ކުޅިވަރު

ޕްރެޒިޑެންޓްސް ކަޕް: ފައިނަލަށް ސީބީއެލް އާއި މާލޭ ސްޕޯޓްސް ކުލަބު


ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް) އިން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ ޕްރެޒިޑެންޓްސް ކަޕުގެ ފައިނަލަށް ސީބީއެލް ސްޕޯޓްސް ކުލަބާއި މާލޭ ސްޕޯޓްސް ކުލަބު ދަތުރުކޮށްފިއެވެ.

ސީބީއެލް މުބާރާތުގެ ފައިނަލަށް ދަތުރުކުރީ ސެމީފައިނަލުގެ ފުރަތަމަ މެޗުގައި މިލާން ކްރިކެޓް އެކެޑަމީ 60 ލަނޑުން ބަލިކުރުމަށްފަހުއެވެ.

ކުޅިވަރު އެކުވެނީގެ އެއްނަންބަރު ކްރިކެޓް ދަނޑުގައި ހުކުރު ދުވަހު ހެނދުނު ކުޅުނު މެޗުގައި ގުރުދިމާވުމުން ސީބީއެލް ގަސްދުކުރީ ކުޅުމަށެވެ. ސީބީއެލް ކުޅެންއަރާ 20 އޯވަރު ހަމަވިއިރު 7 ކުޅުންތެރިން ނުބައިވެގެން ހަދާފައިވަނީ 120 ލަނޑެވެ. އެޓީމުން އެންމެ ރަނގަޅަށް ކުޅުނީ 21 ބޯޅައިން 33 ލަނޑު ހެދި ކަނިސްކާ ޕެރޭރާއެވެ.

ދެޓީމުގެ ފަރާތުން ދަށް ކުޅުމެއް ފެނިގެންދިޔަ މެޗުގައި ޖަވާބުގައި މިލާން ކުޅެންއަރާ 17 ވަނަ އޯވަރުގެ ތެރޭގައި ހުރިހާ ކުޅުންތެރިން ނުބައިވެގެން ހެދުނީ 60 ލަނޑެވެ. އެޓީމުން އެންމެ ރަނގަޅަށް ކުޅުނީ 22 ބޯޅައިން 19 ލަނޑު ހެދި ތުސާރެއެވެ.

މުބާރާތުގެ ދެވަނަ ސެމީ މާލެ ސްޕޯޓްސް ކުލަބުން ކާމިޔާބުކުރީ ނިއު ސްޓަރއާ ވާދަކޮށް 61 ލަނޑުންނެވެ.

މިމެޗު މާލެ ސްޕޯޓްސް ކުލަބުން ކާމިޔާބު ކުރުމާއެކު މުބާރާތުގެ ތިންވަނަ ސެމީގައި އެޓީމުން ނުކުތީ ފުރަތަމަ ސެމީ މެޗުން ބަލިވި މިލާންއާ ދެކޮޅަށެވެ. މި މެޗު މާލެ ސްޕޯޓްސް ކުލަބުން ކާމިޔާބު ކުރީ 6 ވިކެޓުންނެވެ.

ހޮނިހިރު ދުވަހުގެ މެންދުރުފަހު ކުޅުނު މެޗުގައި މިލާން ކުޅެންއަރާ 20 އޯވަރުގެ ތެރޭގައި 6 ކުޅުންތެރިން ނުބައިވެގެން ހެދުނީ 145 ލަނޑެވެ. އެޓީމުން އެންމެ ރަނގަޅަށް ކުޅުނީ 43 ބޯޅައިން 57 ލަނޑު ހެދި ޔޫސުފް އަޒިޔާން އެވެ.

ޖަވާބުގައި މާލެ ސްޕޯޓްސް ކުލަބުން ކުޅެންއަރާ 19 ވަނަ އޯވަރުގައި ހަތަރު ކުޅުންތެރިން ނުބައިވެގެން 146 ލަނޑުހަދާ މެޗު ކާމިޔާބުކޮށް ފައިނަލުގެ ފަހު ޖާގަ ކަށަވަރު ކުރިއެވެ.

އެޓީމުން އެންމެ ރަނގަޅަށް ކުޅުނީ މެޗުގައި މޮޅު ކުޅުމެއް ދެއްކި އަދި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި މުހައްމަދު ސިޔާމްއެވެ. އޭނާ ވަނީ މެޗުގައި ނުބައިނުވެ 31 ބޯޅައިން 75 ލަނޑު ހަދާފައެވެ.

ހުސްވި އަހަރު މި މުބާރާތުގެ ތަށި ސީބީއެލް ކާމިޔާބުކުރީ ފައިނަލުގައި މިލާން އަތުން އެންމެ ލަނޑަކުން މޮޅުވެގެންނެވެ.

ޕްރެޒިޑެންޓްސް ކަޕުގެ ތަށި ދިފާއުކުރުމަށް ސީބީއެލް ފައިނަލުގައި ނުކުންނާނީ މާލެ ސްޕޯޓްސް ކުލަބާ ދެކޮޅަށެވެ. މި ދެޓީމު ވާދަކުރާ ފައިނަލު މެޗު އޮންނާނީ މިމަހު 8 ވަނަ ދުވަހުއެވެ.