ޚަބަރު

މިފްކޯގެ އައުޓްލެޓެއް ލަންކާގައި ހުޅުވުމަށް ދިރާސާ ކުރަނީ


  • ލަންކާއިން ވަނީ ދިވެހި އިންވެސްޓަރުންނަށް ފުރުސަތު އޮތްކަން ހާމަކޮށްފައި

  • ދެމެހެއްޓެނިިވި މަސްވެރިކަން ކުރުމަށް ލަންކާއިން ވަނީ ޝައުޤުވެރިކަން ފާޅުކޮށްފައި

މިފްކޯގެ ޝޯވް ރޫމެއް ލަންކާގައި ހުޅުވުމަށް ދިރާސާތައް ކުރަމުންދާ ކަމަށް ދިވެހިރާއްޖެއިން ސްރީލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މަސްޢޫދު އިމާދު ވިދާޅުވެއްޖެއެވެ.

ސަފީރު މިގޮތަށް ވިދާޅުވެފައި މިވަނީ، ދިވެހިންނަށް ސްރީލަންކާގައި އިންވެސްޓް ކުރުމަށް ފަހި މާހައުލެއް އޮތް ކަމަށް އެޤައުމުގެ ރައީސް އަނޫރާ ކުމާރާ ޑިސެނާޔަކެ ދިވެހި ރާއްޖެއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގެ ތެރެއިން ވިދާޅުވެފައިވާ ދަނޑިވަޅެއްގައެވެ.

ދިވެހި މަހާއި މަހުގެ އުފެއްދުންތަކަކީ ޒަމާނުއްސުރެ އަވަށްޓެރި ޤައުމުތަކުގައި މަޝްހޫރު އަދި މަޤުބޫލުކަން ހޯދާފައިވާ އުފެއްދުންތަކެކެވެ. އަވަށްޓެރި ސްރީލަންކާގައި ދިވެހި މަސް މަޝްހޫރު ވެފައިވަނީ "އުމްބަލަކަޑަ" ނަމުންނެވެ. މިއާއެކު ދިވެހި މަހުގެ އުފެއްދުންތަކަށް އެ ޤައުމުގައި ޑިމާންޑު އޮތް ނަމަވެސް ފަހަކަށް އައިސް އެޤައުމުގައި މި އުފެއްދުންތައް ވިއްކާ މިންވަރު ދަށްވެފައިވެއެވެ.

ދިވެހިރާއްޖެއިން ލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މަސްޢޫދު އިމާދު ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ވިދާޅުވީ، ލަންކާގައި ދިވެހި މަހަށް ބޮޑު މާކެޓެއް އެބައޮތް ކަމަށެވެ.

"އެބޭފުޅުން ހުށަހަޅުއްވާފައި އެބައޮތް އެކޮޅުގައި، ފެކްޓަރީ ހަދައިގެން ދިވެހިން އޮޕަރޭޓް ކުރާ ގޮތަށްވެސް. މިފްކޯވެސް އެބަ ވިސްނަވާ ސްރީލަންކާގައި ޑިސްޓްރިބިއުޝަން ސެންޓަރެއް ހުޅުވާފައި ޝޯވް ރޫމެއްވެސް ހުޅުވާ ހަދަން. އެބޭފުޅުން ބޭނުންވާ ބައެއް މައުލޫމާތު ހޯއްދަވައިގެން ވަޑައިގަންނަވާ ގޮތަކަށް އޮތީ. ސްރީލަންކާގެ މާކެޓް ވަރަށް ބޮޑުވާނެ ދިވެހި މަހަށް، މޯލްޑިވް ފިޝް އަކީވެސް ސްރީލަންކާ މީހުން ލޭބަލެއް. އެއީ އެމީހުން ކީ އެއްޗެއް " ސަފީރު މަސްޢޫދު އިމާދު ވިދާޅުވިއެވެ.

ސަފީރު ވަނީ މިފްކޯގެ މަސްފިހާރައެއް ލަންކާގައި ހުޅުވިއްޖެނަމަ އޭގެ ސަބަބުން ދެ ޤައުމުގެ ދޭތެރޭ ކުރެވޭ ވިޔަފާރިއަށް ކުރިއެރުމެއް ލިބިގެން ދާނެ ކަމަށެވެ.

މަސްވެރިކަމުގެ ދާއިރާއިން އިންވެސްޓްމެންޓް ހޯދުމަށް އެ ޤައުމުން ޝައުޤުވެރިކަން ފާޅުކޮށްފައިވާއިރު، އަވަށްޓެރި ސްރީލަންކާގެ މަސްވެރިކަމުގެ ސިނާޢަތް ކުރިއަރުވައި ދިވެހިންނެކޭ އެއްގޮތަށް ދެމެހެއްޓެނިވި މަސްވެރިކަމެއް ކުރަން އެގޮތްތަށް ދަސްކުރުމުގެ ޝައުޤުވެރިކަން އެ ޤައުމުން ފާޅުކޮށްފައިވާ ކަމަށް ސަފީރު ވިދާޅުވިއެވެ.

"ސްރީލަންކާގެ މީހުން ބޭނުންވޭ އަޅުގަނޑުމެން މަސްވެރިކަން ކުރާ ގޮތް ދަސްކުރަންވެސް. މީގެ ކުރީގައި އެކަހަލަ ހުށަހެޅުމެއް އަރުވާފައި ނެތް. އެހެންނަމަވެސް މިފަހަކަށް އައިސް ސްރީލަންކާގެ ފިޝަރީސް މިނިސްޓަރ އަޅުގަނޑަށް ވިދާޅުވެފައި އެބަވޭ ތިމަންނަމެންގެ މީހުންނަށް ޕޯލް އެންޑް ލައިން މަސްވެރިކަން ކުރަން ދަސްކުރެވޭނެ މަގެއް ފަހިކޮށްދޭށޭ. އެހެންވީމަ އެ ބޭފުޅުންނަށް އެބަ ވިސްނިވަޑައިގަންނަވާ ދެމެހެއްޓެނިވި މަސްވެރިކަމެއް ކުރެވޭނީ އަޅުގަނޑުމެން ކުރާ ގޮތަށް ކޮށްގެންކަން." ސަފީރު މަސްޢޫދު އިމާދު ވިދާޅުވިއެވެ.

ލަންކާގެ މަސްބޯޓުތަކުން މަސްވެރިކަން ކުރަނީ އާންމުކޮށް ދާ އަޅައިގެންނެވެ. މިކަމުގެ ސަބަބުން ބައެއް ފަހަރު ފަރުތަކަށް ގެއްލުންވެ ނުވަތަ ސަރަހައްދުގެ މަހުގެ ސްޓޮކް ދެމެހެއްޓެނިވި ގޮތަކަށް ބެލެހެއްޓުމަށް ގޮންޖެހުންތަކާއި ކުރިމަތިވެއެވެ.

ސްރީލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސެނާޔަކެ މިމަހުގެ 28 އިން 30 ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ދައުވަތަކަށް ކުރެއްވި ދަތުރުފުޅުގައި، ދިވެހިންނަށް ލަންކާގައި އިންވެސްޓް ކުރެވޭނެ ދާއިރާތައް ހިއްސާކުރައްވާފައިވެއެވެ. މަސްވެރިކަމަކީ އަވަށްޓެރި ލަންކާއިން އިންވެސްޓަރުން ހޯދަމުންދާ އެއް ދާއިރާއެވެ.