ޚަބަރު

މީރާގެ ހުރިހާ ޚިދުމަތެއް ޑިޖިޓަލްކުރުމަށް އެކުލަވާލި މަގުޗާޓުުގައިވާ ކަންކަން ދަނީ ހާސިލުވަމުން: ކޮމިޝަނަރ


  • އިލެކްޓްރޯނިކް އިންވޮއިސިންގ ސިސްޓަމެއް ޤާއިމްކުރާނެ

  • ދައުލަތުގެ އާމްދަނީ 82.5 އިންސައްތަ ބަލައިގަންނަނީ މީރާއިން

މީރާގެ ޚިދުމަތްތައް ފަސޭހަކުރުމަށް ކުރަމުން އަންނަ މަސައްކަތްތަކުގެ ދަށުން ޚިދުމަތްތައް ޑިޖިޓަލް ކުރުމަށް ރޯޑްމެޕް ނުވަތަ މަގުޗާޓެއް އެކުލަވާލައި، އޭގައިވާ ކަންކަން ހާސިލްކުރުމުގެ މަސައްކަތް ފަށްޓަވާފައިވާކަމަށް ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ޙަސަން ޒަރީރު ވިދާޅުވެއްޖެއެވެ. ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ހަސަން ޒަރީރު މިހެން ވިދާޅުވީ މީރާގެ 15 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ދެއްވި ޚިޠާބުގައެވެ.

ކޮމިޝަނަރ އޮފް ޓެކްސޭޝަން ޙަސަން ޒަރީރު ވިދާޅުވީ، ދައުލަތުގެ ޓެކްސް އިދާރާ، ޤައުމީ ހިދުމަތުގައި 15 އަހަރު ފުރިހަމަކޮށް 16 ވަނަ އަހަރަކަށް ކުރިމަތިލާއިރު، އެ އިދާރާގެ މުވައްޒަފުންގެ ފަންނީ ގާބިލުކަން އިތުރުކޮށް، އިދާރީ ހިންގުން އިތުރަށް ހަރުދަނާކުރުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަމަށެވެ. އަދި ޓެކުހާ ގުޅޭ އިލްތިމާޒްތައް އިތުރަށް ފަސޭހަކޮށްދީ، ޓެކްސް ކޮންޕްލަޔަންސް އިތުރަށް ރަނގަޅު ކުރުމަކީ އަމާޒެއް ކަމަށް ޒަރީރު ވިދާޅުވިއެވެ.

ކުރިއަރާފައިވާ އެހެން ގައުމުތަކުގައިވެސް ބޭނުންކުރާފަދަ އިލެކްޓްރޯނިކް އިންވޮއިސިންގ ސިސްޓަމެއް ރާއްޖެއަށްވެސް ތައާރަފުކޮށް ޓެކްސް ދައްކާ ފަރާތްތަކާ މީރާގެ ސިސްޓަމުތައް ގުޅުވާލާ، ޓެކުހާގުޅޭ އިލްތިމާޒްތައް އަދާކުރުން އިތުރަށް ފަސޭހަ ކޮށްދިނުމަކީ މީރާގެ ޑިޖިޓަލް ޓްރާންސްފޮމޭޝަން ރޯޑްމެޕްގައި ހިމެނޭ މުހިންމު ލަނޑުދަނޑިއެއްކަން ޒަރީރު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން މީރާއަަށް ބަލައިގަންނަ ޓެކްސް ބަޔާންތަކުގެ 97 އިންސައްތަ އަދި ފައިސާގެ 99 އިންސައްތަ މިހާރު ލިބެމުން ދަނީ އޮންލައިންކޮށް ކަމަށްވެސް ޒަރީރު ވިދާޅުވިއެވެ.

މީރާގެ އާމްދަނީގެ ގޮތުގައި 2011 ވަނަ އަހަރު ލިބިފައިވަނީ 4.56 ބިލިޔަން ރުފިޔާ ކަމަށާއި އެހެން ނަމަވެސް މި އަދަދު 2024 ވަނަ އަހަރު އެ ޢަދަދު 28.10 ބިލިޔަން ރުފިޔާއަށް އިތުރުވެފައިވާކަން ޒަރީރު ފާހަގަކުރެއްވިއެވެ. އަދި މިއަދު މީރާއަކީ ދައުލަތުގެ 82.5 އިންސައްތަ އާމްދަނީ ބަލައިގަންނަމުންދާ މުއައްސަސާކަމަށް ވެސް ޓެކްސް ކޮމިޝަނަރ ވިދާޅުވިއެވެ.

ކޮމިޝަނަރ ވިދާޅުވީ ކުރު މުއްދަތެއްގެ ތެރޭގައި ޓެކްސް ނިޒާމަށާއި ދައުލަތުގެ އާމްދަނީއަށް ބޮޑު ކުރިއެރުމެއް ހޯދިފައި ވުމަކީ މީރާއަށް ހާސިލުކުރެވިފައިވާ ފަޚުރުވެރި ކާމިޔާބީއެއް ކަމަށެވެ. އެގޮތުން މި ކާމީޔާބީގެ ފަހުތުގައި ވަނީ އެ އިދާރާ ހިންގެވުމުގައި ނަމޫނާ މަސައްކަތްތަކެއް ކޮށްދެއްވި އަދި ކޮށްދެއްވަމުންދާ މީރާގެ ކޮމިޝަނަރުންނާއި މީރާގެ އިސްވެރިންނާއި، މީރާގެ ހީވާގި މުވައްޒަފުންނާއި ޓެކްސް ދައްކާ ފަރާތްތައް ކަމަށްވެސް ޒަރީރު ވިދާޅުވިއެވެ.

މީރާއަށް 15 އަހަރު ފުރިފައި ވާއިރު، އެ އިދާރާގެ މަސައްކަތް ފެށީ 2 އޮގަސްޓް 2010 ވަނަ އަަހަރުއެވެ. ސާޅީހަކަށް މުވައްޒަފުންނާއެކު ފެށި މަސައްކަތް ފުޅާވެ، މިހާރު މީރާގައި 300 އަށްވުރެ ގިނަ މުވައްޒަފުން ދަނީ މަސައްކަތްކުރަމުންނެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެ އިދާރާގެ 18 އޮފީސް ހިންގަމުންދެއެވެ.