ކުޅިވަރު

ލަންކާ ޓްރައި ނޭޝަން ކަޕުގައި ރާއްޖެ އެކަނިވެއްޖެ


ސްރީލަންކާގައި އަންނަ ސެޕްޓެމްބަރު ބަހު ބާއްވަން ހަމަޖެއްސި ޓްރައި ނޭޝަންސް ފުޓްބޯޅަ މުބާރާތުގައި ބައިވެރިވާ ހަމައެކަނި ގައުމަކަށް ރާއްޖެ ވެއްޖެ އެވެ.

ލަންކާގެ ބައެއް ނޫސްތަކުން ބުނެފައިވަނީ މުބާރާތުގައި ޔަގީނުން ވެސް ބައިވެރިވާ ހަމައެކަނި ގައުމަކީ ރާއްޖެ ކަމުގައިވީ ބޫޓާނަށް މުބާރާތުގައި ބައިވެރިވެވޭ ގޮތް ނުވުމުން ކަމަށެވެ. މި މުބާރާތަކީ މި އަހަރު ލަންކާގައި ބާއްވަން ނިންމި ސާފް ޗެމްޕިއަންޝިޕް އަންނަ އަހަރަށް ފަސްވުމުން، އަދި ލަންކާގައި އެ މުބާރާތް ބޭއްވޭނެ ކަމުގެ ޔަގީންކަން ދެކުނު އޭޝިޔާގެ ފުޓްބޯޅަ ޖަމިއްޔާ އަށް ދެވޭ ގޮތް ނުވުމުން އިންތިޒާމް ކުރި މުބާރާތެކެވެ.

އެންމެ ފުރަތަމަ މި މުބާރާތް ބާއްވަން ވިސްނަމުން ދިޔައީ ސާކުގެ ހަތަރު ގައުމެއް ބައިވެރިކޮށްގެންނެވެ. ނަމަވެސް މި ދުވަސްވަރަކީ އިންޑިޔާ އާއި ބަނގްލަދޭޝް އަދި ނޭޕާލުގެ ލީގުގެ މުހިންމު ދުވަސްތަކަކަށް ވުމުން އެ ގައުމުތަކުން މުބާރާތް ކުޅެން ބޭނުމެއްނުވެ އެވެ. އެއީ ވޯލްޑް ކަޕް ކޮލިފައިންގައި މި ގައުމުތަކަށް މެޗުތަކެއް ކުޅެން ހަމަޖެހިފައިވުންނެވެ.

ލަންކާގެ ނޫސްތަކުން ބުނާ ގޮތުގައި މުބާރާތުގައި އެހެން ގައުމަކަށް ބައިވެރިވެވޭ ގޮތް ނުވުމުން އެންމެ ގާތް ގޮތަކީ ރާއްޖެ އާއި ލަންކާ އެކުވެރިކަމުގެ މެޗުތަކަށް ކުޅެން ހަމަޖެއްސުމެވެ. މި ގޮތުން ސެޕްޓެމްބަރު މަހުގެ 1 އާއި 9 އާ ދެމެދު އެކުވެރި ކަމުގެ ދެ މެޗެއް އިންތިޒާމް ކުރަން ލަންކާ ފުޓްބޯޅަ ފެޑަރޭޝަނުން ވިސްނަމުންދާ ކަމަށެވެ.

ރާއްޖެ އާއި ލަންކާ އަކީ ފުޓްބޯޅައުގައި ވަރަށް ވާދަވެރި ދެ ގައުމެވެ. މި ދެ ގައުމު އެންމެ ފަހުން ބައްދަލު ކުރި މެޗު ރާއްޖެ ކާމިޔާބު ކުރީ 1-0އިންނެވެ.

ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތް ލަންކާގައި ބޭއްވޭގޮތް ނުވީ އެ މުބާރާތް ހޯމް އެންޑް އަވޭ އުސޫލުން ބާއްވަން މުބާރާތުގެ މައި ސްޕޮންސަރުން ބާރު އެޅުމުގެ ސަބަބުންނެވެ. އަދި ލަންކާގައި ސާކުގެ ހަތް ގައުމު ބައިވެރިކޮށްގެން މުބާރާތް ބޭއްވޭނެ ރަނގަޅު ފެންވަރުގެ ވަސީލަތްތައް ނެތް ކަމަށް އިންޑިޔާގަ ފަދަ ގައުމުތަކުން ބުނަން ފެށުމުންނެވެ.