ޚަބަރު

ޔަހޫދީންގެ ހަރުކަށި ވަޒީރު ބެން ގަވީރް އަޤްޞާގެ ހުރުމަތް ކަނޑައި އެމިސްކިތުގައި އަޅުކަން ކޮށްފި


ފަލަސްޠީނުގެ ބައިތުލްމަޤްދިސްގައި ހުންނަ މުސްލިމުންގެ ތިންވަނައަށް އެންމެ މުޤައްދަސް ބިނާ ކަމުގައިވާ މަސްޖިދުލްއަޤްޞާއަށް ޔަހޫދީންގެ ހަރުކަށި ވަޒީރު އިތަމާރް ބެން ގަވީރް ވަދެ އަޅުކަންކޮށްފިއެވެ.

އޭނާ އަކީ ފަލަސްޠީން ނެތިކޮށްލަން އެންމެ ބޮޑަށް ފޫގަޅައިގެން މަސައްކަތް ކުރަމުންދާ، އެ ކަމަށް އެންމެ އަޑުހަރުކޮށް ބާރުއަޅަމުންދާ ޔަހޫދީ އިސްރާޢީލުގެ އެންމެ ޖައްބާރު އެއް ވަޒީރެވެ.

މަސްޖިދުލްއަޤްޞާގެ ގޯތިތެރެއަށް ވަނުމުގެ ހުއްދަ ޔަހޫދީންނަށް ލިބިފައިވިޔަސް، އެތަނުގައި އަޅުކަން ކުރުން ވަނީ މަނާކޮށްފައެވެ.

މަސްޖިދުލްއަޤްޞާ ބަލަހައްޓައި ވަޤްފު ޖަމުޢިއްޔާއިން ބުނީ، ގާތްގަނޑަކަށް ހާހެއްހާ ޔަހޫދީންގެ ބައިގަނޑަކާއެކު، ގަވީރް ވެސް އެ މިސްކިތަށް ވަދެ، އަޑުގަދަކޮށް، ނަށައި، އަޅުކަންކޮށްފައިވާ ކަމަށެވެ. އެ މަންޒަރުތައް ފެންނަ ދެ ވީޑިޔޯއެއް ވެސް ވަނީ ސޯޝަލް މީޑިޔާގައި އާންމުވެފައެވެ.

ގަވީރް ނެރުނު ބަޔާނެއްގައި ބުނީ، ފަލަސްޠީނުގެ ޙައްޤުގައި މަސައްކަތް ކުރަމުންދާ ޙަމާސް ޖަމާޢަތުގެ މައްޗަށް ކާމިޔާބު ހޯދުމަށް، މަސްޖިދުލްއަޤްޞާގައި އަޅުކަންކޮށްފައިވާ ކަމަށެވެ. އަދި މުޅި ޣައްޒާ ޔަހޫދީންގެ އަތްދަށަށް ގެނެސް، މަސްޖިދުލްއަޤްޞާގައި ޔަހޫދީންނަށް އަޅުކަންކުރެވޭ ގޮތް ހެދުމަށް އޭނާ ގޮވައިލިއެވެ.

ޔަހޫދީ ދައުލަތުގެ ޤައުމީ ސަލާމަތާ ބެހޭ ވަޒީރު ގަވީރު މީގެކުރިން ވެސް ވަނީ އެތައް ފަހަރެއްގެ މަތިން މަސްޖިދުލްއަޤްޞާއަށް ވަދެ މުސްލިމުންނަށް ފުރައްސާރަކޮށް، ގޯނާކޮށްފައެވެ.

ފަލަސްޠީނުގެ ރައީސް މަޙްމޫދު އައްބާސްގެ ތަރުޖަމާނަކު ވިދާޅުވީ، މަސްޖިދުލްއަޤްޞާގެ ހުރުމަތް ކަނޑާލައިގެން، ގަވީރް ވަނީ ހުރިހާ ރަތް ރޮނގުތަކެއް ހުރަސްކޮށްފައި ކަމަށެވެ.

އަދި މި ޢަމަލީ ފަލަޞްތީނުގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ އިސްރާއީލުން ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކަށް އިތުރުވި ބޮޅެއް ކަމަށާއި، އިސްރާއީލުން ހިންގަމުންދާ ޖަރީމާތައް ވަގުތުން ވަގުތަށް ހުއްޓުވަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.