މިހާތަނަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށް ޖަޕާންގެ ޗީފް ކެބިނެޓް ސެކެޓްރީ، ޔޮޝިމަސާ ހަޔާޝީ ވަނީ ވިދާޅުވެފައެވެ.
ސުނާމީގެ އިންޒާރުތައް ދީފައިވާ ޤައުމުތަކުގެ ތެރޭގައި ޗައިނާއާއި ފިލިޕީންސްއާއި އިންޑޮނޭޝިޔާއާއި ގައުމްއާއި ޕެރޫ އާއި ގަލަޕަގޮސް އައިލެންޑްސް ހިމެނެއެވެ. ޗައިނާއިން ވަނީ އެ ޤައުމުގެ އިރުމަތީ އައްސޭރިފަށުގައި އޮންނަ ސަރަޙައްދުތަކަށް އުސްމިނުގައި 3.2 ފޫޓު ހުންނަ ރާޅު އަރާނެ ކަމުގެ އިންޒާރު ދީފައެވެ.
ރަޝިޔާއަށް އައި މައި ބިންހެލުމަށްފަހު ގިނަ ޢަދަދެއްގެ އިތުރު ލޮޅުންތައް ނުވަތަ އާފްޓަރޝޮކް ލޮޅުންތައް އެ ސަރަޙައްދަށް ދަނީ އަންނަމުންނެވެ. މި ފަދަ ބައެއް ލޮޅުންތަކުގައި ވެސް 6.9 މެގްނިޓިއުޑް ހުރި ކަމަށް ރެކޯޑުކުރެވިފައިވެއެވެ.