ކޯޓުތަކުގައި މައްސަލަތައް ލަސްވާ މައްސަލައަށް ހައްލު ހޯދަން ޝަރުޢީ މަރުހަލާގައި ހަރަކާތްތެރިވާ ހުރިހާ ފަރާތްތަކެއް އެއް މިސްރާބަކަށް މަސައްކަތް ކުރަންޖެހޭކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން، ޖޭއެސްސީގެ ރައީސް އަލްއުސްތާޛު ޙުސައިން ރިޒާ އަދާމް ވިދާޅުވެއްޖެއެވެ. ޖޭއެސްސީގެ ރައީސް މިހެން ވިދާޅުވީ، ހައިކޯޓުގެ ފަނޑިޔާރުކަމަށް، ޢަބްދުﷲ ޖަމީލު މޫސާ އައްޔަން ކުރުމަށް ބޭއްވި ރަސްމީއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.
ޖުޑީޝަލް ސާވިސް ކޮމިޝަންގެ ރައީސް ޙުސައިން ރިޒާ އާދަމް ވަނީ ޝަރުޢީ ކޯޓުތަކުގެ ފަނޑިޔާރުންނަކީ މުޖްތަމަޢު ބަލައިގަންނަ ބަޔަކަށްވުމަށާއި، ޝަރުޢީ ދާއިރާގައި ހިނގާ ކަންކަން ރަނގަޅަށް ދަނެގަނެން މަސައްކަތް ކުރާ ބަޔަކަށް ވުމަށް ގޮވާލައްވާފައެވެ. އަދި މައްސަލަތައް ނިންމުމުގައި ޢަދުލު އިންސާފަށް އިސްކަން ދިނުމަށްވެސް ޖޭއެސްސީގެ ރައީސް އިލްތިމާސްކުރެއްވިއެވެ.
ރިޒާގެ ވާހަކަފުޅުގައި ބޮޑަށް އަލިއަޅުއްވާލެއްވީ ޝަރުޢީ ކޯޓުގަތަކުގައި ހިންގަމުންދާ މައްސަލަތައް ލަސްވާ މައްސަލައަށެވެ. އޭނާ ވިދާޅުވީ މި މައްސަލައަކީ ހަމައެކަނި ކޯޓުތަކުގެ ސަބަބުން ދިމާވާ މައްސަލައެއް ނޫންކަމަށާއި، މިކަމުގައި ޕްރޮސެކިއުޓަރ ޖެނެރަލް، ބަންޑާރަ ނައިބު، ފުލުހުންގެ ޚިދުމަތް، މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އަދި ދިފާޢީ ވަކީލުންގެ ދައުރުވެސް އޮންނަކަމަށެވެ.
"މައްސަލަތައް ލަސްވާ ސަބަބުތަކުގައި މިހުރިހާ ފަރާތްތައް ޝާމިލްވޭ، ބައެއް ފަހަރު ހެކިން ހާޒިރު ނުވެގެން. އަނެއް ބައި ފަހަރު ޚަބީރުން ނުގެނެވިގެން. އަނެއްބައި ފަހަރު ތަރުޖަމާނުން ނުލިބިގެން. އަދި މި ނޫންވެސް އެތައް ސަބަބުތަކެއް އެބަހުރި. މައްސަލަތައް ހައްލުކުރެވޭނީ ކޯޓުތަކުން އެކަންޏެއް ނޫން. އިިހުނަށް ވުރެ ދެ ގުނައަށް މަސައްކަތް ކުރަން ޖެހޭ. އެއް ދަންފަޅިން މަސައްކަތްކޮށް ހުކުމަށް ވާސިލް ނުވެވޭނެ ނަމަ ދެ ދަންފަޅިއަށް ކޯޓުތަކުގައި މަސައްކަތް ބަހައިގެން ކުރިއަށް ގެންދަން ޖެހޭ. " ޖޭއެސްސީގެ ރައީސް ހުސައިން ރިޒާ ވިދާޅުވިއެވެ.
