ޚަބަރު

އަބުރުގެ ބިލަކީ ޤާނޫނެއްގެ ސިފައިގައި ފާސްކުރަން މުހިއްމު ބިލެއް


ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީ މަރުޙަލާގައި ދިރާސާކުރައްވަމުން ގެންދަވާ، އަބުރު ރައްކާތެރިކޮށްދިނުމާއި ޚިޔާލުފާޅުކުމުގެ މިނިވަންކަމުގެ ބިލަކީ ޤާނޫނެއްގެ ގޮތުގައި ފާސްކުރެވި ޢަމަލުކުރުން މުހިންމު ބިލެއްކަމަށް ފިޤްހު އެކަޑަމީން ވިދާޅުވެއްޖެއެވެ. މި ބިލް ދިރާސާކުރައްވާ ކޮމެޓީން ފިޤްއެކަޑަމީއަށް ދެއްވި ދަޢުވަތާ ގުޅިގެން މަޖިލީހުގެ ކޮމެޓީއަށް ހަތަރު ބޭފުޅަކު ޙާޟިރުވެވަޑައިގެން، އެ ބިލްގައިވާ ކަންކަމާއި އެބިލްގެ މަފްހޫމާމެދު ކޮމެޓީއަށް ވަނީ ދިނީ ނަޒަރަކުން މަޢުލޫމާތާއި ލަފާދެއްވާފައެވެ. ފިޤްހު އެކަޑަމީގެ މެންބަރުން ވިދާޅުވީ މުޖުތަމަޢުގެ އިޞްލާޙަށްޓަކައި އަދި އިސްލާމީ މުޖުތަމަޢެއްގެ ރައްޔިތުންގެ ކަރާމާތަށްޓަކައި މިފަދަ ޤާނޫނެއް ރާއްޖެއަށް މުހިންމު ވެފައިވާ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި، ކޮމެޓީގެ މަރުޙަލާގައި ދިރާސާކުރައްވަމުން ގެންދަވާ، އަބުރު ރައްކާތެރިކުރުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ބިލާމެދު، މަޖިލީހުގެ ކަމާބެހޭ ކޮމެޓީއަށް ދީނީގޮތުން މަޢުލޫމާތުދެއްވައި، ލަފާދެއްވުމަށް ވަޑައިގެންނެވީ ފިޤްހު އެކަޑަމީގެ 4 މެންބަރުންނެވެ. އެ ބޭފުޅުންނަކީ ކޮމެޓީގެ ނާއިބު ރައީސް އަލްއުސްތާޛު އިބްރާހީމް ރަޝީދު މޫސާއާއި ކޮމެޓީގެ މެންބަރުންކަމުގައިވާ އައްޝައިޚް މުޙައްމަދު ލަޠީފާއި އައްޝައިޚު އިބްރާހީމް އަޙްމަދާއި އައްޝައިޚް ޙަސަން ތައުފީޤެވެ.

މި ބޭފުޅުން، މަޖިލީހުގެ ކޮމިޓީގައި ދެއްކެވި ވާހަކަފުޅުގައި، ވިދާޅުވީ، އެއްވެސް އިންސާނެއްގެ އަބުރާބެހުމަކީ އެއްވެސް މީހަކަށް އިސްލާމް ދީން ހުއްދަކުރާ ކަމެއް ނޫން ކަމަށެވެ. އަދި އެކަމަކީ ކީރިތި ރަސޫލު (ޞ.ޢ.ވ) ކަނޑައެޅިގެން މަނާކުރައްވާފައިވާ ކަމެއް ކަމަށެވެ. އަދި އަބުރާބެހުމަކީ ޝަރުޢީ އަދަބު ކަނޑައެޅިފައިވާ ކުށެއް ކަމަށެވެ. އަދި އިންސާނާގެ އަބުރަކީ، އިސްލާމް ދީނުގައި ވަރަށް ބޮޑަށް ޙުރުމަތްތެރިކޮށްފައިވާ އެއްޗެއް ކަމަށެވެ. ދިވެހި މުޖުތަމަޢުގައި އެކަކު އަނެކެއްގެ އަބުރަށް އަރައިގަތުން އިތުރުވެފައިވަނީ ނުރައްކާތެރި މިންވަރަކަށް ކަމަށް ސިފަކުރައްވައި، އެބޭފުޅުން ވަނީ އެކަން ޙައްލުކުރުމަކީ މަސްއޫލިއްޔަތުތަކާއި ޙަވާލުވެވަޑައިގެން ތިއްބެވި ބޭފުޅުންގެ ޒިންމާއެއްކަން ބަޔާންކުރައްވައި އެކަން ސަމާލުކަމަށް ގެންނަވާފައެވެ.

