ޖަރުމަނުގެ ގައުމީ ފުޓްބޯޅަ ޓީމުގެ އެއްވަނަ ކީޕަރުކަން ދަމަހައްޓަން ބޭނުންވާނަމަ މާކް އަންދްރޭ ޓާސްޓެގަން އޭނާ ކުލަބު ބާސެލޯނާގެ އެއްވަނަ ކީޕަރުކަން ކުރަން ޖެހޭ ކަމަށް ގައުމީ ކޯޗު ހޫލިއަން ނާގެލްސްމަން ބުނެފި އެވެ.
ޖަރުމަނުގެ މީޑިއާތަކާ ވާހަކަ ދައްކަމުން ނާގެލްސްމަން މިހެން ބުނީ ޓާސްޓެގަން އަށް ބާސެލޯނާގެ އެއްވަނަ ކީޕަރުކަން ނުދޭން އެ ކުލަބުން ނިންމާފައިވާތީ އެވެ. ނޫސްވެރިން ކޯޗާ ކުރި ސުވާލަކީ ޓާސްޓެގަން ބާސެލޯނާގެ ބެންޗުގައި އިންނަ ކަމުގައިވާނަމަ އޭނާ އަށް ގައުމީ ޓީމުގެ އެއްވަނަ ކީޕަރުކަން ދީފާނަންތޯ އެވެ. މި ސުވާލުގެ ޖަވާބުގައި ކޯޗު ބުނީ ކޮންމެ ކުޅުންތެރިއަކު ވެސް ގައުމީ ޓީމުން ޖާގަ ހޯދުމަށް ގައުމީ ޓީމުގެ ޝަރުތުތަކަށް ފިޓްވާން ޖެހޭނެ ކަމަށެވެ.
"އޭނާ އަކީ އަހަރުމެންގެ އެއްވަނަ ކީޕަރު. އެކަމަކު އޭނާ ޖެހޭނެ ކުލަބުގައި ގަވާއިދުން ކުޅެން. އޭނާ އަށް އެކަން އެނގޭނެ. އޭނާ ވެސް ޖެހޭނެ ގައުމީ ޓީމުގެ ރިކުއާމަންޓްތައް ފުރިހަމަ ކުރަން. އޭރުން ޓީމުން ޖާގަ ލިބޭނީ. ނުކުޅެ ހުންނަ ކަމުގައިވާނަމަ ގައުމީ ޓީމުގެ ޝަރުތުތައް ހަމަނުވެދާނެ،" ނާގެލްސްމަން ބުންޏެވެ.
އަނިޔާގެ ސަބަބުން ހުސްވި ސީޒަން ނުކުޅެވުމާއެކު ބާސެލޯނާއިން މިހާރު ނިންމާފައިވަނީ ޓާސްޓެގަން އަށް އެއްވަނަ ކީޕަރުކަން ނުދީ އޭނާ ކުލަބުން ފޮނުވާލުމަށެވެ. ފާއިތުވެދިޔަ 10 އަހަރު އެ ކުލަބަށް ކުޅުނު ކީޕަރަކީ މިހާރު ބާސެލޯނާގެ ތިން ވަނަ ކީޕަރަކަށެވެ. މިހެންވެ ބާސެލޯނާއިން އެދެނީ އޭނާ އެހެން ކުލަބަކަށް ދިއުމަށެވެ. މިކަމަށް އިންކާރުކޮށް ޓާސްޓެގަން މިހާރު ވަނީ އޭނާގެ އުނގަނޑަށް ލިބިފައިވާ އަނިޔާ އަކަށް ފަރުވާ ހޯދުމަށް އޮޕަރޭޝަންކޮށް، މިހާރު ވަނީ އަލުން ފަރިތަކުރަން ނުކުމެފަ އެވެ.
ނާގެލްސްމަން ބުނީ ޓާސްޓެގަން ގަވާއިދުން ކުޅޭނަމަ އޭނާ އަކީ އެއްވަނަ ކީޕަރުކަމަށާއި މިހެންވެ ބާސެލޯނާގައި ކީޕަރުގެ ކުރިމަގާމެދު ކުޅުންތެރިޔާ ވަރަށް ބޮޑަށް ވިސްނަންޖެހޭ ކަމަށެވެ. ސްޕޭނުގެ މީޑިޔާ ރިޕޯޓްތައް ބުނާ ގޮތުން ޓާސްޓެގަން އަށް ތުރުކީ އާއި އިނގިރޭސި ބައެއް ކުލަބުތަކުން ޝައުގުވެރިވެ އެވެ. އަދި އޭނާގެ އެޖެންޓް މިހާރު ވަނީ ކުޅޭނެ ކުލަބެއް ހޯދަން ފަށައިފަ އެވެ. ނަމަވެސް ޓާސްޓެގަން ބޭނުންވަނީ ދާއިމީކޮށް ކުލަބު ބަދަލުކުރުމަށްވުރެ ބޮޑަށް ލޯނު އެއްބަސްވުމެއްގެ ދަށުން ކުޅުމަށްފަހު އަނެއްކާ ވެސް ބާސެލޯނާ އަށް ބަދަލުވާށެވެ. އޭނާ އާއި ބާސެލޯނާ އެންމެ ފަހުން ހެދި ކޮންޓްރެކްޓްގައި ބާކީ ތިން އަހަރު އަދި އެބައޮތެވެ.