ޝަރުޢީ މަރުހަލާގައި ހުރި މައްސަލަތައް ދިގުލައިގެންދިއުމަކީ ރައްޔިތުންގެ މެދުގައި އޮތް އެންމެ ބޮޑު ކަންބޮޑުވުންކަން ފާހަގަކުރައްވަމުން ރިޒާ ވިދާޅުވީ، އެ މައްސަލަ ހައްލުކުރަން ޖޭއެސްސީގެ އިސްނެންގެވުމުގެ މަތިން ކޮންމެ ތިން މަހަކުން ކޯޓުތަކުގެ ހިންގަމުންދާ މައްސަލަތަކުގެ ތަފާސް ހިސާބުތައް ނަގަމުންދާ ކަމަށެވެ. އަދި ކުރިއަށް އޮތް ސެޕްޓެމްބަރ މަހަށް އެ ރިޕޯޓު ޖޭއެސްސީއަށް ކޯޓުތަކުން ފޮނުވާއިރު މައްސަލަތައް ކެންސަވި ސަބަބުތައް ހިމެނުމަށް އެދިވަޑައިގެންނެވިއެވެ.
"ސެޕްޓެމްބަރު މަހުގެ މައްސަލަތައް ޖޭއެސްސީއަށް ފޮނުވާއިރު، އާންމުކޮށް ކޯޓުގައި ތަކުގައި މައްސަލަ ކެންސަލްވާނަމަ ލިއުއްވާނެ ސަބަބު. އެހެންވީމަ ޖޭއެސްސީއަށް ފޮނުވާއިރު ސަބަބު ބަޔާންކޮށް ފޮނުވުން އެދެން. ފަރުވާ ދެވޭނީ ބަލި ރަނގަޅަށް އެނގިގެން. އެހެންވީމަ ބަލި ދެނެގަންނަން އެންމެ މުހިންމު ސަބަބަކީ ކެންސަލްވާ ސަބަބު ދެނެގަތުން. " ރިޒާ ވިދާޅުވިއެވެ.
ޖޭއެސްސީގެ ރައީސް ވަނީ ކޯޓުތަކުގައި މައްސަލަ ފުނިޖެހިފައިވާކަމުގެ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އަދި ތަފާސް ހިސާބުތައްވެސް ހިއްސާކުރެއްވިއެވެ
- ހައި ކޯޓު - 11 ފަނޑިޔާރުން - 981 މައްސަލަ
- ކްރިމިނަލް ކޯޓު - 11 ފަނޑިޔާރުން - 2051 މައްސަލަ
- ސިވިލް ކޯޓު - 17 ފަނޑިޔާރުން - 4077 މައްސަލަ
- ފެމިލީ ކޯޓު - 7 ފަނޑިޔާރުން - 214 މައްސަލަ
- ޖުވެނައިލް ކޯޓު - 3 ފަނޑިޔާރުން - 21 މައްސަލަ
- ޑްރަގް ކޯޓު - 5 ފަނޑިޔާރުން - 1330 މައްސަލަ
މިމައްސަލަތަކުގެ އިތުރަށް ރާއްޖޭގެ އެންމެ މަތީ މަރުހަލާގެ ކޯޓު، ސުޕްރީމް ކޯޓުގައިވެސް މަރުގެ މައްސަލަތަކެއްގައި ނިހާޔީ ހުކުމެއް ނެތި ދިގުލައިގެން ގޮސްފައިވާ މައްސަލަތައް ހުރިކަން ޖޭއެސްސީން ވަނީ ފާހަގަކުރައްވާފައެވެ.
ޝަރުޢީ ދާއިރާގައި މައްސަލަތައް ދިގުލައިގެންދާ މައްސަލައަށް ހައްލެއް ހޯދައިދިނުމަށް، އެކަމުގައި ދިމާވާ ދަތިތަކަށް ހައްލު ހޯދައިދިނުމަށް ސަރުކާރުން ދަނީ މަސައްކަތްކުރައްވަމުންނެވެ. އެގޮތުން އެކަށީގެންވާ މާހައުލެއް ކޯޓުތަކަށް ކަށަވަރުކޮށްދިނުމުގެ ގޮތުން ހުޅުމާލޭގައި ކޯޓު ކޮމްޕްލެކްސް އެއް އެޅުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. މިއީ ޝަރީޢަތް ބޭއްވުމަށް ދިމާވެފައިވާ ޖާގައިގެ މައްސަލައަށް ހައްލު ހޯދުމަށް ކުރަމުންދާ މަސައްކަތެކެވެ. މީގެ އިތުރުން ޤާނޫނީ ގޮތުން ގެންނަން ޖެހޭ އިސްލާހުތައް ގެނައުމުގެ މަސައްކަތްވެސް ދަނީ ކުރަމުންދެއެވެ.