މަޖިލީހުގެ ކޮމެޓީގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން، އަލްއުސްތާޛު އިބްރާހީމް ރަޝީދު މޫސާ ވިދާޅުވި އަބުރުގެ ޢަމަލުތަކުގެ ތެރޭގައި ހިމެނޭ ޝަރަފަށް އަރައިގަތުމާއި މީހުންނާއި ދިމާލަށް އެއްޗެހި ކިޔުމާއި މަލާމާތް ކުރުމާއި އަގުވައްޓާލުމާއި ޤަޒްފުކުރުން ފަދަ ކަންކަމަކީ ޖިނާޢީ ކުށުގެ ޢަމަލުތައް ކަމަށެވެ. ޚާއްޞަކޮށް ޤަޒްފަކީ ޙައްދު ކަނޑައެޅިފައިވާ ކުށެއްކަން ފާހަގަކުރެއްވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީގައި އަބުރު ރައްކާތެރިކުރުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގައި އިސްލާމް ދީނުގެ ޚުދޫދު އޮންނަ ގޮތުގެ މައްޗަށް ވާހަކަފުޅުދައްކަވަމުން، އައްޝައިޚް މުޙައްމަދު ލަޠީފް ވިދާޅުވީ އިންސާނާގެ އަބުރަކީ އިސްލާމް ދީނުގައި މަތިވެރި ދަރަޖައެއްގައި ޙުރުމަތްތެރިކުރެވިފައިވާ އެއްޗެއްކަމަށެވެ. އެހެންކަމުން، އަބުރު ރައްކާތެރި ކޮށްދިނުމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ޚުދޫގެ ކަނޑައެޅުމަކީ ދިވެހި މުޖުތަމަޢުގައި ކަންކަން ހުރި ގޮތަށް ބަލާއިރު މުހިންމުވެފައިވާ ކަމެއް ކަމަށެވެ.

އައްޝައިޚް މުޙައްމަދު ލަޠީފް ބަޔާންކުރެއްވި ގޮތުގައި ކީރިތ ރަސޫލު (ޞ.ޢ.ވ) ގެ ޙައްޖުވިދާޢުގެ ޚުޠުބާގައި މައްކާގައިވެސް އަދި މަދީނާގައިވެސް އެންމެ ބޮޑަށް ބާރުއެޅުއްވި އެއްކަމަކީ، އިންސާނާގެ އަބުރާއި ކަރާމާތް ރައްކާތެރި ކުރެއްވުން ކަމަށް. އެކަމަށް ޚާއްޞަ ގޮތެއްގައި ބާރުއަޅުއްވައި ވަޞިއްޔަތް ކުރެއްވިކަން ޝައިޚު މުޙައްމަދު ލަޠީފް ފާހަގަކުރެއްވިއެވެ.

މި ބައްދަލުވުމުގައި ފިޤްހު އެކަޑަމީގެ މެންބަރ އައްޝައިޚް އިބްރާހީމް އަޙްމަދު ވިދާޅުވި ގޮތުގައި އަބުރަށް އަރައިގަތުމަކީ މުއުމިނުންގެ ތެރޭގައި ކުރެވިގެން ވާނެކަމެއް ނޫން ކަމަށެވެ. އަދި ކީރިތި ޤުރުއާނާއި ކީރިތި ރަސޫލު (ޞ.ޢ.ވ) ސުންނަތުގެ އަލީގައި ވާހަކަފުޅުދައްކަވަމުން އޭނާ ސިފަކުރެއްވި ގޮތުގައި އަބުރުގެ ރައްކާތެރިކަން ލިބުމަކީ އިންސާނީ ޙައްޤުގެ ތެރެއިން މުހިންމު ޙައްޤެއް ކަމަށެވެ.

ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި، ކޮމެޓީގެ މަރުޙަލާގައި ދިރާސާ ކުރައްވަމުން ގެންދަވާ، އަބުރު ރައްކާތެރި ކުރުމާއި ޚިޔާލުފާޅު ކުރުމުގެ މިނިވަންކަމުގެ ބިލާމެދު، މަޖިލީހުގެ ކަމާބެހޭ ކޮމެޓީއަށް ދިނީގޮތުން މަޢުލޫމާތުދެއްވައި ލަފާދެއްވުމަށް ވަޑައިގެންނެވި ބޭފުޅުންގެ ތެރެއިން އައްޝައިޚް ޙަސަން ތައުފީޤް ވިދަޅުވީ އަބުރަށް އަރައިގަތުމަކީ ދުނިޔެއާއި އާޚިރަތުގައި އަޛާބު ލިބޭނެ ކަމެއްކަން ކީރިތި ޤުރުއާނުން އެނގެން އެބައޮތް ކަމަށެވެ. އަދި އަބުރަށް އަރައިގަތުމުގެ ވާހަކައެއްގެ ނުބައިކަމުގެ ބޮޑުކަން ކީރިތި ރަސޫލަ (ޞ.ޢ.ވ) ގެ ސުންނަތުން، ސާފުވާކަން ބަޔާންކުރެއްވިއެވެ.

މި ބައްދަލުވުމުގައި ބިލް ދިރާސާކުރައްވާ ކޮމެޓީގެ މެންބަރުންގެ ސުވާލުތަކަށް އިސްލާމް ދީނާއި ކީރިތި ރަސޫލު (ޞ.ޢ.ވ) ގެ ސުންނަތުގެ އަލީގައި ފިޤްހު އެކަޑަމީގެ މެންބަރުން ތަފްޞީލްކޮށް ޖަވާބުދެއްވައި، މަޢުލޫމާތު ދެއްވިއެވެ. އަދި ދިވެހި މުޖުތަމަޢުގެ ހުރިހާ ފެންވަރެއްގެ ހުރިހާ ގިންތިއެއްގެ އަފްރާދުންގެ އަބުރު ރައްކާތެރި ކުރެވޭނެ ގޮތަށް ޤާނޫނުތައް ބައްޓަން ކުރެއްވުމަށް މި ބޭފުޅުން ބާރުއެޅުއްވިއެވެ.