ޚަބަރު

ސްރީލަންކާ މީހުންނަށް ރާއްޖެއިން 90 ދުވަހުގެ އޮން އެރައިވަލް ވިސާ ދޭން ފަށައިފި


  • ވިސާ ދޭން ފެށީ އިއްޔެއިން ފެށިގެން

  • ދިވެހިންނަށް މި އަހަރުގެ ޖެނުއަރީ މަހުން ފެށިގެން 90 ދުވަހުގެ އޮން އެރައިވަލް ވިސާ ލިބޭ

ރާއްޖެއަށް އަންނަ ސްރީލަންކާ މީހުންނަށް ވެސް 90 ދުވަހުގެ އޮން އެރައިވަލް ވިސާ ދޭން ފަށައިފިއެވެ.

އިމިގްރޭޝަނުން ވިދާޅުވީ މިއީ ސްރީލަންކާގެ ރައީސް އަނޫރާ ކުމާރަ ޑިސެނަޔަކަ ރާއްޖެއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއާ އެކު ކުރެއްވި މަޝްވަރާތަކަށް ފަހު ނިންމި ނިންމުމެއްކަމަށެވެ. އިއްޔެއިން ފެށިގެން ސްރީލަންކާ މީހުންނަށް ރާއްޖެއިންވެސް 90 ދުވަހުގެ އޮން އެރައިވަލް ވިސާ މިހާރު ލިބޭނެއެވެ.

އިމިގްރޭޝަނުން ވިދާޅުވީ ސްރީލަންކާއަށްދާ ދިވެހިންނަށް މި އަހަރުގެ ޖެނުއަރީ މަހުން ފެށިގެން 90 ދުވަހުގެ އޮން އެރައިވަލް ވިސާ ދެމުން އަންނަކަމަށެވެ. އަދި މި ނިންމުންތަކުން ދައްކުވައިދެނީ ދެ ގައުމުގެ ގާތް ގުޅުންކަންވެސް އިމިގްރޭޝަނުން ފާހަގަކުރައްވައެވެ.

ރާއްޖެއިން ސްރީލަންކާ މީހުންނަށް ވިސާގެ މުއްދަތު އިތުރުކޮށްދީފައި ވާއިރު ލަންކާގައި ވަޒީފާ އަދާކުރާ ނުވަތަ މަތީ ތައުލީމް ހާސިލްކުރާ ދިވެހިންގެ އަނބިން/ފިރިންނަށް ވެސް އެއް އަހަރުގެ ވިސާ ލިބޭ ގޮތް ވަނީ ހަމަޖައްސައިފައެވެ. އަދި މީގެ އިތުރުން އަންނަ މަހުން ފެށިގެން ދިވެހިންނަށް އެއް އަހަރުގެ ވިސާ ދޭން ލަންކާއިން ފަށާނެ ކަމަށް އެ ގައުމުން ވަނީ ބުނެފައެވެ.