މަސްތުވާތަކެތި އެތެރެކުރާ މީހުންނަށާއި ވިއްކާ މީހުންނަށް މަރުގެ އަދަބު ކަނޑައެޅުމާ ބެހޭ އިސްލާހުތައް ކުރިއަށް އޮތް ދެ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާނެކަމަށް ބަންޑާރަނައިބު އަލްއުސްތާޛް އަޙްމަދު އުޝާމް ވިދާޅުވެއްޖެއެވެ.
މަސްތުވާތަކެއްޗާ ބެހޭ ޤާނޫނު އިސްލާހުކުރުމަށް މިދިޔަ އަހަރުގެ ފަހު ދައުރުގެ ތެރޭގައި މަޖިލީހަށް ސަރުކާރުގެ ފަރާތުން ވަނީ ބިލެއް ހުށަހަޅާފައެވެ.
މަސްތުވާ ތަކެއްޗާބެހޭ ޤާނޫނަށް އިސްލާހުގެނައުމުގެ ބިލްގައި، މަސްތުވާތަކެތި އެތެރެކުރުމުގެ ނުވަތަ ވިޔަފާރިކުރުމުގެ ކުށް ސާބިތުވާ ފަރާތްތަކަށް މަރުގެ އަދަބު ހިމެނޭހެން ބޮޑެތި އަދަބުތައް ކަނޑައެޅުމަށްޓަކައި އެ ބިލު އިތުރަށް ދިރާސާކުރުމަށް ސަރުކާރުގެ ކަމާގުޅުން ހުރި އިދާރާތަކަށް ރައީސުލްޖުމްހޫރިއްޔާ ވަނީ އަންގަވާފައެވެ.
މިކަމާއި ގުޅިގެން ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ބަންޑާރަނައިބު އަޙްމަދު އުޝާމް ވިދާޅުވީ މަސްތުވާތަކެތި އެތެރެކުރާ މީހުންނަށާއި ވިއްކާ މީހުންނަށް މަރުގެ އަދަބު ކަނޑައެޅުމަށް ކުރަންޖެހޭ މަސައްކަތްތައްކުރުމަށް ރައީސުލްޖުމްހޫރިއްޔާ އަންގަވާފައިވާތީ ކަމާ ބެހޭ ފަރާތްތަކާއެކު މަޝްވަރާތައް ފަށާފައިވާ ކަމަށެވެ. އެ ގޮތުން ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއާއި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހާއި ދިވެހި ފުލުހުންގެ ޚިދުމަތާއެކު މަޝްވަރާތައް ކުރިއަށްދާކަމަށް ބަންޑާރަނައިބު ވިދާޅުވިއެވެ. އަދި ރާއްޖޭގައި މަރުގެ އަދަބު ތަންފީޒުކުރާއިރު، މިކަން އެހެން ޤައުމުތަކުގައި ކުރާ ގޮތް ދިރާސާކުރެވޭނެކަމަށް ބަންޑާރަނައިބު ވިދާޅުވިއެވެ.
ބަންޑާރަނައިބު ވިދާޅުވީ މަރުގެ އަދަބު ކަނޑައެޅުމަށް އިސްލާހުތައް ހުށައަޅާނީ މިހާރު ކޮމިޓީ މަރުޙަލާގައި އޮތް މަސްތުވާތަކެއްޗާ ބެހޭ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ކަމަށެވެ. އަދި އެ އިސްލާހުތައް ކުރިއަށް އޮތް 10 ވަރަކަށް ދުވަހުގެ ތެރޭގައި ހުށައެޅޭނެކަމަށް ބަންޑާރަނައިބު ވިދާޅުވިއެވެ.
މީސްމީޑިޔާގައި ޙިއްސާކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ މަސްތުވާތަކެތި އެތެރެކުރުމުގެ ނުވަތަ ވިޔަފާރިކުރުމުގެ ކުށް ސާބިތުވާ ފަރާތްތަކަށް ދުނިޔޭގެ ބައެއް އެހެން ޤައުމުތަކުގައިވެސް ކަން ކުރާ ގޮތަށް، މަރުގެ އަދަބު ހިމެނޭހެން ބޮޑެތި އަދަބުތައް ކަނޑައެޅުމަށްޓަކައި އެ ބިލު އިތުރަށް ދިރާސާކުރަންޖެހޭކަމަށެވެ.
މަސްތުވާތަކެއްޗާބެހޭ ޤާނޫނަށް ސަރުކާރުގެ ފަރާތުން ހުށަހަޅުއްވާފައިވާ އިސްލާހުގައި ޤާނޫނުގެ ދަށުން މިހާރު ކޮންޓްރޯލް ކޮށްފައިވާ މަސްތުވާތަކެތީގެ އިތުރުން އަލަށް ކޮންޓްރޯލް ކުރަންޖެހޭ މަސްތުވާތަކެތި ކޮންޓްރޯލް ކުރެވޭނެ ނިޒާމެއް ތައާރަފުކުރުމާއި މަސްތުވާތަކެއްޗާ ގުޅޭ އިތުރު ކުށާއި އަދަބު ކަނޑައެޅުމާއި މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހުންނަށް ދެވޭ ފަރުވާގެ ނިޒާމު އިތުރަށް ހަރުދަނާކުރުމާއި ޑްރަގު ކޯޓު ހިންގުމުގެ އުސޫލުތަކާއި ޑްރަގް ކޯޓުގެ ފަރުވާގެ ޕްރޮގްރާމާ ގުޅޭ އުސޫލުތައް މުރާޖައާކުރުމަށް ވަނީ ހިމަނުއްވާފައެވެ.
ރާއްޖޭގައި މަސްތުވަތަކެތީގެ މައްސަލަ ހައްލުކުރުމަށްޓަކައި ރާއްޖެއަށް އެތެރެކޮށް ދައުރުވާ މަސްތުވާތަކެތި ހުއްޓުވުމަށާއި އެ ވާބާގައި ޖެހިފައިވާ މީހުން އަނބުރާ މުޖްތަމަޢަށް ނެރުން ހަރުދަނާ ކުރުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ. އެ ގޮތުން މަސްތުވާތަކެތި ދައުރުވާ އެތެރެކުރާ މައްސަލަ ހައްލުކުރަން، ސަރުކާރުން އިސްކަންދެނީ މަސްތުވާތަކެތީގެ ވިޔަފާރިކުރާ ވިއުގަތަކުގެ ވެރިން އަތުލައިގަތުމަށް ކަމަށް ސަރުކާރުން ވިދާޅުވެއެވެ.